ކޮލަމްސިޔާސީ

ކޮލަމް އަބާން: އަހަރެންގެ ނަޒަރުގައި 2023 ގެ އިންތިހާބު

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ ހުންނަވާ އައު ޕާޓީ އެއް އުފެއްދެވުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށްވެސް ބޮޑަތި ބަދަލުތަކެއް އަންނާނެއެވެ. އެޕާޓީން 26 ޖުލައި 2021 ވަނަ ދުވަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަރަށް ޔަގީންކަމާ އެކު 2023 ވަނަ އަހަރުގެ ރިޔާސީ ކާމިޔާބު ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިޝާރާތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި، މިހާ ޔަގީން ކަމާއެކު ކާމިޔާބުގެ ވާހަކަ ދެއްކެވި އެހެން ކެންޑިޑޭޓެއް އަދި ނުފެނެއެވެ. އެއަހަރުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ.

މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަކީ ވެސް ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ކެނޑިޑޭޓުން ބަލިވެގެންދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ރައީސް ނަޝީދު މިހާރު ގެނައުމަށް މަސައްކަތް ކުރަމުންދާ ބަރުލަމާނީ ނިޒާމަށް ވެސް މާ ބޮޑު ތާއީދެއް އޮތް ތަނެއް ނުފެނެއެވެ. އޮތް ނަމަ ގައުމީ މަޖިލީހުގެ ނަތީޖާ ނިކުންނާނީ އެހެންނެއް ނޫނެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޕްރޮފެސަރެއްގެ ލަގަބު ހާސިލު ކުރެއްވި ޕްރޮފެސާރ އުގެއިލް އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އެކަކެވެ. ސިޔާސީ ގޮތުން އުގެއިލްގެ ފަހަތުގައި މާގިނަ ބަޔަކު ނެތުމުގެ ސަބަބުން އިންތިހާބު ކާމިޔާބު ކުރުމަކީ އުގެއިލް އަށް ވަރަށް ދަތި ކަމަކަށް ވެގެންދާނެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ޑްރަގްސް އާއި ގޭންގާއި ކޮރަޕްޝަނާއި ލާދީނިއްޔަތުން ގައުމު ސަލާމަތް ކުރެއްވުމުގެ އެޖެންޑާގައި ކުރިމަތި ލައްވާފައިވާނެ ކެނޑިޑޭޓެކެވެ. މަދު ބަޔަކު އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ނަމަވެސް ކޯލިޝަނަކާއި ނުލައި އިންތިހާބެއް ކާމިޔާބު ކުރުމުގެ ގާބިލުކަމެއް އެމްނިކުފާނުގެ ކިބަޔަކުނެތެވެ.

ދެހާސް ތޭވީހުގެ ކުޅިބައި އަތުރާލެވޭއިރު ވެދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ ގޮތަކީ އިންތިހާބްގައި ހަތަރު ފަރާތަކުން ވާދަކުރުމެވެ.

ފުރަތަމަ ކެނޑިޑޭޓަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުވަތަ އެމަނިކުފާނުގެ ޖަލު ހުކުމަށް ގޮތެއް ނުނިމިއްޖެފަދަ ހާލަތެއްގައި ޕީޕީއެމް އިން ނެރޭ ކެނޑިޑޭޓެވެ. އެމްޑީޕީގެ ކެނޑިޑޭޓަކަށް ވެގެންދާނީ ރައީސް ސޯލިހެވެ. އަދި އަލަށް އުފައްދާފައިވާ އެމްއެންޕީން ކާނަލް ނާޒިމް ކުރިމަތި ލައްވާނެކަމަށް ބެލެވެއެވެ. އެންމެ ފަހު ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލައްވާނެ ކަމުގައި އަޅުގަނޑަށް ބެލެވެނީ އުމަރު ނަސީރެވެ. އުގެއިލްގެ ތާއީދު ލިބޭނެކަމަށް ބޮޑަށް ބެލެވެނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ.

ހަތަރު ބަޔަށް ވޯޓު ބެހިގެންދާއިރު ދެވަނަ ބުރަކަށް ގޮސް މީގެ ތެރެއިން ކާމިޔާބު ލިބޭނެ ކަމަށް ބެލެވެނީ މިވަގުތު ރާއްޖޭގައި އެއް ލީޑަރަކަށް އެންމެ ތާއީދު ބޮޑު ލީޑަރު ކަމުގައިވާ ރައީސް ޔާމީން ނުވަތަ އެމަނިކުފާނު އިހުތިޔާރު ކުރައްވާފަނެ ކެނޑިޑޭޓެވެ. ސަބަބަކީ ލާދީނިއްޔަތާއި ހަރުކަށި ފިކުރުން މިގައުމު ސަލާމަތް ކޮށް މިގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވޭނެ ލީޑަރެއް ކަމުގައި ގިނަ ބަޔަކު ދެކޭ ލީޑަރަކީ ރައީސް ޔާމީން ކަމަށް ވާތީއެވެ.

 

2 Comments

  1. 2023 ގައި ނުކުންނަވާނީ އދ ގެ ހާއްސަމަޖިލީހުގެ ރައީސް އަބުދުﷲ ސާހިދު. .މިކަން އޮތީ ނިމިފައި . ނަމުގައި ޕުރައިމަރީވެސް އޮންނާނެ. ރައީސްނަސީދު ނިޒާމުން ގެއްލުވާލަން މިމީހުންކުރާކަންތަށް ވަރަށްއަވަހަށް އެގޭނެ.

  2. ރައީސް ޔާމީނު ނޫން އެހެން ކެނޑިޑޭޓަކަށް ވޯޓު ދިނުން އެއީ ވާނެ ކަމެއް ނޫން. ރައީސް ޔާމީނު ދައްކާ މީހަކަށް ވޯޓެއް ނުލެވޭނެ. ޣައްސާނު، ސައީދު، އާދަމް ޝަރީފު، މުއީޒު، ޝަހީމު، ޖަމީލު އަކަށްވެސް ވޯޓެއް ނުދެވޭނެ. މީގެން މީހަކަށް ވޯޓު ދީފިނަމަ އިތުރު 10އަހަރު ރައީސް ޔާމީން އޮންނާނީ ޖަލުގައި. ވޯޓު ލަންޏާ އިރާދަ ކުރެއްވިއްޔާ ވޯޓު ލާނީ ރައީސް ޔާމީނަށް އެހެން މީހަކަށް މަގޭ ވޯޓު ހަރާމް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button