އިންޑިއާގެ ޖާސޫސުން ކަމަށްވާ ރިސާޗު އެންޑް އެނެލަޒިސް ވިންގު (ރޯ) ގެ އޭޖެންޓުން ނޮވްމެބަރު 3 ވަނަ ދުވަހު ދިވެހިރާއްޖޭއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު ބާޣީ އަބްދުﷲ ލުތުފީ ޖަލުގައި ހުރި ދުވަސްވަރު ބައްދަލު ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
މެންބަރު ތޯރިގު މިހެން ވިދާޅުވީ އިދިކޮޅު ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށް ގެންދާ ”ކޮތަރު ކޮށި“ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތޯރިގު ވިދާޅުވިގޮތުގައި ލުތުފީގެ އޯޑިއޯއިން އެނގޭގޮތުގައި އޭނާ ޖަލުގައި ހުރި ދުވަސްވަރު އިންޑިއާގެ ރޯ އޭޖެންޓުން އޭނާ އާއި ބައްދަލު ކުރިއެވެ.
”އިންޑިއާގެ ޖާސޫސުން ލުުތުފީ އާއި ބައްދަލު ކުރީ ރާއްޖޭގެ ޖަލުގައި. ޕްލޯޓް ޖަމާއަތުގެ ލީޑަރު އުމާ މަހޭޝްވަރަންގެ ރޫޓިން އާއި އޭނާ ހުރި ތަނުގެ މައުލޫމާތު އެމީހުން ނަގާފަ އޭގެ ފަހުން 1991 ގަ އުމާ މަހޭޝްވަރަން ވަނީ މަރާލާފަ. އެއީ މިދެންނެވި ހުރިހާ ކަމެއް ހަލާސް ކުރުމަށްޓަކައި.“ ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ފާހަގަކުރެއްވިގޮތުގައި ޕްރޮގްރެސް ލައިޓުން ލުތުފީ ފިލަން ކުރި މަސައްކަތުގައި އިންޑިއާ ސިފައިން އެ ބޯޓަށް ހަމަލާ ދިނުމުން ލުތުފީ އުމާ މަހޭޝްވަރަން އަށް އެކަން އެންގިއެވެ. އަދި އުމާ މަހޭޝްވަރަން އެކަން ހައްލު ކުރާނެކަމަށް ބުނި ކަން ލުތުފީގެ އޯޑިއޯގައި ބުނެފައިވާކަން ތޯރިގު ފާހަގަކުރެއްވިއެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ ހަމަލާގެ ފަހަތުގައި އިންޑިއާގެ އަތެއް ވާ ފަދަ މޭރުމަކުން މެންބަރު ތޯރި ވާހަކަ ދެއްކެވިއިރު ޕްލޯޓް ޖަމާއަތުގެ ވެރިޔާ ތަމްރީނު ފުރިހަމަކޮށްފައިވަނީ އިންޑިއާގެ ރޯ އާއި ގުޅިގެންނެވެ.