
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާ ކުރި ނަމަވެސް އެމަނިކުފާނަށް ފައިސާ ޖަމާކުރި އެސްއޯއެފަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވާކަން ހާމަވެއްޖެއެވެ.
އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާނުކުރަން ދައުލަތުން ނިންމާފައިވާކަން ހާމަވެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިއަދުގެ އަޑުއެހުމުގައި، އެސްއޯއެފާ ގުޅޭ ގޮތުން ތަހުގީގެއް ހިންގުނުތޯއާއި އެ ކުންފުންޏާއި އެ ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައިވޭތޯ މައްސަލަ ބައްލަވާ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުވަނީ ސުވާލު ކުރައްވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެސްއޯއެފަކީ މި މައްސަލާގައި އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ވެހިކަލް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ފެށުނުއިރު އެ ކުންފުނީގައި ޝާމިލުވާ ފަރާތްތައް ރާއްޖޭގައި ނެތުމުން އެ ފަރާތްތަކާ އެއިރު ތަހުގީގުގައި ސުވާލުކުރެވިފައިނުވާ ކަމުގައެވެ.
ދައުލަތުގެ ވަކީލުން އިތުރަށް ވިދާޅުވީ މުޅި މައްސަލަ ތަހުގީގުކުރުމަށް އެސްއޯއެފް ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާތީ އެ ފަރާތްތަކަށް ދައުވާ ނުކުރާނެ ކަމަށާއި ފަހުން ސުވާލުވެސް ކޮށްފައިވާނެކަމުގައެވެ.