ޚަބަރުސިޔާސީ

ރައިސް ޔާމީނުގެ އިންތިހާބީ ހައްގުތައް ނިގުޅައިގަންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމުގެ އިންތިހާބީ ހައްގިތައް ނިގުޅައިގަނެ، އެ ހައްގުތަކަށް އަރައިގަތުމަށް މި ސަރުކާރުން އަޑީގައި ތިބެ ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް ޔާމީނަށް ވާދަކުރެއްވުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށާއި، އެމަނިކުފާނުގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް، ދައުވާ އުފުލައި، އަވަސްއަރުވާލައިގެން ހުކުމް ކުރުމަށް ޖުޑީޝިއަރީއިން ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެއީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަވެސް ރައީސް ޔާމީނުގެ މައްޗަށް ކުރި ހުކުމަކީ ހައްގުނޫން ހުކުމެއްކަމަށާއި، އެކަން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ދިޔަގޮތުން އެނގޭނެކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ހައިކޯޓުގައި އިސްތުއުނާފުކޮށްފައިވާ މައްސަލައަކީވެސް އޭގައި ސިޔާސީ ނުފޫޒު ފުރިހަމައަށް އޮތް މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ކޮށްފައިވަނީ ހަރާން ހުކުމެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު ޑިސެންބަރުގައި ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފީ މަރުހަލާއިން ބާތިލުވެގެންދާނެކަމަށް ސަރުކާރަށް ގަބޫލުކުރެވެން ފެށުމާއެކު، އަވަސްއަރުވާލައިގެން އިތުރު ދައުވާތަކެއް އެމަނިކުފާނުގެ މައްޗަށް ކުރުމަށް މި ސަރުކާރުން މަސައްކަތްކުރުމަކީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް އޮތް ފުރުސަތު ބަންދުކުރުން ކަމަށާއި، އެއީ ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ގަބޫލުކުރެވޭނެކަމެއްނޫންކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމާއެކު، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ ހައްގުތަކަށް އަރައިގަތުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތާއި، އުފުލާފައިވާ ދައުވާތަކަށް އަވަސްއަރުވާލައިގެން ހުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅުން ގޮވާލާފައިވެއެވެ. އަދި ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށްވެސް އެދިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button