ޚަބަރުސިޔާސީ

ދައުލަތް އެއްކޮށް ނިކުމެ އޮތަސް ”އިންޑިއާ އައުޓް“ ކެމްޕެއިން ނުހުއްޓުވޭނެ: ރައީސް ޔާމީން

މުޅި ދައުލަތް އެއްކޮށް ނިކުމެ އޮތަސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ނުހުއްޓުވޭނެ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓާނުލާ ބާރަށް ކުރިޔަށް ގެންދަވާނެ ކަމުގައެވެ. އަދި ސަރުކާރުން އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވާނެކަމަށް އިއުލާން ކުރުމަށްފަހު އެ ކެމްޕެއިން ހުއްޓުވުމަށް މުޅި ދައުލަތް ދައުލަތް އެއްކޮށް ނިކުމެފައިވާކަން އެމަނިިކުފާނު ފާހަގަކުރެއްވިއެވެ.

”ދައުލަތް އެއްކޮށް ނިކުމެ ނޫންތޯ މިހާރު އެއުޅެނީ. ހުއްޓުވިއްޖެ ތޯ؟ ނުހުއްޓުވޭ ނޫންތޯ؟ މިކަމެއް ނުހުއްޓުވޭނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކިޔުން ގާނޫނަކުން މަނާކުރަން ސަރުކާރުން ބިލެއް ފަރުމާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިއަދު ގާނޫނަކުން އެކަން ފާސްކުރެވިދާނެ ކަމަށާއި، އެކަމަކު އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވޭނެ ކަމުގައެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އިސްލާމީ އުސޫލުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިޔާލު ފާޅުކުރުން ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ އޮތުމެވެ.

”އެގޮތަށް ހުއްޓުވާކަމަށް ވަންޏާ މާ ރަނގަޅު ނޫންތޯ ބުނަން ކޯޓު އަމުރަކާ ނުލައި އައިސް މިހާރުވެސް ފުލުހުން އައިސް އިންޑިއާ އައުޓް ޓީޝާޓު ލައިގެން އުޅޭ އާންމުންގެ ޓީޝާޓު ބާލުވާ ގޮތަށް ގެންގޮސް ޖަލުގައި ބައިންދަން ވީ ނޫންތޯ. އެގޮތަށް ދައުލަތް ހިންގާ ކަމަށް ވަންޏާ ހިންގޭނީ ދުވަސްކޮޅަކަށް.“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ކޯލިޝަން ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އެފަދަ ބިލެއް ގާނޫނަކަށް ހެދިދާނެއެވެ. އެކަމަކު ރައްޔިތުންގެ ވިސްނުމަކަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އެމީހުން ނޭދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ގާނޫނު ފާސްކުރިޔަސް އެއީ ގާނޫނު އަސާސީއާއި ހިލާފް ގާނޫނަކަށް ވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

”ދެން ސުޕްރީމް ކޯޓުގަވެސް ނޫނީ ދުސްތޫރީ އެހެން ކޯޓެއްގަވެސް ކިހާވަރެއްގެ ހިތްވަރެއްތޯ ހުންނާނީ ހިޔާލު ފާޅުކުރުމުގެ ހައްގު ކަށަވަރުކޮށްދޭން އަޅުގަނޑުމެން މި މައްސަލަ ޗެލެންޖު ކޮށްފަ ލީމަ. އެއީ ދެން ޓެސްޓު ކޮށްލަން ޖެހޭ ކަމެއް. އެކަމަކު މިއީ ހުއްޓުވޭނެ ކަމެއް ނޫން.“ ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިން މިހާރު ވަނީ އަތޮޅުތަކަށްވެސް ފުޅާވެގެން ގޮސްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button