ޚަބަރު

ނޫސްވެެރިންނަށް ތަމްރީނު ދޭން މީޑިއާ ކައުންސިލުން ޕާކިސްތާނު އެމްބަސީއާ މަޝްވަރާ ކޮށްފި

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް އެމްއެމްސީ އިން ޕާކިސްތާނު އެންބަސީއާއިއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް އަލްފާޟިލް ސަހުބާން ފަހުމީ، ކައުންސިލްގެ މެންބަރު އަލްފާޟިލް އަލީ ހުސެއިން، ކައުންސިލް މެންބަރު އަލްއުސްތާޛު އިބްރާހިމް ފައުޒީ، ކައުންސިލް މެންބަރު ހުސެއިން ސަގީފް އަދި ސެކްރެޓަރީ ޖެނެރަލް ޑރ.އިބްރާހިމް ސަމީރެވެ.

ޕާކިސްތާނު އެންބަސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތާރ މުހުތާރުގެ އިތުރުން އެންބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އެގައުމުގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރަމްތަކެއް ނޫސްވެރިންނަށް ހޯދައި ދިނުމަށްވެސް މަޝްވަރާ ކުރެވުނެވެ.

ޕާކިސްތާންގެ އެންބެސެޑަރު އާތާރ މުހުތާރު ވަނީ ދިވެހި ނޫސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މީޑިއާ ކައުންސިލަށް ދެއްވާފައެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލާއި ޕާކިސްތާންގެ ޕްރެސް ކައުންސިލްއާއި އެކު ގުޅުން ބަދަހިކޮށް މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ޕާކިސްތާނުގެ ސަފީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button