
ރައީސް ޔާމީންގެ ހިންގުންތެރިކަމާ ހިކުމަތްތެރި ކަމާއެކު ނެރުއްވާފައިވާ ނަތީޖާ މިއަދު މި ސަރުކާރުންވެސް މިއަދު ގަބޫލުކޮށްފިކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ޒަޢާމަތުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި މާލޭގައި ބިނާކުރެއްވި ސަލްމާން މިސްކިތަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވިދާޅުވީ މާލޭގެ މަލަމަތި ބަދަލު ކޮށްލާވަރުގެ ބިނާއެއް ރައީސް ޔާމީން އަޅުއްވާ ދެއްވިކަން މިސަރުކާރުންވެސް ގަބޫލުކުރާކަމުގައެވެ.
”ހުކުރުދުވަހުގެރޭ ހޮޓެލް ޖެންގައި އޮތް ސައުދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައިއޮތް ރަސްމިއްޔާތަކަށް އަޅުގަނޑުވެސް ދިޔައިން. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވަނީ ސަލްމާން މިސްކިތަކީ މާލޭގައި ހުރި އެންމެ ބޮޑު އިސްލާމީ ބިނާކަމަށް ވެގެންދާނެއޭ. އެ މިސްކިތް ހުޅުވުމުން މާލޭގެ މަލަމަތި ބަދަލުވެގެން ދާނެއޭ. އެއީ ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އިސްލާމީ އެއް ބިނާއޭ. އަޅުގަނޑު މިރޭ ދަންނަވާލާން ބޭނުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ” އާދަމް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ވެރިކަމުގައި މިއަދު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައި އިސްލާމްދީނަށް ހަޖޫ ޖަހާ ރަސޫލާ އަށް ޖޯކު ޖަހާ ބަޔަކު އެބަތިބި ކަމަށެވެ. އަދި ސަރުކާރުން އިސްލާމީ ޝިއާރު އުފުލުމަށްޓަކައި މަސައްކަތްކުރާތަނެއް މިއަދު ނުފެންނަކަމަށާއި މިއަދު ފެންނަމުންދަނީ ހަރުކަށީގެ މައްޗަށް މަޑުކަށި އިތުރުކުރެވޭތޯ މަސައްކަތްކުރަމުންދާ މަންޒަރު ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ ސަލްމާން މިސްކިތް ހުޅުވުން ލަސްވުމާއި ގުޅިގެން އެތަށް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.