އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން (ހަސަންޓޭ) ކޮސްގޮވައި، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކޮށް އަވަގުރާނަ ގޮވައިފިއެވެ.
މެންބަރު ހަސަންޓޭ ރައީސް ޔާމީނަށް އަވަގުރާނަ ގޮވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރައްވާ އެމްޑިޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން ކޮމަންޑޫގައި އިފްތިތާހުކުރި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހަސަންޓޭ ވަނީ އެމްޑީޕީ ފިޔަވައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓުލާންޖެހޭ އެހެން ޕާޓީއެއް ނޯންނާނެކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީން އެރަށަށް ވަޑައިގެން އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިޔަސް އެމަނިކުފާނަށް އެކަމެއް ނުކުރެއްވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
”ދެން އައިސްފަ ބުނަންވީ ތިމަންނާ މިތަނަށް އައިސްފަ އެއާޕޯޓެއް އަޅާނަމޭ. އމ އެޅޭނީ އޭނައަށް. ނުބުނާން ހުންނަ އެއްޗެހި ރުޅިއަރުވަންޏާ ބުނެވޭނެ.“ ހަސަންޓޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމުގައި ނެތްކަން ފާހަގަކުރައްވައި ހަސަންޓޭ ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތްތައް މިހާރުވެސް ކުރިޔަށް ދާ ކަމުގައެވެ. އޭނާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށްވެސް ފާޑުވިދާޅުވެފައެވެ.
”ހަމަ ރީތި ވާހަކައެއް ދައްކާފަ އެހެރީ 25 ބުރީގެ އިމާރާތެއް އަޅާފަޔޯ. އިމާރާތް އަޅަނީ ކިހާ އަދަދަކުންތޯ ތިބޭފުޅުންވެސް އެބަޖެހެއެއްނު އައްސަވަން. 25 ބުރި އެޅީ ކިތައް މިލިއަނުންތޯ. އަސްލު އޭގަ ހަމަ އަގަކީ ކޮބައިތޯ.“ ހަސަންޓޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އަމާޒުކޮށް މެންބަރު ހަސަންޓޭ އަވަގުރާނަ ގޮވައި، އެމަނިކުފާނުގެ ސަރުކާރުގެ ތަރައްގީ އަކީ ދައުލަތް ލޫޓުވައިގެން ގެނައި ތަރައްގީއެއް ކަން ފާހަގަކުރައްވައި އޭނާ ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭން ޖެހޭނެ ކަމަށް ހަރު އަޑުން ގޮވާލައްވާފައެވެ.