
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްވުރެ ސަރުކާރަށް މުހިންމީ ކުންފުންޏެއްގެ އާމްދަނީ ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް 2 އިން 60 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ލުމާގުޅިގެން ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށް ކަމުގައެވެ.
މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށް! މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން! pic.twitter.com/TDJkOa8eSk
— Dr Mohamed Muizzu (@MMuizzu) December 27, 2021
މުއިއްޒު މިފަދައިން ވިދާޅުވިއިރު އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް މި ފުރުސަތުގެ ބޭނުން ހިފޭނެ ކަމުގައެވެ. އަދި މި މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.