ޚަބަރު

ޝަހުބާން އެމްއެމްސީން ބޭރުކުރަން މިރޭ ޖެހި ސަކަރާތްވެސް ވީ ފެއިލް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް މަގާމުން ވަކި ކުރަން އެ ކައުންސިލްގެ ކުއްލި ޖަލްސާއެއް މިރޭ ކުރިޔަށް ދިޔަކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.

ޝަހުބާން ވަކި ކުރަން އެމްއެމްސީގެ ތެރެއިން މިރޭ 21:30 ގައި ޖަލްސާއެއް ބޭއްވީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތެއްގެ ދަނޑިވަޅު ބަލައި އެ ކައުންސިލްގެ ރައީސް ކަމަށް އަންނަން ދުރާލާ ރާވައިގެން ސިއްރު އެޖެންޑާއެއް ގެންގުޅޭ މެންބަރެކެވެ. އެކަމަކު ގާނޫނުގައި ބުނާ 10 ވޯޓު ހަމަނުވުމުގެ ސަބަބުން މިރޭގެ މަސައްކަތް ވީ ނާކާމިޔާބެވެ.

އެނގިފައިވާގޮތުގައި މި މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ޝަހުބާން އާއި އެއްކޮށް ވާދަކުރި ރީޖަނަލް އެއާޕޯޓްސްގެ މިހާރުގެ ބޯޑު މެންބަރު މެންބަރު މުހައްމަދު ޝަފާއު ހަސަނެވެ. ޝަހުބާން އާއި ވާދަކޮށް ޝަފާއު އަށް ލިބުނީ އެންމެ 3 ވޯޓެވެ. އޭނާ އަކީ އެމްއެމްސީއަށް އަމިއްލަގޮތުން ހޮވުނު މެންބަރެކެވެ.

ޝަހުބާން ބޭރު ކުރުމަށް އިތުރު މެންބަރުންނާއެކު ޝަފާއު މަސައްކަތް ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ޝަހުބާން މަގާމުން ވަކި ކުރަން ނެގި ވޯޓު ނާކާމިޔާބުވީ ގާނޫނު ބުނާ އަދަދަށް ވޯޓު ހަމަނުވެގެންނެވެ. ވޯޓު ދިނީ 8 މެންބަރުންނަށް ވުމުން ގާނޫނުގައި ބުނާ 10 ވޯޓު ނުލިބުނީއެވެ. އެ ވޯޓަށްފަހު މީޑިއާތަކަށް މައުލޫމާތު ދީފައިވަނީވެސް ޝަފާއު އެވެ.

އޭގެ ފަހުން އަނެއްކާ މިމަހުގެ 2 ވަނަ ދުވަހުގައިވެސް ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިންމިއެވެ. އެ ވޯޓުގައި  ކާކުކަން އެނގޭ ގޮތަށް ވޯޓު ކަރުދާހުގައި ފާހަގައެއް ޖަހުވަންވެސް ރޭވިއެވެ. ވޯޓު ކަރުދާހުގައި ޖަހާ ފާހަގައިގެ އިތުރަށް އިނގިރޭސި އަކުރެއް ޖެހުމަށްވެސް ރޭވީއެވެ. އެކަމަކު އެ ދުވަހުގެ ޖަލްސާވެސް ކުރިޔަށް ނުގެންދެވުނެވެ.

ޝަފާއު އަކީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ ފްލެޓް ގަތް މައްސަަލައިގައި ފުލުހުންނަށް ބަޔާން ދިނުމަށްފަހު ޝަރީއަތުގައި ހެކި ބަސް ދޭން ދެކޮޅު ހެދި މީހެކެވެ. އޭނާ ވަނީ  އިސްލާމިކް ބޭންކުގެ ކުރީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒްގެ މަގާމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކޮށްފައެވެ. އެމްއާރުޑީސީ އާއި ހަވާލުވީ އިސްލާމިކް ބެންކު ވަޒީފާ ދޫކޮށްލިތާ ދުވަސްކޮޅެއް ތެރޭގައެވެ. އަދި އެމްއާރުޑީސީގައި ޝަފާއު އަށް ހިފަހައްޓާލެވުނީ އެއް މަސް ދުވަހަށްވުރެންވެސް ކުޑަ ދުވަސްކޮޅަކަށެވެ. އޭނާ އެ ކުންފުނިން ބޭރު ކުރި ސީދާ ސަބަބު އޭރުގެ ސަރުކާރުން ހާމަނުކުރި ނަމަވެސް އިހްލާސްތެރި ކަމާމެދު ޝައްކުތަކެއް އުފެދިފައިވާ ކަަމަށް އަޑުތަކެއް ފެތުރުނެވެ.

ފަނޑިޔާރުން ފްލެޓް ގަތް ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކޯޓުގައި ހެކިބަސްދޭން އޭނާ ދެކޮޅު ހެދީ ސިއްރު ކުރަން ޝަރުތު ކުރުމަށް ފަހު ޝަފާއު ފުލުހުންނަށް ދިން ބަޔާން މީސް މީޑިއާގައި ލީކް ވުމާގުޅިގެންނެވެ. އެ ބަޔާނުން އެނގޭގޮތުގައި ފަނޑިޔާރު އަލީ ހަމީދު ފްލެޓް ގަތުމަށްޓަކައި ނިންމަން ޖެހޭ ލިޔެކިޔުމުގެ އެންމެހާ ކަންކަން ކުރީ ޝަފާއު އެވެ. ފްލެޓް ގަތުމަށް ބައެއް ފަރާތްތަކާއި މުއާމަލާތު ކުރުމުގައި އިސް މެދުވެރިއެއްގެ ރޯލުވެސް އަދާކުރީ އޭނާއެވެ. ލީކުވި ބަޔާނަކީ ސައްހަ ބަޔާނެއްކަން އޭރު ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގައި އޭނާ އިސްތިއުފާ ދޭން ޖެހޭކަމަށް އެމްއެމްސީގެ 15 މެންބަރުންގެ ތެރެއިން 8 މެންބަރަކު ވޯޓު ދީފައިވާއިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު މަހުލޫފު ހުންނެވީ މިނިސްޓަރު ކަމުގައި މަގާމުގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާގެ މައްޗަށް ވަނީ އިންސާނީ ވަގުފާރި ކުރުމުގެ މައްސަލައިގައި ދައުވާ އުފުލާފައެވެ. އަދި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button