2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ފުލުހުން އޭރު ހިންގި ތަހުގީގުގެ ކަންކަމާ ގުޅޭގޮތުން ފުލުހުންގެ އިސްވެރިޔަކު ވާހަކަ ދައްކާ އޯޑިއޯއެއް ލީކު ކޮށްލައިފިއެވެ.
މިއޯޑިއޯގައި ދެކެވިފައިވާ ވާހަކަތައް ލީކު ކޮށްލާފައިވަނީ ޗެނަލް 13 އިން ދެއްކި “ކުޑަދޮރު” ޑޮކިއުމެންޓްރީގައެވެ.
ޑޮކިއުމެންޓްރީގައި ވާގޮތުން އޭރުގެ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒު، ވިލާގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ ދަރިފުޅު ސިޔާދު ގާސިމްގެ އެކައުންޓަށް ވަތް ފައިސާއާއި، ނުކުތް ފައިސާގެ ތަފްސީލު ހޯދާ. ތަހުގީގެއް ކުރަން ކަމަށް ބުނެ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އެސްކިއު ފްލައިންޓަކުން މެލޭޝިއާއަށް ދުތުރެއް ކުރެއްވިއެވެ. ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ގާސިމާއި އެއްކޮށް ދެން ކަންކަން ކުރަންވީ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
”ރައީސް ޔާމީނަށް އޭނާ ދަންނަވާފައި އިނީ އެކެއް ފެބްރުއަރީގެ ހާދިސާއާއި ގުޅިގެން ސިޔާދު ގާސިމްގެ އެކައުންޓަށް ޖަމާވި ފައިސާއާއި ގުޅިގެން މެލޭޝިއާގެ ފުލުހުންނާއި އެކު މައުލޫމާތު ހޯދުމަށޭ. ނަމަވެސް ހަގީގަތުގައި އެއީ އަކީ ފުލުހުންގެ އިންޓެލްއާއި ގުޅުން ހުންނަ ކަންކަން. ޕޮލިހަކާއި އެއްވެސް ވަރެއްގެ ގުޅުމެއް އެ ބާވަތުގެ ކަންކަމުގެ ނޯންނާނެ. އެތަނަށް ގޮސް ނަވާޒު އެތަނަށް ދިޔައީ އިންވްސްޓިގޭޝަން އައިއޯ އަކާވެސް ނުލައި ކަމަށްވެފައި ހަގީގަތުގައި އެ ދަތުރަކީ އިންތިހާބު އޮޅުވާލުމަށް ކަންކަން ރޭވުމަށް ކުރި އެންމެ މުހިއްމު ދަތުރު“. ފުލުހުންގެ އިސް ވެރިޔަކު ބުނެފައިވެއެވެ.
ނަވާޒަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ޖުޑިޝަރީގެ ތެރެއިން ބަދަލުކުރުމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު ހުކުމަށް ފަހު ފުލުހުންގެ އެކްޓިން ކޮމިޝަނަރގެ މަގާމަށް ރައީސް ޔާމީން އައްޔަންކުރެއްވި ބޭފުޅާކަމަށް ފުލުހުންގެ އިސްވެރިޔާ ބުނެއެވެ. ނަމަވެސް އޭނާއަކީ ހަގީގަތުގައި ޖުމްހޫރީ ޕާޓީއާއި ގުޅި ލާމެހިފައި ހުރި ބޭފުޅެއް ކަމަށާއި، އޭނާއަކީ އެކެއް ފެބްރުއަރީގެ ހާދިސާއަށް ފަހު އިންވެސްޓިގޭޝަން ހެޑަކަށް ހުރެގެންވެސް މުހިއްމު މައުލޫމާތުތަކެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނަށާއި، އަދި މައުމޫނުގެ ދަނބިދަރި އިބްރާހިމު ނަދީމަށްވެސް ފޯރުކޮށްދިން މީހެއްކަމަށް ފުލުހުންގެ އޮފިސަރު ކިޔައިދީފައިވެއެވެ. އޭނާއަކީ ޖުމައިރާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އޭރުގެ ޅިޔަނުއާއިވެސް ސިއްރު ބައްދަލުވުންތައް ބާއްވަނިކޮށް ޕޮލިސް ލޯންޗުގައި މާލެ ގެނައި މީހެއް ކަމަށް ބުންޏެވެ.
”ސީޕީގެ މަގާމުގައި ހުރި މީހަކު އިދިކޮޅު ލީޑަރުގެ އާއިލީ މީހަކާއި ރޭގަނޑު ދަންވަރު ރިސޯޓުތަކުން ބައްދަލުކުރަން ޖެހޭ ސަބަބެއް ވިސްނާ ވިސްނާވެސް ނޭނގުނު. އަދި އަދަށް ދާން ދެންވެސް އެކަމުގެ ހަގީގަތް ނޭނގޭ. އެކަން ކަމާ ގުޅުން ހުރި ފަރާތްތަކަށް އެނގިގެން ސީދާ ޕޮލިސް ލޯންޗު ގޮސް ނަވާޒު މާލެ އެރެއިން އެރެއަށް ގެނައީ. މިއީ ނަވާޒުގެ ފެންވަރު“. ފުލުސް މީހާ ކިޔައިދިނެވެ.
އެހެންކަމުން ނަވާޒު އައްޔަންކުރުމާއި އެކު އިންތިހާބުގެ ކަންކަމުގައި މަކަރު ހެދުމުގެ ދޮރު އިދިކޮޅަށް އޭރު ފަހިވެގެން ދިޔަކަމަށް ބުނެފައިވެއެވެ. އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިދިކޮޅުން ކުރި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ޕޮލިސް އިންޓެލްއާއި އިންވެސްޓިގޭޝަން ބަނދެލި ކަމުގައެވެ. ޕޮލިސް ކޯޑް އޮފް ކޮންޑަކްޓަށް ވަފާތެރި އޮފިސަރުންނަށް ގޭގައި މަޑޫކޮށްލަންވެސް އެންގިއެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވި ވަރަކަށް އިދިކޮޅުން ދިޔައީ އީސީގެ ވެރިން ފައިސާއާއި އެކު ބަންނަމުން ކަމަށާއި، އެގޮތުން އެ އަހަރުގެ ފެބްރުއަރީ އެކެއްގެ ނިޔަލަށް އެކަނި އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިންކަން އެނގޭ މީހުން އެބަތިބިކަމަށް ފުލުހުންގެ އިސް ވެރިޔާ ކިޔައިދެއެވެ.
އޭނާ ބުނިގޮތުގައި ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތަކުގެ ސެކިއުރިޓީ ފީޗަރއާއި މެދު ސުވާލު އުފެދޭ ވާހަކަތަކެއް ފެންމަތިވީ ހިސާބުން އެކަން ތަހުގީގުކުރަން ފުލުހުން ފެށިއެވެ. އިންތިހާބުގެ ފަހުންވެސް ސޯލްޓު ކެފޭގައި ނަވާޒުއާއި ސޯލިހު ބައްދަލުކުރި ކަމާއި، އޭގެ ސަބަބުން ރައީސް ޔާމީން ނަވާޒު މަގާމުން ވަކިކޮށް ހަމްދޫން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރިކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފުލުހުންނަށް އެކަންކަން ތަހުގީގު ކުރެވޭނީ ވޯޓު ކަރުދާސްތައް ބަހައްޓާފައި ހުރި ސެކިއުރިޓީ ރޫމަށް ވަދެވިގެން ކަމަށް ވެފައި، އެތަނަށް ވަދެވޭނީ ކޯޓު އަމުރަކާއި އެކު ކަމަށްވުމުން، ކޯޓު އަމުރަކަށް އެދެން ފުލުހުން ތައްޔާރު ވަމުން ދަނިކޮށް ކުރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަހުމަދު ހައިލަމް އޭރުގެ ސީޕީ ހަމްދޫނުއަށް ގުޅާފައި އަމުރަކަށް އެދި ކުރިމިނަލް ކޯޓަށް އަޔަސް އަމުރު ނެރެނުދޭނެކަމަށް ވިދާޅުވިކަން ފުލުހުންގެ އިސް އޮފިސަރު ފާހަގަކުރިއެވެ. އަދި އިންތިހާބުގެ ކަންކަން ތަހުގީގުކުރުމަށް ނޫޅުމަށް ރައީސް ސޯލިހު ހަމްދޫނަށް އަންގާފައިވާކަމާއި، ދައްކާފާއި އޮތް ދަޅަކީ މަގާމުގައި އޭނާ މި ފަސް އަހަރުގައިވެސް ބެއްހެއްޓުން ކަމަށްވެސް ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އޮތް ހަމައެކަނި އުއްމީދަކަށް ވެގެން ދިޔައީ ސުޕްރީމު ކޯޓުން އެކަމާއި ގުޅިގެން ނެރޭ ހުކުމުގައި އެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ މައްޗަށް އަމުރެއް ނެރުން ކަމުގައެވެ.
”ހަމްދޫން ސީދާ އަޅުގަނޑާއި ބައްދަލުކޮށްފައި ބުނި ހައިލަމް ތިމަންނައަށް ގުޅާފައި ބުނެފިއޭ އެއްވެސް އަމުރެއް ނަގަން ނާންނައްޗޭ. އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން މިސާލަކަށް އެ އެއްޗެހީގައި ސޮއިކުރާނީ ކޮމިޝަނަރ އޮފް ޕޮލިސް. އޭރަކު ނުހުންނާ ޑީސީޕީއެއް. އެހެންވީމަ ހަމްދޫންއަށް އެކަން ނުވުމުން، އީސީގެ ވޯޓު ކަރުދާސްތައް ހުރި ތަނަށް ނުވަދެވުނު. އަސްލު އުޅުނީ ނެގިފައި ހުރި ބަޔާންތަކުގައި ހުރި ވާހަކަތަކަށް ބަލައިގެން ތަހުގީގު ކުރިއަށް ގެންދަން. އެކަމު މި ދެންނެވި ފަދައިން ކަންވެގެން ދިއުމުން އެ ދޮރުވެސް ބަންދުވީ. އެކަން ކުރެވުނު ނަމަ ވޯޓުގައި އޮޅުވާލާފައި ހުރި އޮޅުވާލުންތައް އެނގުނީސް.“ ފުލުހުންގެ އިސްވެރިޔާ ކިޔައިދިނެވެ.
އިންޓެލްއަށް މައުލޫމާތު ލިބިފައި އޮތްގޮތުން ހަމްދޫންއާއި ވެސް ރައީސް ސޯލިހު ބައްދަލުކޮށް، އޭނާއަށް މަގާމުގެ ޔަގީންކަން ދިނެވެ. އެކަމުގެ ސަބަބުން ހަމްދޫނުވެސް ރިޝްވަތަށް ހެއްލުނު ކަމުގައި ފުލުސް މީހާ ބުނެއެވެ.
”އަޅުގަނޑުމެންނަށް ވެސް އައި އިންޒާރު. އިންޓެލް މެދުވެރިކޮށް އިންތިހާސުގެ ކަންކަން ބަލާ ނުހޯދުމަށް އިންޒާރުތައްވެސް އައި. އަދި އެނގިފައިވާ ގޮތުގައި ހަމްދޫނުއަށް އިނީ ވަރަށް ބޮޑަށް އެޝުއަރ ކޮށްދީފައި އެމީހުން ހުވާ ކުރުމަށް ފަހުވެސް ސީޕީ މަގާމުގައި ހުންނާނީ ހަމްދުން ކަމަށް. އެހެންވީމަ އަސްލު ހަމްދޫނު ވެސް ރައީސް ޔާމީން އެކްސެޕެކްޓު ކުރެއްވި ވަރާ ގާތަށްވެސް އެމަނިކުފާނަށް ވަފާތެރިއެއް ނޫނޭ ބުނަން ޖެހޭނީ. މީގެ އިތުރުން އެ ހުކުމް ނެރެ ނުދޭނެކަމަށް ހައިލަމް ބުނިކަން ސާބިތުވާ އަނެއްކަމަކީ އެކެއް ފެބްރުއަރީގެ ބަޔާންތައް ނެގި އިރު ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ދަރިފުޅުގެ ބަޔާން ނެގިރޭ. އެރޭ ބަޔާން ނަގަން ދިޔަ އައިއޯ ކައިރީ ހަސަން ނަޖީބު ބުނި ކަމަށްވޭ އަމުރު ނެރެދީފާމާނަމޭ. ނަމަވެސް ކޮންމެ ކޯޓަކުންވެސް އަމުރެއް ނެރެން ވާނީ އެ ކޯޓެއްގެ އިސްގާޒީ.“ ފުލުހުންގެ އިސްވެރިޔާ ބުންޏެވެ.
ސުޕްރީމު ކޯޓުން އެ މައްސަލަ ނިމިގެން ދިޔައިރުވެސް އެ ފަދަ އަމުރެއް ނެރެދީފައެއް ނުވެއެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދިދީ ވެސް ހުރީ ރިޝްވަތާއި ހުވަފެނުން އަތް ބަނދެފައި ކަމަށް ފުލުސް މީހާ ބުނެއެވެ. އެކަމަކު ފުލުހުން އެ މައްސަލައިގެ ތަހުގީގު ފަށާ އެގާރަ ބަޔާންނެގި ކަމަށާއި، ބަޔާންތައް ނަގަން ފެށުމުންވެސް އެކަމުގެ ތެރޭގައިވެސް ގިނަ އޮޅުވާލުންތަކެއް އޮޅުވާލައި، ކްރައިމް ޑިޕާޓްމަންޓުގެ ހެޑަށްވެސް ނާންގާ އީސީ ޝަރީފުގެ ބަޔާން ނެގިކަމަށް އޭނާ ކިޔައިދިނެވެ. ބަޔާން ނަގަމުންދިޔައިރުވެސް ފުލުހުންގެ ތެރެއިން އެކަމަށް ހުރަސް އެޅިކަމަށާއި، އެގޮތުން ޗީފު ސުޕްރިޑެންޓު އޮފް ޕޮލިސް މުހައްމަދު ބަޝީރު ބަޔާންތައް ނަގަމުން ދިޔަ އައިއޯއަށް ގުޅާ އެކަން ވަގުތުން ހުއްޓާލުމަށް އެންގިކަމުގައެވެ.
”ބަޝީރު މައްސަލައިގައި ބަޔާން ނަގަން އިން އިން އައިއޯއަށް ގުޅާފައި ބުނި ހަމަ މިހާރުން މިހާރަށް ހުއްޓާލާށެ ތިކަން. މިހާރުގެ ޑީސީޕީ މަންނާނުވެސް ވަރަށް ކައިރިން ބެލި އެ ތަހުގީގު ކުރިއަށް ނުގެންގޮސްވޭތޯ.” ފުލުހުންގެ އިސްވެރިޔާ ބުންޏެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަވި 54 ކަމެއްގެ މައްޗަށް ތައްޔާރު ކުރި ރިޕޯޓު އޭރުގެ އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ހިންގަމުން ދިޔަ ސޯލްޓު ކެފޭގައި ހުރި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިހާރުގެ މިިނިސްޓަރު ޝިފާޒު އަތަށް އެރިކަމަށް ފުލުހުންގެ އިސްވެރިޔާ ވަނީ ބުނެފައެވެ.
”ބޮންތި“ އަށް އެނގިފައިވާގޮތުގައި އެ ރިޕޯޓު ޝިފާޒު އަތަށް ދިނީ ރައީސް އޮފީހުގެ އޭރުގެ ޕްރެޒިޑެންޝަލް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒެވެ.
އެ ރިޕޯޓު ރައީސް ޔާމީންގެ އަތްޕުޅަށް ހަވާލުކޮށްފި ނަމަ، ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރުވެސް ޝިފާޒު ދިން ކަމަށް ފުލުސް މީހާ ބުނެއެވެ. އޭރު ރިޔާސީ އިންތިހާބުގެ މައްސަލަ އޮތީ ސުޕްރީމު ކޯޓު މަރުހަލާގައެވެ. ފުލުސް މީހާ ބުނީ އެ ރިޕޯޓު ތައްޔާރުކުރުމުން އޭރު ކްރައިމް ޑިޕާޓްމަންޓުގެ ހެޑަށާއި އިންޓެލް ހެޑަށްވެސް އިންޒާރުގެ އެކި މެސެޖުތައް ލިބެމުންދިޔަކަމުގައެވެ. އަދި އިންތިހާބުގެ ތަހުގީގުތައް ކުރިއަށް ދިޔައިރު އިންޓެލްއަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ވޯޓު ކަރުދާހާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލުގެ ޖަވާބުގައި 48 ގަޑިއިރު ތެރޭގައި ވޯޓު ކަރުދާސް ޕްރިންޓު ކުރެވޭނެ ވަރުގެ ގާބިލުކަން ހުރިކަމަށް އީސީގެ އޭރުގެ ރައިސް ޝަރީފު ވިދާޅުވިކަމަށްވެއެވެ. ނަމަވެސް އާންމުކޮށް އެކަން ކުރާ ޕްރިންޓު ކުރާ ބޮޑެތި ކުންފުނިތަކުން ވަނީ ސެކިއުރިޓީ ފީޗާސްއާއި އެކު 3 ލައްކައަށް ވުރެ ގިނަ ވޯޓު ކަރުދާސް 48 ގަޑިއިރުގެ ތެރޭގައި ޕްރިންޓު ނުކުރެވޭނެ ކަމަށް ބުނެފައި ކަމަށާއި، އެހެންކަމުން އެމް7 އާއި ވޯޓު ކަރުދާސް ހަވާލުކުރީ ވެސް ދުރާލާ ރޭވި ރޭވުމެއްގެ ތެރެއިންކަން ފުލުހުންގެ އިންޓެލްއަށް މައުލުމާތު ހޯދިފައިވާކަމަށް ފުލުހުންގެ އިސް އޮފިސަރު ކިޔައިދީފައިވެއެވެ.
”މީނަގެ މި ހަރަކާތްތަކުން ނަގައިގަނެވުނު ކަމަކީ ކޮންމެވެސް ކަމަކާ މީނަ ވަރަށް އެބަ ކަންބޮޑުވެއޭ. ނަމަވެސް އޭނަގެ އެ ބިހޭވިއާގެ ވާހަކަ ރައީސަށް އޭރު ދަންނަވަން ނުކެރުނީ ޝަރީފަކީ ރައީސްގެ ވަރަށް އިތުބާރު އޮތް މީހަކަށް ވުމުން. ސޯޝަލް މީޑިއާގެ އެޕްތަކާ ގުޅޭ ގޮތުން ސުވާލުކުރަނީ ނަވާޒު އޭނައާއި އެކަންކަމާއި ސުވާލުކުރާތީ ކަމަށް ޝަރީފު ބުނި. ޝަރީފުގެ އެ ވާހަކަތަކާ ގުޅިގެން އޭރުގެ އިންޓެލް ހެޑް އޭނަކައިރީ ބުނި ރައީސް އާއި ބައްދަލުކޮށް އެ ވާހަކަތައް ހިއްސާކުރަންވެސް. އޭނަ އާއެކޭ ކިޔާފައި އެކަންވެސް ނުކުރޭ.“ ފުލުހުންގެ އިސްވެރިޔާ ބުންޏެވެ.
ލީކުކޮށްފައިވާ އޯޑިއޯގައިވާގޮތުން އިސީގައި ހުރި ވޯޓު ކަރުދާސްތައް އަންދާލުމުގެ ހުއްދައަށް އެދި އެ އިދާރާއިން ސިޓީއެއް ފޮނުވިކަމަށް ބުނި ނަމަވެސް އެކަން ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތެވެ.
”އެ ސިޓީ ފިޒިކަލީ އެރިކަމަށް ވަނީ ހަމްދޫނުގެ ދަށުން އޭރު އޮަޕަރޭޝަނަލް ކޮމާންޑް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އޭރުގެ ސުޕްރިޑެންޑް މޫސާ އަލީ އަތަށް. އެކަން ހިނގީމަ ހަމްދޫނުވެސް އޭރުގެ ކްރައިމް ކޮމާންޑް ހެޑަށް ގުޅާފައި އެ ވާހަކަތައް ހިއްސާކުރި.“ ފުލުސް މީހާ ބުނެއެވެ.
މޫސަ ވަނީ އެ ސިޓި އޭނާއަތަށް އެރިކަމަށް ބުނެ އެ ސިޓީއަށް އޭނާ ޖަވާބު ފޮނުވިކަމަށް ބުނެފައި ކަމަށް ފުލުސް މީހާ ވަނީ ބުނެފައެވެ. ނަމަވެސް އެއީ މުސާ އަށް ކުރެވޭނެ ކަމެއްނޫންކަމަށް ބުނެފައިވެއެވެ. އެގޮތުން ސީޕީ މަގާމުގެ ޒިންމާތައް އަދާކުރަމުން ގެންދަނިކޮށް އެކަން އެހެން އެއްވެސް ވެރިއަކަށް ނުކުރެވޭނެ ކަމަށާއި، އެކަމަކު މޫސަ އެ ހުއްދަދިން ކަމަށް ބުނެފައިވެއެވެ. އަދި އިސީއިން ވޯޓު ކަރުދާސްތައް އަންދާލި ކަމަށާއި، ވޯޓު ކަރުދާސްތައް އަންދާލުމުގެ ކުރިން އެ ކަރުދާސްތައް ބަހައްޓާފައި ހުރި ތަނަށް ގޮތް ނޭނގޭ ބަޔަކު ވަތްކަންވެސް އިންޓެލްއަށް ފާހަގަކުރެވުނުކަމުގައި އޭނާ ބުނެއެވެ.
މީގެ އިތުރުން އިންތިހާބާ ގުޅުން ހުރި ކަންކަން ކުރިއަށް ދިޔައިރު އެކި ބައްދަލުވުންތަކަށް ފަހު އީސީ ޝަރީފު ފުލުހުންގެ އެތެރޭގެ އެކި މައުލޫމާތުތަކާއި ގުޅޭ ގޮތުން އޭރު އިންޓެލްގެ ހެޑްއާއި ސުވާލުކުރިކަންވެސް އެނގެން އޮތް ކަމާއި، އެގޮތުން ވަޓްސްއަޕް މެދުވެރިކޮށް ގުޅާ ކޯލުތައް ފުލުހުންނަށް ޓެޕް ކުރެވޭތޯއާއި، އަޑު އެހޭތޯ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ފުލުސް މީހާ ބުންޏެވެ. އޭނާ ބުނީ ވަޓްސްއަޕް މެސެޖުތަކާއި ގުޅިގެން ވެސް އިސީ ޝަރީފު އޭރުގެ އިންޓެލް ޑިޕާޓްމަންޓޫގެ ވެރިންނާއި ވަރަށް ގިނަ ސުވާލުކޮށްފައިވާ ކަމަށާއި، ބެލެވޭ ގޮތުގައި އެއީ އިންތިހާބު އޮޅުވާލުމުގެ މުއާމަލާތްތައް ވަޓްސްއަޕް މެދުވެރިކޮށް ކުރުމުގެ ބޭނުމުގައި ސާފުކުރި މައުލޫމާތެއް ކަމުގައެވެ.
އޯޑިއޯގައިވާގޮތުން އީސީއަށް އޭރުގެ އިދިކޮޅުން އަތް ގަދަކުރުމަށް މަގު ފަހި ކުރުމަށް ކުރި އެންމެ މުހިއްމު ކަމަކީ ޝަރީފަށް ރައީސް ކަން ދިނުމުގެ ކުރިން އެ މަގާމުގައި ހުރި އަހުމަދު ސުލައިމާން މަގާމުން ދުރުކުރުވުމެވެ. ފުލުސް މީހާ މިފަދައިން އޯޑިއޯގައި ބުނެފައިވާއިރު، ޝަރީފު އީސީއަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އޭރު ތިއްބެވި އެމްޑީޕީގެ މެންބަރުންވެސް ވަނީ ވޯޓު ދެއްވާފައެވެ. އަދި އެ ކޮމިޝަންގައި ހުންނެވި މުހައްމަދު ޝަކީލުމެން ފަދަ ބޭފުޅުން މަގާމުން ދުރުކޮށްފައިވެއެވެ.
އިންތިހާބު ކައިރިވީ ވަރަކަށް އީސީ ޝަރީފް އިސްކަންދަރު ކޮއްޓަށް ވަދެ ނިކުމެ ހެދުން އިތުރުވެ ހެނދުނުގެ ނާސްތާވެސް ފުލުހުންގެ ބައެއް އިސްވެރިންނާއި އެއްކޮށް ކުރާކަންވެސް އެނގިފައިވާކަމަށް އޯޑިއޯގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ގާސިމް އިބްރާހިމް ޖަރުމަނުގައި ހުންނަވައި ޝަރީފަށް ގުޅުއްވައި ވޯޓުގެ ކަންކަން ކުރިއަށް ދާނެ ގޮތާއި އަދި އޭނާ ބޭނުންވާ އެއްވެސް ކަމެއް އޮތްތޯ ސުވާލުކޮށްފައިވާކަމަށް ފުލުސް މީހާ ބުނެއެވެ. ހަމަ އެހެންމެ އިންތިހާބަށް ފަހު ރައީސް ޔާމީންގެ އެކައުންޓު ތަފްސީލު ހޯދުމަށް އަމުރަކަށް އޭރުގެ ފައިނޭންސް ކްރައިމްގެ ސީނިއަރ އައިއޯއެއްގެ ގޮތުގައި ހުރި ސުޕްރިޑެންޓު އިސްމާއިލް ފަރީދު އެދުނުކަމަށާއި، ވޯޓު ކަރުދާސްތައް ހުރި ސެކިއުރިޓީ ބަޔަށް ވަނީވެސް މިހާރުގެ އިންޓެލްގެ އިސް މަގާމެއްގައި ހުރި އެ ފަރީދުކަން އިންޓެލްއަށް އެނގިފައިވާ ކަމުގައެވެ.
ލީކުވި އޯޑިއޯގައި ބުނީ ކްރައިމް ޑިޕާޓްމަންޓުގައި ކުރިން ހެޑްއަކަށް ހުރި އެސިސްޓެންޓު ކޮމިޝަނަރ ހުސެއިން އާދަމަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ފުލުހުންގެ ތެރެއިން މައުލޫމާތު ހޯދާ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއަށް ފޯރުކޮށްދިން މީހެއް ކަމުގައެވެ.
”މިކަން ހާމަވެފައިވަނީ އެކެއް ފެބްރުއަރީގެ ހާދިސާއާއި ގުޅިގެން ރިޔާޒުގެ ފޯނު ހިފަހައްޓާ ތަހުގީގުކުރި ހިސާބުން. ނަމަވެސް އެކަންކަން ބަލާ އެމީހުންނާ މެދު ފިޔަވަޅު އެޅިފައެއް ނުވޭ. އެއީ އޭރު ސީޕީއަކަށް ހުރީ ނަވާޒު ކަމަށް ވުމުން. ނަވާޒު އާއި ޖޭޕީއާއި އޮންނަ ގުޅުމެއްގެ ބޮޑުކަމުން އެކަންކަން ވަނީ އޮއްބާލާފައި.“ ފުލުހުންގެ އިސްވެރިޔާ ބުނެއެވެ.
އިންތިހާބުގެ ކަންކަމާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލުނު ދުވަސްވަރު އީސީ ޝަރީފުގެ އޯޑިއޯއެއް ލީކުވިއެވެ. އެ އޯޑިއޯގައި ޝަރީފު މީހަކާ ދައްކާ ވާހަކައިގެ ތެރެއިން އިންތިހާބުގެ ވާހަކަ އަހައިފިނަމަ އެކަން ޑިނައި ކުރަން ނުވަތަ ހަވާލު ނުވާން ބުނާ އަޑު އިވިގެންދެއެވެ. އެ އޯޑިއޯގެ މައްސަލަ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް އަލީގެ ސަމާލުކަމަށް ފުލުހުން ގެނައި ނަމަވެސް އެކަމަނާ އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ”ތިއީ އެޑިޓުކޮށްފައި އޮތް އެއްޗެއް“ ކަމަށް ވިދާޅުވެ ދޫކޮށްލިކަންވެސް މި އޯޑިއޯއިން އެނގެން އެބައޮތެވެ. އެކަމަކު އެނަލިލިސްއެއް ހެދިނަމަ، އެއީ ޝަރީފުގެ އަޑުކަން ސާބިތު ކުރެވޭނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޯޑިއޯގައި ވާހަކަ ދައްކާ ފުލުސް މީހާ ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ޝަކުވާތަކާ ގުޅޭގޮތުން އީސީ ޝަރީފް ވާހަކަ ދައްކަވާ އޯޑިއޯއެއްވެސް ވަނީ ދާދި ފަހުން ވަނީ ލީކު ކޮށްލާފައެވެ.
”ބޮންތި“ އަށް އެނގިފައިވާގޮތުގައި އީސީގެ ކުރީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް އާއި އިތުރު މެންބަރުން ރިޔާސީ އިންތިހާބުގެ ވޯޓު ވަކި އަތަކަށް ފުރޮޅާލުމަށްޓަަކައި ކުރި ކަންކަމުގެ ވާހަކަ އެކި ފަރާތްތަކާ ހިއްސާކޮށްފައިވާ އޯޑިއޯ އެބަހުއްޓެވެ.
ވަގުވޯޓުން އިންސާފުހޯދި ސަރުކާރު
ފަސްއަހަރު ނިމެނީ އަދި ވެސް އޮތީ ޝައްކު ބަލީގަ
އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ނިމި ދާނީ!!الله އިރާދަ ކުރެއްވިއްޔާ މަކަރުވެރިންގެ މަކަރުވެރިކަން ވަރަށް ހިތި ގޮތަކަށް ނިމި ދާނީ!!
ތިޔަ އޯޑިއޯ އަކީ އޭސީޕީ ޖަމްޝީދު އަމިއްލައަށް ހަދައިގެން އުޅޭ އެއްޗެއް. ރެކޯޑްތަކާ އެއްގޮތަކަށްވެސް ދިމައެއްނުވޭ. ރައީސްޔާމީންގެ ޔޮޓު ގޮއްވާލި ހާދިޘާގައި ޕޮލިސް އިންޓެލިޖަންސް ފެއިލްވިގޮތުގެ ވާހަަަކަ ތިގޮތައް ދައްކާލާނެނަމަ މާރަނގަޅުވާނެ