
ގުރައިދޫ ދާއިރާގެ 80 އަށްވުރެ ގިނަ މީހުންނަށް ސްޓެލްކޯއިން ވަޒީފާ ދީފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގުރައިދޫ ދާއިރާގެ މީހުންތަކަކަށް ގިނަ އަދަދަކަށް ވަޒީފާ ހަމަޖައްސާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެންނެވެ. ނިމިދިޔަ ހަފުތާ ބަންދުގައި އެދާއިރާގެ ބައި-އިލެކްޝަން ބޭއްވުމާ ގުޅިގެން ސްޓެލްކޯއިން އެ ދާއިރާގެ 85 މީހަކަށް ވަޒީފާ ހަމަޖައްސާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ގުރައިދޫ، މާފުށި އަދި ގުޅީގެ މީހުންނެވެ.
”ދިޔަރެސް“ ނޫހަށް ސްޓެލްކޯގެ އިސްވެރިޔަކު ނަން ނުޖަހަން ޝަރުތުކޮށް މިކަމާގުޅިގެން މައުލޫމާތު ދީފައިވެއެވެ. އެގޮތުން އެ ތިން ރަށުގެ މީހުންގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށްވެސް ވަޒީފާ ހަމަޖައްސާފައިވާކަމަށް އެބޭފުޅާ މައުލޫމާތު ދެއްވާފައިވެއެވެ. މި ވަޒީފާ ތަކުގެ ތެރޭގައި ބައެއް ވަޒީފާތަކަކީ ދާއިމީ ވަޒީފާތަކަށްވާއިރު، އިންޓާންޝިޕުގެ ގޮތުގައި، މުސާރަ ލިބޭ އުސޫލުން ހަމަޖައްސާފައިހުރި ވަޒީފާތައްވެސް ހިމެނޭކަމަށް ސްޓެލްކޯގެ އިސްވެރިޔާ ވިދާޅުވިކަމަށް ”ދިޔަރެސް“ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، މި ވަޒީފާތައް ހަމަޖައްސާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ނޫންކަމަށާއި، އާންމުކޮށް އެ ވަޒީފާތަކަށް އިއުލާނުކޮށްފައި ނުވާކަމަށް ވެސް މައުލޫމާތުލިބެއެވެ. މީގެ ކުރިން ވެސް ސްޓެލްކޯއިން އިންތިހާބުތަކާ ދިމާކޮށް މީހުންނަށް އުސޫލުން ބޭރުން ވަޒީފާތައް ހަމަޖައްސާފައިވާއިރު، މިފަދައިން މިކަން ދިމާވާންފެށީ އެ ކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު އެ ކުންފުންޏާ ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ.
ގުރައިދޫ ދާއިރާގެ އިންތިހާބުގައި ކަންކަން ވި ގޮތަށް ބަލާއިރު، އިލެކްޝަނުގައި ވާދަކުރެއްވި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ކެޕްމެއިން ޓީމުތައް އެ ދާއިރާގެ ރަށްތަކަށް ދަތުރުކޮށްފައި ވަނީ ވެސް ސްޓެލްކޯގެ ލޯންޗެއްގައިކަމަށްވާއިރު، އެ ލޯންޗުތަކުގެ ތެރޭގައި ހިމެނޭ ހަނދޭގިރި ނަމަކަށް ކިޔާ ލޯންޗު އޮތީ މުޅި އިންތިހާބުގެ ދަތުރުތަކަށް ހާއްސަކޮށްފައެވެ.
ގުރައިދޫ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިން ތަކުގައި އެބޭފުޅުންނަށް ތާއީދު ހޯދުމަށް ސްޓެލްކޯގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ އިދިކޮޅު އިއްތިހާދުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލައިގައި އެ ކޮމިޝަނުން ފިޔަވަޅު އަޅުއްވާފައެއް ނުވެއެވެ.
ހަމައެއާއެކު މިފަދައިން އިންތިހާބުތަކަށް ނުފޫޒުފޯރުވަން ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ބޭނުން ހިފަމުންދާއިރު އެ ކުންފުނިތަކުގެ މާލީ ހާލަތު ބަޔާންކުރުމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ކުއާޓާއަކު ނެރޭ ރިޕޯޓުތައް ނެރުން ވެސް ވަނީ 2022 ވަނަ އަހަރު ހުއްޓާލާފައެވެ.