2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލު ކުރުމަކާ ނުލާ ކަމުގައެވެ. އެއީ ރައްޔިތުން ވޯޓުލީ ގޮތް ކަމުގައިވެސް އަކްރަމް ވިދާޅުވިއެވެ.
އަނެއްކާވެސް 2018 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ތަކެވެ.
ﷲ ގަންދީ ބުނަމެވެ. އެއިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލުކުރމަކާއިނުލާ،ރައްޔިތުން ވޯޓުލީ ގޮތަށެވެ.
ދުލާއި ގަލަމުގެ ބޭނުން ތެދު ގޮުތުގައި ނޫނީ ނުހިފާށެވެ.ﷲގެ އަޒާބައް ބިރުވެތިވާށެވެ— Ahmed Akram (@akram4535) December 12, 2021
އަކްރަމް ވަނީ ނަތީޖާއަށް ބަދަލު ނުގެންނަކަމަށް މާތްﷲ ގަންދަނީ ހުވާ ކޮށްފައެވެ. އަދި ދުލާ ގަލަމުގެ ބޭނުން ތެދު ގޮތުގައި ހިފުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަކްރަމް މިފަދައިން ޓުވީޓު ކުރެއްވީ ރިޔާސީ އިންތިހާބުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭ ކަންތައްތައްގެ މައްޗަށް އެކުލާވާލާފައިވާ ފުލުހުންގެ ރިޕޯޓެއް ލީކު ވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ފުލުހުންނަށް މީގެ ކުރިން ދީފައިވާ މައުލޫމާތުތައްވެސް ވަނީ ލީކު ކޮށްލާފައެވެ.