ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ވަޒީފާ ދޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ހުކުރު ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީއިން ދޮގު ކޮށްފި އެވެ.
ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮމަންޑޫ ބައި އިލެކްޝަން ކެމްޕޭން ޖަލްސާއެއްގައި ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމް މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ވިދާޅުވެފައި ނުވާނެ ކަމުގައި ޕީޕީއެމުން ބުނެއެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭނެ. ބަޔާނުގައި ބުނެފައި ވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމުގައެވެ.