ރައީސް ޔާމީންގެ ޖޫރިމަނާ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލު ކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައުލަތަށް ދައްކަވަން އެންގެވި ފަސް މިލިއަން ޑޮލަރު ނުދެއްކެވުމުން އެ ފައިސާ ހޯއްދެވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި އުފުލި ދައުވާގެ އަޑު އެހުމެއް ތާވަލް ކޮށްފިއެވެ.
އޭޖީ އޮފީހުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމުން ބަލައިގަނެ އަންނަ ހަފުތާގެ ބުދަ ދުވަހުގެ 11:20އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
އޭޖީ އޮފީހުން ހުށަހެޅި މައްސަލައިގައި އެދުނީ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކެވުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ މައްސަލަ ހުށަހެޅީ، ޓެކްސް ނޫނީ ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ފައިސާ، އެ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ނަމަ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ދައުވާ ކުރުމުގެ އިހްތިޔާރު އޭޖީ އޮފީހަށް ލިބިގެންވާ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނާ މާއްދާގެ ދަށުންނެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯން އިއްވާފައިވާ ހުކުމް ސުޕުރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާއި ގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ އެމަނިކުފާނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.