ޚަބަރުސިޔާސީ

އިދިކޮޅުން 6 ކަމެއްގެ ތަފްސީލް ހޯދަން އީސީއަށް ގޮސްފި

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕުން އިލެކްޝަން ކޮމިޝަނަށް ގޮސްފިއެވެ.

އިދިކޮޅު ލީޑަރޝިޕުން މިކުރި ޒިޔާރަތަށްފަހު ޕީއެންސީގެ ރައީސް އަބްދުރަޙީމް އަބްދުالله މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ލީޑަޝިޕުން އިލެކްޝަން ކޮމިޝަނަށް މިކުރި ޒިޔާތަކީ މައުލުމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ ކޯލިޝަނުން ހޯދުމަށް ބޭނުންވާ މައުލޫމާތު ފޯމު ހަވާލުކުރުމަށް ކުރި ޒިޔާރަތެއް ކަމަށެވެ.

އެގޮތުން އިދިކޮޅު ލީޑަރޝިޕުން ވަނީ ޖުމްލަ 6 ކަމެއްގެ ތަފްސީލު ހޯދުމަށް އެދިފައެވެ. އެއީ:

  1. އިލެކްޝަންސް ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން އިންޑިއާގެ އެއްވެސް ފަރާތަކާއިއެކު، އެއްވެސް މަޝްވަރާއެއް ކުރެވިފައިވާނަމަ، ނުވަތަ ނޫން ނަމަ އެކަމުގެ މައުލޫމާތު.
  2. އިލެކްޝަން ކޮމިޝަންގެ މަސައްކަތާ ގުޅޭ ގޮތުން އިންޑިއާގެ އެއްވެސް ފަރާތަކާއިއެކު، ރަސްމީ ނުވަތަ ނުރަސްމީ އެއްބަސްވުމެއް ހެދިފައިވާނަމަ އެ އެއްބަސްވުމެއް.
  3. އިލެކްޝަން ކޮމިޝަނާއި އިންޑިއާގެ އެއްވެސް ފަރާތަކާއިއެކު އެމްއޯޔޫ އެއް ހެދިފައިވާނަމަ އެމްއޯޔޫގެ ކޮޕީ، ނުވަތަ އެމްއޯޔޫއެއް ހެދުމަށް ތައްޔާރުވާނަމަ އެކަމުގެ ތަފްސީލު.
  4. އިލެކްޝަން ކޮމިޝަންގެ މުވައްޒަފުން ތަމްރީން ކުރުމަށް ނުވަތަ ތަޖުރިބާ ހޯދުމަށް އިންޑިއާއަށް ފޮނުވާފައިވާނަމަ، ނުވަތަ ފޮނުވަން ގަސްތުކުރާނަމަ، ނުވަތަ ފޮނުވަން މަޝްވަރާ ކުރާނަމަ އެކަމުގެ މައުލޫމާތު، އަދި އިންޑިއާގެ ވަފުދުތައް އެއްވެސް ހައިސިއްޔަތަކުން އިލެކްޝަންސް ކޮމިޝަންގައި މަސައްކަތްކުރާނަމަ، ނުވަތަ ކުރުމަށް ނިންމާފައިވާނަމަ އެކަމުގެ މައުލޫމާތު.
  5. އިލެކްޝަންސް ކޮމިޝަންގެ އިދާރީ އަދި ފަންނީ މަސައްކަތްތަކުގައި ނުވަތަ ވޯޓު ނެގުމުގެ މަސައްކަތުގައި، އިންޑިއާއިން ހަދިޔާކޮށްފައިވާ އެއްވެސް ވަސީލަތެއް ނުވަތަ އާލާތެއް ބޭނުންކުރާނަމަ އެކަމުގެ މައުލޫމާތު.
  6. ފުރަތަމަ 4 ނުކުތާގައިވާ ކަންކަން ކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމި ޖަލްސާތަކުގެ ޔައުމިއްޔާ.

ދާދިފަހުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ފާހަގަވި މައްސަލަތަކަކަށްފަހު، އިދިކޮޅު ކޯލިޝަނުން ދަނީ އިލެކްޝަން ކޮމިޝަންގެ މަސައްކަތް ވަރަށް ގާތުން ބަލަމުންނެވެ. އަދި އެކޯލިޝަނުން ވަނީ ދެޕާޓީގެ އެންމެހާ މެންބަރުންގެ ކިބައިން ޕާޓީގައި ރެޖިސްޓްރީ ވެފައިވާކަން ކަށަވަރުކުރުމަށް އެދިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button