ޚަބަރުސިޔާސީ

އަމާޒަކީ ކޮރަޕްޝަނާއި، ހުދުމުހުތާރު ވެރިން ހުއްޓުވުން: ރައީސް ސޯލިހު

އަމާޒަކީ ކޮރަޕްޝަނާއި، ހުދުމުހުތާރު ވެރިން ހުއްޓުވުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން، ހުދުމުހުތާރުވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދެވި ”ސަމިޓް ފޮރ ޑިމޮކްރަސީ“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ވާޗުއަލް ކޮށް ބޭއްވި ސަމިޓެކެވެ.

ރައީސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ހުދުމުހުތާރުވެރިން ހުއްޓުވުމަށާއި، އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރު އޮތް މާލިއްޔަތު ގާނޫނާއި ގަވާއިދު އިސްލާހުކޮށް، ގާނޫނީ އޮނިގަނޑުގައި ހުރި ފަރަގުތައް ނައްތާލުމަށް އަމާޒު ހިފައިގެން މަސައްކަތްކުރަމުންގެންދާކަން ފާހަގަކުރައްވައި މިކަންކަމާއެކު ”އޯޕަން ޕާޓްނަރޝިޕް“އަށް މަގުފަހިވެ، މިހާރަށްވުރެ ދެފުށް ފެންނަ، ޖަވާބުދާރީވާ ސަރުކާރަކަށް ވުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަދަނީ ޖަމުއިއްޔާ ޖަމާއަތްތައް ނާޖާއިޒު ނުފޫޒުން އެއްކިބާވެތިބެ، މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިކޮށްދީ، އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ހަމައެހެންމެ، ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން ރާއްޖޭގައި ޖުޑިޝަރީ ހަރުދަނާކޮށް މިނިވަންކަން އިތުރުކުރުމާއި މި ދާއިރާއިން ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މުހިންމު މަސައްކަތްކުރަނީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް މިނިވަން ޝަރުއީ ނިޒާމެއްގެ މުހިންމުކަން ބޮޑުވީމާ ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގައުމީ ތަރައްގީގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، މިހާރުވެސް ތަޢުލީމީ ދާއިރާގެ 78 އިންސައްތަ ހިއްސާކުރަނީ އަންހެނުންކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ދާދިފަހުން ގެންނެވި އިސްލާހުތަކުގެ ތެރޭގައި، ކޮންމެ ކައުންސިލެއްގެ ތިންބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބުން ރަށްރަށުގައި މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ސަމިޓް ފޯ ޑިމޮކްރަސީ“ގެ ނަމުގައި ވަރޗުއަލްކޮށް ކުރިޔަަށް ގެންދިޔަ މިސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މިފަދަ ފުރަތަމަ ސަމިޓެވެ. އަދި ސަމިޓް އިންތިޒާމުކުރި ފަރާތްތަކުން 2022 ވަނަ އަހަރު އިން-ޕާސަން ސަމިޓެއް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button