
އެމްއެމްޕީއާރުސީ ހިޔާނާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހޯދަން ރެޑް ނޯޓިސް ނެރުނު މުހައްމަދު އަސީލް އަހުމަދު ރާއްޖެއަށް އައިސްފައިވާ ކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގައި އަސީލްގެ އިތުރުން ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ ވެރިންނާއި، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސް ބަޔަކު ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުނެވެ.
އެކަމަކު ވެރިކަން ބަދަލުވުމާއެކު އަސީލް ހިމެނޭގޮތަށް 3 މީހެއްގެ ރެޑް ނޯޓިސް ފުލުހުން ބާތިލް ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދައުލަތުން އަންގައިގެންނެވެ.
އެނގިފައިވާގޮތުގައި އަސީލް ބެންކޮޮކުން ރާއްޖެ އައިސްފައިވަނީ އެއާ އޭޝިއާގެ ފްލައިޓަކުން މިމަހުގެ 12 ވަނަ ދުވަހުގައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އިމިގްރޭޝަނުގެ މުވައްޒަފަކު ”ބޮންތި“ އަށް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އަސީލް އަކީ ހިޔާނާތް ހިންގިކަމަށް އިއުތިރާފްވި އަދީބާއި، ހިޔާނާތުގެ ފައިސާ ލޯންޑާ ކުރިކަމަށް ދައުލަތުން ތުހުމަތު ކުރާ އެސްއޯއެފް ކުންފުނީގެ ވެރިންނާ ގާތް ގުޅުމެއް އޭރު އޮތް ފަރާތެކެވެ.
ރެޑް ނޯޓިސް ބާތިލް ކުރުމާގުޅޭގޮތުން 17 އޭޕްރީލް 2019 ގައި ފުލުހުން ބުނީ ރެޑްނޯޓިސް ކެންސަލްކުރީ ދައުލަތުން އަންގައިގެން ކަމުގައެވެ. އަދި އެމީހުން ހޯދަން ރެޑްނޯޓިސް ކުރިން ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އަދި އޭގެ ފަހުން ފުލުހުންނަށް އެމީހުންނާ މުއާމަލާތް ކުރެވި، ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން އެދުވަހު ބުންޏެވެ. އެކަމަކު އަސީލް ހިމެނޭގޮތަށް ބަޔާންތައް ނެގި އެއްވެސް މީހެއްގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް އެފަހުން ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާގޮތުން ހިޔާނާތުގެ ފައިސާ 282 މީހަކަށް ލިބިފައިވެ އެވެ. އަދި ކޮންމެ މީހަކަށްވެސް ލައްކައަށްވުރެ ގިނަ ރުފިޔާ ދީފައި ހުއްޓެވެ. އެކަމަކު މަޖިލީހުން އާންމު ކުރި ލިސްޓާއި 11 މެއި 2021 ގައި މީޑިއާގައި ލީކުވި ލިސްޓާއި ތަފާތުތަކެއް ހުއްޓެވެ.
މަޖިލީހުން އާންމު ކުރި ލިސްޓުން އެނގޭ ގޮތުގައި 282 މީހުންގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ހިމެނެއެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައްޗަށް އަދި މިހާތަނަށް ޝަރީއަތެއް ނުކުރެއެވެ. އަދި ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވޭ އެސްއޯއެފް ކުންފުންޏާ ދެކޮޅަށްވެސް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމާފައެވެ.
އެ މައްސަލައިގައި ދައުލަތުން ހަމައެކަނި ދައުވާ ކުރީ ރައީސް ޔާމީންގެ މައްޗަށެވެ. އެމަނިކުފާނުގެ މައްޗަށް ކުރި ދައުވާގެ މައިގަނޑު އަސާސް ބިނާވެފައިވަނީ އެސްއޯއެފުން ދޫކުރި ޗެކެއްގެ މައްޗަށެވެ. އެކަމަކު އެސް އޯއެފަށް ދައުވާކޮށްފައި ނުވާތީ ކުށް އުފަންވޮގޮތާއި ކުށުގެ ތަރުތީބު ދައުލަތަށް ބަޔާންކޮށް ނުދެވުމުން ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅައި އެމަނިކުފާނު މިނިވަންކޮށްފައެވެ.
މިއަދާ ހަމައަށްވެސް އާންމުން އުފައްދަމުން ގެންދާ ސުވާލަކީ އެމްއެމްޕީއާރުސީގެ ހަގީގީ މޭސްތެރިންނާ ދެކޮޅަށް ދައުވާ ނުކުރާ މައްސަލައާ، އެކަމުގައި ޝާމިލްވި ފަރާތްތައް ދޫވެފައި ތިބޭ ތިބުމެވެ.