ޚަބަރުސިޔާސީ

ރިޔާސީ އިންތިހާބުގެ ޝަކުވާތަކަށް ޝަރީފް ބީރު ކަންފަތެއް ދިން ކަން ފުލުހުންގެ ރިޕޯޓުން ހާމަވެެއްޖެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޝަކުވާތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ބީރު ކަންފަތެއް ދިން ކަން ފުލުހުންގެ ރިޕޯޓުން ހާމަވެެއްޖެއެވެ.

އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް އެކި މީހުން ދީފައިވާ ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން އީސީގެ ކޮމްޕްލެއިންސް ބިއުރޯގައި މައްސަލަތައް ބަލަމުންދަނިކޮށް ކުއްލިއަކަށް އިލެކްޝަން ކޮމިޝަންގެ ވެރިން ވަގުތުން ދަރުބާރުގެއަށް ބިއުރޯގެ މަސައްކަތް ބަދަލު ކުރުމަށް އެންގިއެވެ.

ދަރުބާރުގޭގައި އިންޓަނެޓާއި ފޯނު ލައިން ނެތުމުން އެއްވެސް މަސައްކަތެއް ސިސްޓަމުން ނުކުރެވޭކަމާއި، އެތަނަށް ބިއުރޯގެ މަސައްކަތް ބަދަލުކުރި ފަހުން އީސީގެ ވެރިން ޝަކުވާ ފޯމުތަކެއް ހިފައިގެން އައުމުން އުނދަގޫވާނެ ކަމަށް މުވައްޒަފުން ބުނުމުން ”މިއީ މިއަދު މިކަން އޮތް ގޮތޭ.“ ބުނެފައިވާކަމަށް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.

”ވޯޓުލާ ނިމުނު ފަހުން އީސީގެ ރައީސް އަހުމަދު ޝަރީފް 2018 އޮކްޓޯބަރ ވަނަ ދުވަހު 11:00 ހާއިރު ބައްދަލުކޮށް ވެދިޔަ ކަމެއް ވެދިޔައިއްޔޭ، އަޅުގަނޑުމެން ނިންމައިފީމޭ ހުރިހާ މައްސަލައެއް ޑިސްޕެޗް ކުރަން ބުނުމުން އެނގުނީ ބިއުރޯއަށް ފޮނުވި މައްސަލަތައް ޑިސްޕެޗް ނުކުރާކަން.“ ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނީ، ބިއުރޯއިން އީސީގެ އިދާރާއަށް ޑިސްޕެޗް ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން 105 މައްސަލައެއްގެ ޖިނާއީ ތަހުގީގު ހިންގަން ފުލުހުންނަށް ހުށަހަޅައިގެން ކުރިޔަށް ގެންދާން ފެންނަ ކަމަށް އީސީ އިން ނިންމި ނަމަވެސް އެއިން އެއްވެސް ޖަވާބެއް އެ މައްސަލަ ހުށަހެޅި ފަރާތަށް  ރައްދުކޮށްފައި ނުވާކަން އެދުވަހުގެ ބައްދަލުވުމުގައި ޝަރީފް ދެއްކެވި ވާހަކައިން އެނގުނު ކަމުގައެވެ.

މީގެ އިތުރުން އެ ހުރިހާ ކަމެއް ހިނގިއިރު، ޝަރީފް ނޫސްވެރިންނާއި ބައްދަލުކޮށް އެއްވެސް މައްސަލައެއް ވޯޓާ ގުޅިގެން ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންނާއި ބައްދަލުކޮށް ޝަރީފް ދެއްކެވި ވާހަކައިގެ އޯޑިއޯއެއް ފުލުހުންގެ ތަހުގީގަށް ލިބިފައިވާއިރު، ހުށަހެޅިިފައިވާ ޝަކުވާގެ އަދަދު އޭނާގެ ވާހަކައިން ދޭހަވާ ކަމާއި ކަންކުރަންވާ ގޮތް ކިޔައިދީފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ރިޕޯޓު ލީކުވުމާ ގުޅިގެން އެ އިދާރާއިން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަދި މިކަމާ ގުޅިގެން ޝަރީފް ވެސް އަދި އެއްޗެކޭ ވިދާޅެއް ނުވެއެވެ.

މި ރިޕޯޓު ލީކުވުމާ ގުޅިގެން ޝަރީފްގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ފުލުހުންނަށް ޝަރީފް ދީފައިވާ މައުލޫމާތުގައި ވާގޮތުން ތަހުގީގެެއް ކުރިޔަށްދާކަން އޭނާ އަށް ނޭނގޭ ކަމަށް ވިދާޅުވާއިރު، ފުލުހުންގެ ޒިންމާ އަކީ ކޮބައިތޯ އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ވޯޓު ކަރުދާސް ކޮށާލި އިރު، ފުލުހުން ނެތީ ކީއްވެ ތޯ އާއި، ވޯޓު ކަރުދާސް ބެހެއްޓިފައި ހުރި ތަނުގައި ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި ޝަރީފް ފުލުހުންނަށް ފޮނުވިކަމަށް ވިދާޅުވި ސިޓީއަށް ފުލުހުން ޖަވާބު ދިންތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ. އަދި އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހަމްދޫން ރަޝީދު ކޮބައިތޯ ވެސް އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ވޯޓުގެ ނަތީޖާއަށް އަސަރު ކުރާނެ ފަދަ ކަމެއް ނުހިނގާ ކަމުގައެވެ. އެ ނިންމުމާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ”އޮޅުވާލި ވޯޓު“ ގެ ނަމުގައި މުޒާހަރާ ކޮށްފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button