ޚަބަރުސިޔާސީ

ހިޔާނާތުގެ ރިޕޯޓަކީ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރެއް، ފައިސާ ހޯދުމުގެ ނިޔަތެއް ނެތް: ޕީޕީއެމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓަކީ ބައެއްގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށާއި، ގެއްލުނު ފައިސާ ހޯދުމުގެ ނިޔަތެއް ސަރުކާރުގެ ނެތްކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ރަނގަޅު ނިޔަތެއް އޮވެގެން ކަމަށް އެއް އިރަކުވެސް އެޕާޓީއިން ގަބޫލު ނުކުރާކަމަށެވެ. އެއީ އެ ކޮމިޝަންގެ ރައީސް އަކަށް އިންނެވި ބޭފުޅަކީ ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވި އަދި އެފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށް ވުމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކޮމިޝަން އުފައްދައިގެން 2 އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމުން ދޭހަވަނީ، އެ ކޮމިޝަނާއި ހަވާލު ކުރެވުނު ކަމަށް ބުނާ މަސްއޫލިއްޔަތު ތަކަކީ ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ މަސްއޫލިއްޔަތު ތަކެއްކަން އެ ބަޔާނުގައިވެއެވެ. ޕީޕީއެމުން ދެކޭގޮތުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެވެ.

”ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ، ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަ ހާމަވެގެން ހިނަގައްޖެ.“ ޕީޕީއެމްގެ ނޫސް ބަޔާން

އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް އެ ލިސްޓުގައި ނެތްކަމަށް އެޕާޓީއިން ބުންޏެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނު ފެއްޓެވިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެގޮތުގެ މަތިން  އިންސާފުވެރިކަމާއެކު އެ މައްސަލަ ކުރިއަށް ގެންދިއުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

އެކަމުގައި ޝާމިލުވެފައިވާ އެންމެނަށް ހައްގު އަދަބު ދިނުމަށްވެސް ގޮވާލަން. ލިސްޓު އާންމު ކުރިއިރު، އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މައާފަށް އެދުމަށް ވެސް ގޮވާލަން.“ ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ހިޔާނާތުގެ ލިސްޓުގައި ގިނަ އަދަދަކަށް ޕީޕީއެމްގެ މަތިފަޑީގައި ތިބި ފަރާތްތައް ވަނީ ހިމަނާފައެވެ. އެ ހުރިހާ ފަރާތްތައް އެކަން ދޮގުކުރެއެވެ. މީގެ އިތުރުން ލިސްޓުގައި ހިމަނާފައިވާ އެމްޑީޕީގެ މެމްބަރުންވެސް އަންނަނީ އެކަން ދޮގުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button