ޚަބަރުސިޔާސީ

ފެނަކައިގެ ސީއެފްއޯގެ ހިއްސާ އޮންނަ ކުންފުންޏަކަށް 6 މިލިއަން ރުފިޔާގެ ޕީއޯ ނެރެދީފި

ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏަކަށް 6 މިލިއަން ރުފިޔާގެ ތަކެތި ގަންނަން އެ ކުންފުނިން ޕާޗޭޒް އޯޑަރު (ޕީއޯ) ނެރެދީފިއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި ފެނަކައިން ޕީއޯތައް ދޫކޮށްފައިވަނީ ވެނޭޑިއަމް އިންވެސްޓްމެންޓް ޕްރައިވްޓް ލިމިޓެޑަށެވެ. އެ ކުންފުންޏަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. އަދި ކުންފުނި އުފެއްދިތާ ދެމަސް ދުވަސްވެސް ނުވަނީސް ބޯޑަށް ބަދަލުތަކެއް ގެނައުމަށްފަހު ފެނަކައިގެ ސީއެފްއޯ އަބްދުﷲ ވަހީދު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގެނެސްފައިވެއެވެ. އަދި ޕީއޯތައް ފެނަކައިން ނެރުނީ އެ މުއްދަތުގެ ތެރޭގައެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އަދިވެސް ދައްކަނީ ވެނޭޑިއަމްގެ ކުރީގެ ބޯޑު ޑިރެކްޓަރުންނާއި ހިއްސާދާރުންގެ މައުލޫމާތެވެ. އަދި މިހާރުގެ ބޯޑު މެންބަރުންގެ މައުލޫމާތު އޮތީ އަދާހަމަ ނުކޮށެވެ.

ނެރުނު ދެ ޕީއޯގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެގޮތުން އެއް ޕީއޯއަކީ ށ.ކޮމަންޑޫ އިންޖީނުގޭ ބަދަލު ކުރުމަށް ބޭނުންވާ ކޭބަލް ސީއެފްއޯ އަބްދުﷲގެ ކުންފުނިން ގަތުމަށް ދޫކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޕީއޯއެކެވެ. ދެވަނަ ޕީއޯއަކީވެސް އިންޖީނުގެއެއް ބަދަލު ކުރުމަށް އަބްދުﷲގެ ކުންފުނިން ކޭބަލް ގަންނަން ދޫކުރި 4 މިލިއަން ރުފިޔާގެ ޕީއޯއެކެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި ފެނަކައިގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުން އެ ދެ ޕީއޯ އެޕްރޫވް ކޮށްދިނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް ހެޑް އައިމިނަތު ޝައުނާއެވެ. ޝައުނާއަކީ ސީއެފްއޯ އަބްދުﷲގެ އާއިލީ ބޭފުޅެކެވެ.

އުފެއްދިތާ 3 މަސްނުވާ ކުންފުންޏެއްގެ ބޯޑު ބަދަލު ކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފެނަކައިގެ ސީއެފްއޯގެ ކުންފުންޏަށް 6 މިލިއަން ރުފިޔާގެ ޕީއޯ ދޫކުރި މައްސަލައިގައި ކުންފުނީގެ ޕްރޮކިއުމެންޓް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button