ގަރާޖު ސިޓީގެ މައްސަލައަށް ސިޓީ ކައުންސިލުން ހައްލެއް ހޯދައިދެނީ
ގަރާޖު ސިޓީގެ މައްސަލައަށް ސިޓީ ކައުންސިލުން ހައްލެއް ހޯދައިދިނުމަށް ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ވެހިކަލެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަންތައް ކަމަށްވާ ޕާކު ކުރާނެ ގަރާޖު ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަމުގައެވެ.
މޭޔަރު ވިދާޅުވިގޮތުގައި ވެހިކަލެއް ގެނެސްގެން ރަޖިސްޓްރީ ކުރާއިރު އެ ވެހިކަލް ޕާކު ކުރާނެ ތަނެއް ނުވަތަ ގަރާޖެއް ހޯދަން ޖެހެނީ 80،000 ރުފިޔާ ނުވަތަ އެއް ލައްކަ ރުފިޔާއަށްވުރެ އަގުބޮޑުކޮށް ކަމުގައެވެ. އަދި އެއީ ޓްރާންސްޕޯޓު މިނިސްޓްރީ ތެރެއިން ހިންގާ ޖަރީމާއެއްގެ ގޮތުގައި އެކަން މުއިއްޒު ސިފަކުރެއްވިއެވެ.
”މިގޮތަށް މިކަން ކުރުމުގެ ސަބަބުން ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތް. ގަރާޖު ސިޓީ ހެއްދި ގެއަށް ގޮސް ބަލާއިރު ވެހިކަލެއް ނޯވޭ އެތާކު. ޕާކު ކުރާނެ ތަންކޮޅެއް ނޯވޭ. އެ ތަން ފެންނާންވެސް ނޯވޭ.“ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ފާހަގަކުރެއްވިގޮތުގައި ސިޓީ ކައުންސިލްގެ އަމާޒަކީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމުގައި އެ ވެހިކަލެއްގެ ވެރިފަރާތަށް ޕާކު ކުރާނެ ތަނެއް ހަމަޖެހޭ އުސޫލެއްގެ ތެރެއިން ހެޔޮ އަގެއްގައި ހޯދައިދިނުމެވެ. އެގޮތުން މާލޭގެ އެކި ތަންތަނުގައި ހެދުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކުގައި މިކަމަށް ހާއްސަ ސްލޮޓްތަކެއް ހަމަޖައްސާނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
ޕާކިން ސްލޮޓެއް ގަރާޖު ސިޓީގެ ގޮތުގައި ރަޖިސްޓްރީ ކުރަން ބޭނުންވާނަމަ 25،000 ރުފިޔާ ދެެއްކުމުން އެކަން ހަމަޖެހޭނެ ކަމަށާއި، މަހު ފީގެ ގޮތުގައި 1،500 ހަމަޖެއްސިކަމުގައި ވިޔަސް ކޯވިޑް-19 ގެ މި މުއްދަތުގެ ތެރޭގައި ނަގާނީ 1،000 ރުފިޔާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ. ޓެކްސީއެއް ނަމަ މަހު ފީއަކީ 750 ރުފިޔާ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
”މިއުޅެނީ ބިން ވިއްކާކަށް ނޫން. މިދެނީ ޕާކު ކުރާނެ ތަނެއް. ސްލޮޓް ދޭނީ އެ ވެހިކަލެއްގެ އުމުރަށް. ވެހިކަލް ވިއްކައިފިއްޔާ ސްލޮޓް ގެއްލޭނެ. މިހުރިހާ ކަމެއްވެސް ކުރާނީ އުސޫލުގެ ތެރެއިން.“ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ވަގުތީގޮތުން މާލޭގެ އެކި ސަރަހައްދުގައި ގަރާޖު ސިޓީއެއް ވެހިކަލަކަށް ހަމަޖެއްސިޔަސް ޕާކިން އިމާރާތްތަކުގެ ތެރެއަށް އެ ތަންތަން މުސްތަގުބަލުގައި ބަދަލުވާނެ ކަމުގައެވެ. އަދި ސިޓީ ކައުންސިލްގެ މަސައްކަތް ހުންނަ ގޮތުން ޕާކިން ސްލޮޓް ދީފަ އޮންނަ ތަން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލުން ގަރާޖު ސިޓީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ޓްރާންސްޕޯޓު މިނިސްޓްރީގެ ބައެއް ބޭފުޅުން ގުޅިގެން މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރައްވަމުން މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން އެކަން ކޮށްފިނަމަ، އެ ފަރާތްތައް ގުޅިގެން ބޮޑު އަގުގައި ހިންގާ މި ވިޔަފާރި ނިމުމަކަށް އަންނާނެ ކަމުގައެވެ.