ލަދެއް ހަޔާތެއް ނެތް ބައެއްގެ ކުރިމަތީ ފާހިޝް އަމަލު ބޮޑުކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށް ހަދައި، ތަފާތު ގިނަ އިލްޒާމުތައް އިދިކޮޅުން އެމްޑީޕީއަށް އަމާޒު ކުރަމުން ދިޔަ ނަމަވެސް މ.ދިއްގަރާއި ތ.ގާދިއްފުށީގެ ބައި އިލެކްޝަން އެޕާޓީއިން ކާމިޔާބު ކޮށްފި ކަމަށް ވިދާޅުވެ މަހުލޫފު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވުމުގެ ގޮތުން ޝުޖާއު ވިދާޅުވީ އެމްޑީޕީ އަކީ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް ކަން ރައްޔިތުންގެ ކުރިމަތީ ފެންނަމުންދާ ކަމުގައެވެ.
ޝުޖާއު ވަނީ އިންތިހާބަށް 2 ދުވަސްތެރޭ 15 ސިޔާސީ ވަޒީފާ އުފައްދައި، އިންތިޚާބަށް ނުފޫޒު ފޯރުވައިގެންވެސް ދިއްގަރުން ފަރަގު ކުރަން ބޭނުންވި 150 ވޯޓް ފަރަގު ކުރެވުނުތޯ މަހުލޫފު އާއި ސުވާލު ކުރައްވާފައެވެ.
”ގާދިއްފުށި ލިބުނީ ހަމަ ކިރިޔާ. ނަތީޖާއިން މޮޅުވި ނަމަވެސް މާޒީގެ ތަފާސް އަށް ބަލާއިރު ލާދީނީ ކަމާއި، ފާހިޝް އަމަލުތަކަށް ތިޔަ ފާޓީން ދިން ތަރުހީބުން ރައްޔިތުންގެ ތާއީދު ދިޔައީ ދަށަށް.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިފަދައިން ވިދާޅުވި އިރު މަހުލޫފުގެ ޓުވީޓުގައި ފާހަގަކުރެއްވި ގޮތުގައި އިދިކޮޅުން އެފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމުގައެވެ. ރައްޔިތުންނަށް އެކަން ސާފުވެއްޖެ ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންދިކަން މަހުލޫފު ފާހަގަކުރެއްވިއެވެ.
ތިއީ ލާދީނީ ކަންކަމަށް ހިތްވަރުދޭ ޕާޓީއެއް ކަން ރައްޔިތުންގެ ކުރިމަތީ ދަނީ ފެންނަމުން.ލަދެއް ހަޔާތެއް ނެތް ބައެއްގެ ކުރިމަތީ ކިތައްމެ ބޮޑު ފާހިޝް އަމަލެއްވެސް މާބޮޑުކަމަކަށް ވާނެބާ؟އިންތިޚާބަށް 2 ދުވަސްތެރޭ 15 ސިޔާސީ ވަޒީފާ އުފައްދައި،އިންތިޚާބަށް ނުފޫޒު ފޯރުވައިގެންވެސް 1/2 https://t.co/qHGYHEk67L
— Ibrahim Shujau (@IbrahimShujaau) August 13, 2022
މިއަދު ބޭއްވުނު ގާދިއްފުށްޓާއި ދިއްގަރު ލޯކަލް ކައުންސިލް ބައި އިލެކްޝަންގައި ގާދިއްފުށީ އެމްޑީޕީގެ ކެނޑިޑޭޓް ޒުލައިހާ އަހުމަދު އަންހެން މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ 210 ވޯޓުންނެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބުނީ 201 ވޯޓެވެ. އެހެން ކަމުން އެ ދެބޭފުޅުންގެ މެދުގައި އުޅެނީ 9 ވޯޓުގެ ތަފާތެވެ.
ދިއްގަރު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ އާރިފް ކައުންސިލް މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ 375 ވޯޓުގެ ތަފާތުންނެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުލްހަންނާން އަހުމަދަށް ލިބުނީ 320 ވޯޓެވެ. އެއީ 55 ވޯޓުގެ ތަފާތެވެ.
ދިއްގަރު ދާއިރާއަށް ކުރިމަތިލީ އެމްޑީޕީ އާއި ޕީޕީއެމުން އެކަންޏެވެ. އެކަމަކު އެ ދެޕާޓީގެ ކެނޑިޑޭޓުންގެ އިތުރުން ގާދިއްފުށްޓަށް އެމްއާރުއެމްގެ ފަރާތުން ފާތިމަތު މަލްދާ ކުރިމަތިލެއްވިއެވެ. މަލްދާއަށް ލިބުނީ އެންމެ 4 ވޯޓެވެ.