އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައަޔޫމުގެ ވެރިކަމުގައި ޗައިނާ އާއި ގުޅުން ބަދަހި ކުރެއްވި ކަމަށާއި، އެކަމަކު ޗައިނާ އޮތީ އޮތް ތަނުގައި ކަމަށާއި، މި ސަރުކާރުން އިންޑިއާ އާއި ގުޅުން ބަދަހި ކުރުމުން ، އެގައުމުން ވަނީ ގޭގެ ސިޓިންރޫމަށް ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ރޭ ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި މުޒާހަރާއަށް ހުރަސްއެޅި ކަމަށާއި ފުލުހުންނާއި ސިފައިންގެ މުއައްސަަސާ އޮތީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒުން ތާހިރުކުރަން ޖެހިފައި ކަމަށާއި އަދި ސިފައިންނާއި ފުލުހުންގެ ތެރޭގައި ގިނައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ދެކޮޅު ހަދާ މީހުން ކަމަށެވެ.
”އިންޑިއާ އައުޓް ހަރަކާތް އުނގަދޫ ވަނީ ދިވެހި ސަރުކާރަކަށް ނޫން. އިންޑިއާ އައުޓުން އުނދަގޫވަނީ މޯދީ ކޯލިޝަނަށް. އެމީހުން އެ އަންގަނީ މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭށޭ،“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަބަދު ސަރުކާރަށް ވައްކަން ނުކުރެވޭނެ ކަމަށާއި އަބަދު މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް ނުތިބެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ އިދިކޮޅުން ކާމިޔާބުކުރާނެ އިންތިހާބެއް ކަމަށާއި އެ ދުވަހަކުން އެ މައްސަލަތައް ބަލައި އިންސާފުގެ ކުރިމައްޗަށް އެންމެން ގެންނާނެ ކަމަށެވެ.