ރައީސް ސޯލިހުގެ ރަށުގެ ސްކޫލުގައި ޕްރިންސިޕަލެެއް ނެތް، ހިންގުން ދޯހަޅި، ބެލެނިވެރިން މުޒާހަރާގައި!
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަން ރަށް ކަމަށްވާ ޅ.ހިންނަވަރު ސްކޫލުގެ ހިންގުން ދޯހަޅިވެއްޖެ ކަމަށް ބުނެ ބެލެނިވެރިން މިއަދު ހެނދުނު އެ ސްކޫލް ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.
”ބޮންތި“ އަށް މައުލޫމާތު ދެމުން ހިންނަވަރު މީހަކު ބުނީ މި ފެށޭ ދެވަނަ ޓާރމްގެ ހިންނަވަރުގެ ސްކޫލުގެ އުގެނުމާއި އުގަންނައިދިނުން އަދި ސްކޫލް ހިންގުން ހަރުދަނާކުރުމަށް ޒިންމާދާރު ފަރާތެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ވަގުތީގޮތުން ސްކޫލު ހަވާލުވެ ހުންނެވި ޕްރިންސިޕަލް އާއިޝަތު ފަރުހަތު މިހާރުވަނީ ކުއްލިގޮތަކަށް އެ އަތޮޅު ނައިފަރު އިފްތިތާހް ސްކޫލާއި ހަވާލުވުމަށް އެރަށަށް ފޮނުވާލާފައެވެ.
އެކަން އެގޮތަށް ހިނގަދިޔައީ ފަރުހަތު ކުރެންދޫ ސްކޫލުގެ ދާއިމީ ޕްރިންސިޕަލް މަގާމް ދޫކޮށް ހިންނަވަރުގެ ބެލެނިވެރިންނާއި މުދައްރިސުންގެ އެދިލެއްވުމަށް އެރަށު ސްކޫލަށް ހިދުމަތްކޮށްދޭން އެއްބަސްވެ، ހިންނަވަރަށް މިނިސްޓްރީން ބަދަލުކޮށް، ފަރުހަތު ހިންނަވަރުގައި މަސައްކަތް ކުރައްވަމުން ދަނިކޮށެވެ. އެކަން ސާބިތުވާ ލިޔުންތައް މިނިސްޓްރީން ފޮނުވައި، އިތުބާރު ގެއްލޭފަދަ ގޮތަކަށް ހިންނަވަރުގެ ރައްޔިތުންނާމެދު އަމަލުކޮށް ސްކޫލުގެ ހިންގުން އަދި އުނގެނުމުގެ އިންތިޒާމްތައް ތަރުތީބެއްނެތި ވިއްސިވިހާލިވެގެން ދާމަންޒަރު ބެލުމަކީ ބެލެނިވެރިންގެ ހިތައްކުޅަދާނަ މަންޒަރެއް ނޫން ކަމުގައި ”ބޮންތި“ އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ރައީސް ސޯލިހުގެ އުފަން ރަށަށް މިހާ އިހާނެތިގޮތަކަށް މިނިސްޓްރީން އަމަލުކޮށްފައިވަނީ އެމަނިކުފާނުގެ އާއިލީ ބޭފުޅުން ސްކޫލުގައި ބައިތިއްބައިގެންކަމަށް އޭނާ ބުންޏެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ރައީސްގެ ކޮއްކޯފުޅު ހުންނެވީ ސަރުކާރު ޕޭ ލީވްއެއްގައި އިނގިރޭސިވިލާތުގެ ފެލޯޝިޕްގައި ކަމަށްވެފައި، އެޑްމިނިސްޓްރޭޓަރަކީ ރައީސްގެ ތިމާގެ ބޭފުޅަކަށްވެފައި ވަގުތީގޮތުން ސްކޫލު ހަވާލުވެ ހުރީ ދެންވެސް ރައީސްގެ ތިމާގެ ބޭފުޅަކަށްވެފައިވާތީ ކަމުގައެވެ.
މިކަމާ ގުޅިގެން މުޒާހަރާ ކުރަމުންދިޔަ މީހުން ވަނީ ކަރުދާސް ބޯޑުގައި ލިޔެފައިވާ ތާފާތު އެކި ޝުއޫރުތަކުން ރައީސް ސޯލިހަށާއި، ސަރުކާރަށް ވަރުގަދަ މެސެޖުތަކެއް ދީފައެވެ.