ޚަބަރުސިޔާސީ

ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުމުގެ ފަހަތުގައި އިންޑިއާ އޮވެދާނެ: ރައީސް ޔާމީން

ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ހޯދައިދިނުމުގެ ފަހަތުގައި އިންޑިއާ އޮވެދާނެ ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވައިފިއެވެ.

ޗެނަލް 13 ގެ އެންމެ ފުރަތަމަ ގައުމު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން މުޅި ދައުލަތް ކޮމަންޑޫ ދާއިރާއަށް އަނބުރާލައިގެން ގޮނޑި ހޯދުމަށް ބާރުލާފައި ކުރާ މަސައްކަތާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތާއި ދެކެވޭ ވާހަކަތަކަށް ރިއާޔަތް ކުރަންޖެހޭ ކަމުގައެވެ.

އެގޮތުން އެމްޑީޕީގެ ކެނޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތްތައް ހޯދުމަކީ އިންޑިއާއިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއްގެ ގޮތުގައި ވެގެން ހިނގައިދާނެކަމަށް ޔާމީން ވިދާޅުވިއެވެ.

”އެއީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބީމަ އެކަމާ ދެކޮޅަށް އަޅުގަނޑުމެން އަޑު އުފުލަމުންދާ ވަގުތުގައި ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ހަމަ އެއްވެސް މިންވަރެއް އިތުރަށް ޕީޕީއެމަށް ލިބޭކަށް އިންޑިއާ އިން ނޭދޭނެ ދެއްތޯ.“ ޔާމީން ވިދާޅުވިއެވެ.

އެހެން ކަމުން އެއީ ސަބަބެއްގެ ގޮތުގައި ވުން ގާތްކަމެއްގެ ގޮތުގައި ޔާމީން އެކަން ސިފަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީގެ 64 މެންބަރުންގެ އިތުރުންވެސް ސަރުކާރުގެ މެންބަރުން މަޖިލީހުގައި ތިބިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކޯލިޝަންގެ އެއް ބައިވެރިޔާ ގާސިމް އިބްރާހީމް ފަދަ ކޯވިޑް-19 އަށް ހައި ރިސްކު ބޭފުޅަކު ”ކިކި މިނީ“ ހެދުމުގައި އެ ދާއިރާއަށް ވަޑައިގެން ކެމްޕެއިން ކުރައްވަން ޖެހިވަޑައިގަތުމުން، ކޯވިޑް ނުވަތަ އެހެން ކަމެއްވެސް އެ ބޭފުޅާއަށް ބޮޑު ނުވި ކަމުގައެވެ. އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ޕާޓީ ކަމަށްވާ އެމްއެންޕީގެ ކެނޑިޑޭޓުގެ ކެމްޕެއިންވެސް ދަނީ އެފަދަ ގޮތަކަށްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

”ނާޒިމަށް ކަނޑައެޅިގެން އިނގޭނެ ނާޒިމްގެ ކެނޑިޑޭޓު ނުހޮވޭނެކަން. ކައިރިއަށްވެސް ވޯޓު ނުލިބޭނެކަން. އެހެންވީމަ މީގަ މި މީހުންނާއެެއްކޮށް މަޖިލީހުގަ މިތިބީ 64 އެކަންޏެއް ނޫން. 64 އެމްޑީޕީއަށް ކްލިއަރ. އެއާއެކީ ފާޓު ފުޅާ ކޯލިޝަންގަ އިތުރު މީހުންތަކެެއްވެސް އެބަތިބި.“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިންޑިއާ މިވަރުގެ ބޮޑު ތުހުމަތުތަކެއް ކުރެއްވިއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނާ މައްސަލައިގައިވެސް އެންމެ ބޮޑު ތުހުމަތެއް އިދިކޮޅުން އަމާޒުކޮށްފައިވަނީ އިންޑިއާގެ ބީޖޭޕީ ސަރުކާރަށެވެ.

އެމްޑީޕީގެ ލީޑަރު އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއްގައި އިންތިހާބު ކާމިޔާބު ކުރެވުނީ އެގައުމުގެ ސަރުކާރުން ހުޅުވައިދިން ކުޑަ ދޮރަކުން ވަދެގެން ކަމުގައި ވިދާޅުވެފައެވެ. އިދިކޮޅު ތުހުމަތު ކުރާގޮތުގައި ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ރިޔާސީ އިންތިހާބުގައި ރިޝްވަތު ބެހުމަށް ފައިސާ ދިން ވާހަކައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button