ޚަބަރުސިޔާސީ

ހުސެއިން އިމްރާނަށް: އައުޓްވާންވީ ކޯއްޗެއްކަން ނޭނގިގެން ތިއުޅެނީ ގަމާރުކަމާ، ޖާހިލުކަމާ، ނުބައި ނުލަފާ ކަމުން!

 

އައުޓުވާން ގޮވަނީ ކޮން އެއްޗެއްކަން ނޭގިގެން އުޅެނީ ގަމާރުކަމާއި ޖާހިލުކަމާއި ނުބައި ނުލަފާ ކަމުން ކަމަށް ވިދާޅުވެ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ހޯމް މިިނިސްޓަރ އިމްރާން އަބްދުﷲ އަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވަނީ އެދިވަޑައިގެންފައެވެ. އެކަމާއި ގުޅިގެން އިއްޔެ މަޖިލީހުގައި އޮތް ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނުގައި އިންޑިއާ އައުޓް ކިޔާއިރު، އޭގެ ތެރެއިން އައުޓް ވާންވީ ކޯޗެއް ކަމެއް ނޭނގޭ ކަމުގައެވެ.

އިމްރާނަށް ރައްދު ދެއްވުމުގެ ގޮތުން ހުސެއިން ވަހީދު ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވީ މަޖިލިހުގައި އޮތް ބިލަކީ ދިވެހިންގެ އަތުން ރާއްޖެ ލޫދިގެންދާނެ ފަދަ ނުރައްކާތެރި ކަމެއްގެ ފެށުމެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމުގައެވެ. އަމިއްލަ އެދުމަށް ދިވެހިވަންތަކަން ނީލަންކިޔޭ ބިލަކަށް އެނބުރުން ގާތް ކަމަށާއި، އަޅުވެތިކަމަށް ކޮށޭ މަގެއްގެ ގޮތުގައި އިންޑިއާ އައުޓް ބިލު ސިފަވާކަމަށް ހުސެއިން ވިދާޅުވިއެވެ. އަދި ބޭރުވާން ނުވަތަ ފައިބާން ގޮވަނީ ކޮންބައެއްކަން ހުރިހާ ދިވެހިންނަށް އެނގޭ ކަމުގައި ހުސެއިން ވިދާޅުވިއެވެ.

”އައުޓުވާން ގޮވަނީ ކޮންއެއްޗެއްކަން ނޭގިގެން އުޅެނީ ގަމާރުކަމާއި ޖާހިލުކަމާއި ނުބައި ނުލަފާ ކަމުން. ދިވެހިން ކައިވެނި ކޮށްގެން އުޅޭ އިންޑިއާގެ ޅިޔަން ފަހަރިންގެ ވާހަކަ އެއް ނޫން ދިވެހިން ގޮވަނީ. އެ ގައުމުގެ އަސްކަރިއްޔާ އާއި ނުރަގަޅު ނުފޫޒުގައި ދިވެހި ދުސްތޫރު މުގުރާފައި ތިބި މީހުން އައުޓުވާން ޖެހޭ ވާހަކަ.“ ހުސެއިން ވަހީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ގޮވުން ހުއްޓުވާނެ ބިލެއްގެ ދަށުން ބަޔަކަށް ލިބޭ އަސާސީ ހައްގު ނިގުޅައިގަތުމުގެ ބަދަލުގައި، ދައުލަތުން ގެންގުޅޭ ހާރިޖީ ސިޔާސަތު ދިވެހިންގެ މިނިވަންކަމާއި އަޅުދާސް ވުމުން ސަލާމަތް ކުރެވޭނެ ގޮތަށް ބަދަލު ކުރުން ރަނގަޅު ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަންވެސް ހުސެއިން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ، ރާއްޖޭގެ ގޮތުގައި އޮންނަ މައިގަނޑު ސަބަބުތަކާއި، އަސާސްތަކާއި، ގައުމުގެ ސަލާމަތީ ތަނބުތަކުގައި ރެނދުލައި، އަޅުވެތިކަމަށް ހުށަހެޅިދާނެ ކަންކަމުން ދުރުހެލި ވާންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުސެއިން ވިދާޅުވިގޮތުގައި ދާހިލީ ހަމަނުޖެހުމެއް ކުރިމަތި ވެދާނެ ކަމުގެ ބިރަށް ގައުމަށް ވާނެ އެއްޗެއް ވުމުގެ ކުރިން ހާރިޖީ ސިޔާސަތުތަކަށް ބަލައި، މުރާޖާ ކޮށްލުން ރަގަޅުވާނެއެވެ.

”ދާހިލީ ހަމަނުޖެހުމެއް މި މައްސަލާއިގައި ކުރިމަތި ވާނަމަ، އެކަމުގެ އަސްލަކަށް ހާރިޖީ ސިޔާސަތުގެ ދޯހަޅިކަން ނުވެ ނުދާނެ.“ ހުސެއިން ވަހީދު ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް އަސަރު ކުރުވަނިވި އެކިއެކި ކަންކަމަށް ނަޒަރުކޮށް، ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ގައުމު ހުށަހެޅޭ ނުރައްކަލުން ސަލާމަތް ވާނެ ގައުމީ ހާރިޖީ ސިޔާސަތެއްގެ އޮނިގަނޑެއް އެކުލަވާލަން ޖެހޭކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ ސިޔާސީ މީހުންވެސް ކުޅެންވާ އެއްޗެއްސާއި ކުޅެން ނުވާ އެއްޗެހި ނުވަތަ ކަންކަން ހުންނާނެ ކަން ގަބޫލުކުރުން މުހިންމު ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button