އިދިކޮޅު ޕީޕީއެމުން އިއްޔެ މާލޭގައި ބޭއްވި ”ނޭވާހޮޅިޔަށް“ އިހުތިޖާޖަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އަޑު އުފުލުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި ހަރަކާތަށް ރަށްރަށުން މީހުން އައުމަށް ހަމަޖެހިފައިވާއިރު، ހަރަކާތުގެ މަންޒަރާ ފޯރި ކުޑަކުރުމަށް ސަރުކާރުން އޮތީ ފިސާރި ”ގަދަކޮށް“ ރަޔަޓް ނެރެފައެވެ. އެއްގަމާ ކަނޑުންނެވެ. އާންމުންނަށާއި އިދިކޮޅުގެ އިސް ބޭފުޅުންނަށް ޕީޕީއެމް އޮފީހާ 100 މީޓަރަށް ކައިރިވިޔަކަވެސް ނުދިނެވެ.
އެއްވުން ރޭވިގެން ދިޔަ ގޮތް
އެނގިފައިވާގޮތުގައި އިދިކޮޅުން އޮތީ ގާނޫނީ ގޮތުން އެއްވުން ހުއްދަ ސަރަހައްދު ކަމަށްވާ ކާނިވާ ސަރަހައްދަށް އެއެވުމަށްފަހު ބޮޑު މަންޒަރު ދައްކާ ގޮތަށެވެ. އެގޮތުގެ މަތިން ކުރީބައިގަ ފުލުހުންނަށް ރަސްމީކޮށް އެކަން އަންގާފައިވެއެވެ. އެކަމަކު އެއްވުން ފެށުމުގެ އެއް ދުވަސްކުރިން، އެ ހަރަކާތުގެ ތެރެއިން ގާނޫނާ ހިލާފް ކަންތައްތަކެއް ފުލުހުންގެ އިސްވެރިންނަށް ފެނިގެން އެ ފުރުސަތު ނުދިނީއެވެ. އަދި އެއްވުމުގައި ބައިވެރިވާން މާލެއަށް އައި ބައެއް މީހުންނަށް ކޯސްޓު ގާޑުން ހުރަސް އެޅުމުގެ ސަބަބުން އިދިކޮޅުގެ ޕްލޭންގެ ބޮޑުބައި ފްލޮޕް ވީއެވެ. އެހިސާބުން އިދިކޮޅުން ނިންމީ ޕީޕީއެމް އޮފީސް ސަރަހައްދާއި މާލޭގެ އެކި ސަރަހައްދުތަކުން އާންމުން ނެރެގެން ކާނިވަލަށް މިސްރާބު ޖެހޭތޯއެވެ.
އެއްވުން ފެށުމުގެ މާކުރިން ސަރުކާރުގެ ރަޔަޓް ނިކުމެ މީހުން ހައްޔަރު ކުރަން ފެށިއެވެ. ރަތް ކުލައިގެ ޓީޝާޓަކީ ރަންނަމާރީގެ ގޮތުގައި ދެކެމުންނެވެ.
”ފުލުހުންގެ ބަހާ އަމަލުތައް ހުރިގޮތުން އެނގުނު ގިނަ ބަޔަކު ކާނިވަލަށް ވަންނަން ދާން ފުރުސަތު ނުދޭނެކަން. ޕްލޭން ބަދަލުކޮށް، އެކި ދިމަ ދިމާލުން މީހުން ނިކުމެގެންވެސް ބޭނުންވީ ކާނިވަލަށް ގިނަ ބަޔަކަށް ވަނުމުގެ ފުރުސަތު ހޯދަން. އެއީ ގާނޫނީ ހައްގެއް.“ ޕީޕީއެމް ހަރަކާތު ޑިޕާޓުމެންޓްގެ ފަރާތުން ބުންޏެވެ.
ހަރަކާތުގެ މަންޒަރާ ފޯރި ކުޑަ ކުރުމަށް ސަރުކާރުން ހިންގި ރަޔަޓާ ދެކޮޅަށް އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން އަޑު އުފުލަމުންގޮސް ކުރީގެ މަސްވެރިންގެ ޕާކާ ހަމައިން ފުލުހުންގެ އަތްދަށުވިއެވެ. އޭރު ޗާންދަނީ މަގު ޖަންކްޝަނުން ފެށިގެން ކާނިވަލާ ހަމައަށް އެއް ބަޔަކު އައީ އަޑު އުފުލަމުންނެވެ. އަދި ޕީޕީއެމް އޮފީސް ސަރަހައްދުގައި ޖަހާފައި ހުރި ބެރިކޭޑްތައް ކައިރީގައިވެސް ބައެއް މީހުން ތިއްބެވެ. އެއްވުމުގެ ”ދިލަ“ ކުޑަކުރުމަށްޓަކައި ސަރުކާރު ރަޔަޓަށް ޖެހުނީ އިދިކޮޅުގެ އިސްބޭފުޅުން ހިމެނޭގޮތަށް ޖުމްލަ 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު 11 މީހަކު ދޫނިދޫ ޖަލަށް، ހައްޔަރަށް ލާށެވެ. އޭރު އޮތީ ސަރުކާރުގެ ”ދެމީހަކު އެއްވިޔަސް ރޫޅާލައި މަންޒަރު ފޮހެލާ“ ޕްލޭން ފްލޮޕްވެ އިންޑިއާ އައުޓް ގޮވަމުން އާންމުން މަގުމައްޗަށް ނިކުމެފައެވެ. އަދި އެމީހުން ކާނިވަލަށް ޖަމާވިއިރު، މުޅި އެއްވުމަށް އިދިކޮޅުން އެގޮތް މިގޮތް ހަދައިގެން ނެރެވުނީ ހާހެއް ހާ މީހުންނެވެ. އެކަމަކު ސަރުކާރު ރަޔަޓުން އޮތީ އެ އަދަދު އެއްތަންވިޔަ ނުދިނުމަށްޓަކައި ގަދަފައި ވިއްދާފައެވެ. އެއީ މަންޒަރު ކުޑަވުމަށް ދިމާވި ހާލަތެވެ. ސަރުކާރުގެ ބައިބައިކޮށްލުމުގެ ސިޔާސަތެވެ.
އެއްވުމުގެ ކަންކަން އިންޑިއާއިން ދިޔައީ ކައިރިން ބަލަމުން
ނޭވާހޮޅިޔަށް އިހުތިޖާޖުގެ ކަންކަން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއިން ކައިރިން ބަލަމުން ދިޔަ ކަމުގެ މުއުތަބަރު މައުލޫމާތު ”ބޮންތި“ އަަށް ވަނީ ލިބިފައެވެ. އެމްބަސީއިން މިކަން ބެލީ ދެގޮތަކަށެވެ. އެއްވުން ލައިވް ކުރަމުންދިޔަ ސޯޝަލް މީޑިއާގެ މީޑިއަމްތަކާއި ޓީވީ ޗެނަލްތައް ބަރާބަރަށް ބަލައި، މުޅި އެއްވުން އެނަލައިޒް ކުރަމުން ދިޔައެވެ. އަދި އިންޑިއާގެ އިންޓެލިޖެންސް އޮފިސަރުން އެއްވުމުގެ ތެރެއަށް ފޮނުވައިގެން ވަމުންދާގޮތުގެ އެންމެ ފަހުގެ މައުލޫމާތު ދިޔައީ ހޯދާ އަދާހަމަ ކުރަމުންނެވެ.
ނޫސްވެރިޔާ ޝަފްރާޒުގެ ދުރުމިއަށް އެރި މަންޒަރު
ވޮއިސް ނޫހުގެ ޗީފް އެޑިޓަރު ޝަފްރާޒް އަހުމަދު ހުސެއިން ވެސް ދިޔައީ އެހެން މީޑިއާތަކުގެ ކްރޫއިންނާ އެއްކޮށް އެއްވުން ކަވާ ކުރަމުންނެވެ. ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކުން ފުލުހުންގެ ވެހިކަލެއް ކައިރިން ބިދޭސީއަކު އެއްވެސް ކަހަލަ ފާހެއް ނާޅައި، ޖާސޫސެއްގެ ގޮތުގައި ޝައްކު ކުރެވޭ ހަރަކާތްތަކެއް ކުރަނިކޮށް ޝަފްރާޒް ވަނީ އޭނާގެ ފޮޓޯ ނެގުމަށްފަހު އިއްޔެ 19:23 ގައި ފުލުހުންނާ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ލިބުނީ މިއަދު ހެނދުނު 10:16 ގައެވެ.
އިންޑިއާ ޓެކްނީޝަން https://t.co/9YfWg9vgtH pic.twitter.com/rxe7TuoKD6
— SHAFRAZ (Voice.mv) 🇲🇻 (@XefroX) March 25, 2022
ފުލުހުން ބުނީ އެއީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބަހާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމުގައެވެ. އިދިކޮޅުގެ އެއްވުމުގައި މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކު ކަމުގައެވެ. އަދި އެއީ އިންޑިއާއަށް ނިސްބަތްވާ މީހެއްކަން ފުލުހުންގެ ތެރެއިން ނުރަސްމީކޮށް ބައެއް ނޫސްވެރިންނަށް އޮތީ އެނގިފައެވެ. އެކަމަކު އޭނާ ނިސްބަތްވާ ގައުމު ރަސްމީކޮށް ފުލުހުން އޮތީ ސިއްރު ކޮށްފައެވެ.
ފަޅާއެރީ އިންޑިއާގެ އިންޓެލިޖެންސް އޮޕަރޭޝަނެއް ތަ؟
މި ސުވާލު އުފެދެން ޖެހުނީ ފުލުހުންގެ ވެހިކަލް ކައިރިން ފެނުނު މީހާގެ މައުލޫމާތު ފުލުހުން ހާމަކުރިގޮތުގެ ސަބަބުންނެވެ. ފުލުހުންގެ ހިދުމަތުގެ ވަޒީފާއެއްގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ވަނަވަރު އެނގޭނެ ކާޑެއް ނުވަތަ ފާހެއް، ނުވަތަ ނަންބަރެއްހާ މިންވަރުވެސް ނެތީ ކީއްވެގެން ހެއްޔެވެ؟ އޭނާ ނިސްބަތްވާ ގައުމު ހާމަކޮށްގެން ދިމާވާނެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ އެއްވުންތަކުގައި ކުލަހެދުމުގައި ހަރަކާތްތެރިވާ އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާއި، ފުލުހުންގެ މީޑިއާ އޮފިސަރުންގެ އިތުރުން އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާގެ މެންބަރުންގެ ވަނަވަރު އެނގޭއިރު، ބިދޭސީ މީހާ އަތުގައި އެއްވެސް ފާހެއް ނެތީ ކީއްވެ ހެއްޔެވެ؟ ނުވަތަ ފުލުހުންގެ ތެރޭގައި ފަސްޓް އެއިޑް ދެވޭނެ ގާބިލް ބަޔަކު ނެތީ ހެއްޔެވެ؟ އަދި އެބުނާ މެޑިކަލް އޮފިސަރު ފިސްތޯލައެއް ގެންގުޅުނު ކަމުގެ ތުހުމަތު ކުރާއިރު، ސާފު ސީދާ މައުލޫމާތު ހާމަނުކޮށް، އޭނާ އާއި ދިމާލަށް އާންމުން ހިތު ހުރިހާ އެއްޗެއް ކިޔުމުގެ ފުރުސަތު ފުލުހުންގެ އިދާރާއިން ފަހިކޮށްދެނީ ކީއްވެ ހެއްޔެވެ؟ އަދި އޭނާ އަކީ ދޫނިދޫ ފުލުހުންގެ މެޑިކަލް ޓީމުގެ ފުލުހުންނާ އެކު މަސައްކަތް ކުރާ ނަރުހެއް ކަމަށް ބައެއް މަސްދަރުތަކުން ބުނާއިރު، އެކަން ތެދު ނުކުރަނީ ކީއްވެ ހެއްޔެވެ؟
އެއްގޮތަކަށްވެސް އޭނާ އަކީ އިންޑިއާގެ ޖާސޫސީ އޮފިސަރެކޭ ބުނަނީ އެއް ނޫނެވެ. އެކަމަކު މެޑިކަލް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް އިންޑިއާ މީހުންނަކީ މިލިޓަރީގައި މަސައްކަތް ކޮށްފައިވާ، އަދި ޖާސޫސީ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަ ބައެއްކަމީ ”ނުދައްކާ ވާހަކަ“ އެކެވެ. ނޫސްވެރިޔަކު އޭނާގެ ފޮޓޯ ނަގާ ވީޑިއޯ ކުރުމުން ސަރަހައްދުން ގެއްލުމަކީވެސް ހަމަ އިއްތިފާގެއް ހެއްޔެވެ؟ އޭނާ ނިސްބަތް ވާ ގައުމު ހާމަކުރުމުގައި ފުލުހުންނަށް އޮތީ ކޮން މަޖުބޫރު ކަމެއް ހެއްޔެވެ؟ މިއީ ފުލުހުން ސާފު ޖަވާބު ދޭންޖެހޭ ސުވާލުތަކެވެ.
ކޮންމެއަކަސް ”ނޭވާހޮޅިޔަށް“ އިހުތިޖާޖުގެ ތެރެއިން ފެނުނީ ބޮޑު ދެ ދައުލަތް ގުޅިގެން އިދިިކޮޅުން ދައްކަން ބޭނުންވި މަންޒަރުގެ ކުލަ ފަނޑުކޮށްލުމަށް ގުންފައިޖެހި މަންޒަރެވެ.