ހޯމް މިނިސްޓްރީގެ ކޮރަޕްޝަންގެ ދިގު އަތްތައް ކަރެކްޝަންސް ތެރޭގައި؟
ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓެލެރެންސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގަތެވެ. އެކަމަކު އެމަނިކުފާނުގެ ކޯލިޝަން ސަރުކާރަށް މިވީ 2 އަހަރުގެ ތެރޭގައި ދައުލަތް ކޮރަޕްޝަންގެ ހާއްޔަކަށް ވެ ނިމިއްޖެ ކަމަށް ބުނުމުގެ ޖާގަ ލިބޭ އެތައް ކަމެއް ހިނގައިފިއެވެ. އެކަން ކަމަށް ފިޔަވަޅު އެޅުން އޮތީވެސް ފިޔަވަޅެއްގެ މަތީގައެވެ. ނިމެނޭ ދުވަހެއް ނޭނގެއެވެ. ބަދަލު ދިނުމުގެ ކޮރަޕްޝަނާއި، ”ވެންޓިލޭޓަރު“ގެ ކޮރަޕްޝަނާއި، ”ހަކުރު ކިލޯ“ގެ ކޮރަޕްޝަންގެ އިތުރުން ”ޓްރާންސްޕޯޓު“ގެ ކޮރަޕްޝަނަށް އެކަނި ބަލާލިޔަސް ފުދޭނެއެވެ.
އެންމެ ފަހުން ހޯމް މިނިސްޓްރީގެ ކޮރަޕްޝަންގެ ދިގު އަތްތައް އެ މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުގައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ތެރެއަށް ވަދެފައިވާކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. ކޮރަޕްޝަންގެ ހާއްޔަކަށް ތަނެއް ހެދުމުގެ ފުރަތަމަ މަރުހަލާއަކީ ހާލީގައި ތިބޭ ”ފިޔޮއްތައް“ ނަގައި އެބަޔަކު ގެންގުޅޭ ޅަ ފިޔޮއްތައް އެ ހާއްޔަކަށް ލުމެވެ. މަދުފަހަރެއްގައި ނޫނީ ހާލީގައި ކުރިން އޮންނަ ފިޔޮކެއްގެ ބޭނުމެއް ނުހިފާނެއެވެ. އެއީ އިތުބާރު ނުކުރެވޭތީއެވެ.
2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އައްސޭރި ޖަލުގެ ޑިރެކްޓަރ އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ސަސްޕެންޑް ކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރުމަށްފަހުގައެވެ. ޝާހީންގެ މައްޗަށް ކުރާ ތުހުމަތަކީ، އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗަރ މަސައްކަތުގެ ތެރެއިން ކަމާ ނުގުޅޭ ގުދަނެއްގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ ގުދަނަކީ ޖަލުގެ އެސްޕީޔޫ ޔުނިޓުގެ ގޮތުގައި ކުރިން ބޭނުން ކުރަމުން ދިޔަ ޔުނިޓު، ކުޑަކުދިންގެ ޔުނިޓުގެ ގޮތުގައި މަރާމާތުކޮށް ހެދުމަށް ނިންމާފައިވާ ކުރެހުމުގައި ހިމެނޭ ގުދަނެއްކަން ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ. ކުޑަކުދިންގެ ޔުނިޓުގެ މަސައްކަތް ކުރަމުން އަންނަނީ އައްސޭރި ޖަލުގެ ގައިދީންނެވެ. އަދި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އެއްވެސް އަގަކާ ނުލައި ކަރެކްޝަނަލް ސަރވިސަސްގެ ކޯޕަރޭޓިވް (ޕްރިސްކޯ) ގެ މުވައްޒަފުން މަސައްކަތް ކުރެއެވެ. ވަށާ ފާރުގެ މަސައްކަތާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރުމަށް ހަވާލުކުރަން އޭރު ނިންމާފައިއޮތީވެސް ޕްރިސްކޯ މެދުވެރިކޮށެވެ. އެހެންކަމުން އެ މަސައްކަތް ކުރާ ޕްރިސްކޯގެ ލޭބަރުން ބޭއްތިއްބުމަށް ވަގުތީ އެކޮމޮޑޭޝަނެއްގެ ގޮތުގައި ކުޑަކުދިންގެ ޔުނިޓާއި ގުޅިފައިވާ ގުދަން ބޭނުން ކުރުމަށް ނިންމީ އިމާރާތަށް އެއްވެސް ބަދަލެއް ނުގެނެސް ހުއްދަ ދީފައިވާ ގޮތަށެވެ. އަކަމަށް ހަރަދު ކުރަން ނިންމާފައި އޮތީވެސް ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗަރ ފައިނޭންސް މެދުވެރިކޮށްނެވެ. މި ހުރިހާ ކަމެއްގެ ތަފްސީލް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅަށް އެނިވަޑައިގެންފައިވާ ކަމަށް އައްސޭރި ޖަލުގެ އިސް އޮފިސަރުންގެ ފަރާތުން ވަނީ އެނގިފައެވެ. އަދި އެގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަކަށް ފިނޭންސް މިނިސްޓްރީއަށް އެދިފައިވާކަމަށް ސީޕީ އަހުމަދު ވިދާޅުވި ނަމަވެސް އެފަދަ ހުއްދައެއް އެ މިނިސްޓްރީއަށް ކަރެކްޝަނުން ފޮނުވާފައި ނުވެއެވެ. ގުދަން ހެދުމަށް ޕްރިސްކޯއިން 5 މީހަކު އައްސޭރި ޖަލަށް ފޮނުވާފައިވާއިރު އެމީހުން މިހާރުވެސް ދަނީ ކުޑަކުދިންގެ ޔުނިޓުގެ މަސައްކަތް ކުރަމުންނެވެ.
ޝާހީނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ކުޑަކުދިންގެ ޔުނިޓުގެ މަސައްކަތް ހުއްދަ ހޯދުމަކާނުލައި ކުރިޔަށް ގެންދިޔުންވެސް ހިމެނެއެވެ. އެކަމަކު 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އައްސޭރި ޖަލުން ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އޮފީހަށް ވަނީ އެ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދިފައެވެ. އަދި އެމަހުގެ 31 ވަނަ ދުވަހު އެކަމުގެ ހުއްދަ ސީޕީ ދެއްވާފައިވާކަން އަންގައި އައްސޭރި ޖަލަށް މެއިލްކޮށްފައިވެއެވެ. އެ މެއިލާއެކު މަސައްކަތުގެ ހުއްދަ ފޯމު ފޮނުވާފައިވާއިރު، އެ ފޯމުގެ ސޮއި ކޮށްފައިވަނީ ކަރެކްޝަންސްގެ ފައިނޭންޝަލް ކޮންޓްރޯލާ އިބްރާހީމް ނާޝިދު އެވެ. މަސައްކަތުގެ ޖުމްލަ އަގުގެ ގޮތުގައި ހުއްދަ ދީފައިވަނީ 1،288،748.80 (އެއް މިލިޔަން ދެލައްކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ ސާޅީސް އަށް ރުފިޔާ އަށްޑިހަ ލާރި) އެވެ. މި ލިޔެކިޔުންތަކުގެ ކޮޕީތައް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. މި މުއާމަލާތްތަކަށް ބަލާއިރު ޝާހީން އަމަލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް ކަރެކްޝަނަލް ސަރވިސް އިން ހަދާފައިވާ މުދަލާ ހިދުމަތުގެ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ 4 ވަނަ މާއްދާގެ ނ ގައިވާގޮތުން ޕްރޮޖެކްޓަކަށް ހޯދާފައިވާ މުދާ ހާއްސަ ހާލަތަކާއި ގުޅިގެން އެހެން ޕެރޮޖެކްޓަކަށް ބޭނުން ކުރަން ޖެހިއްޖެނަމަ، އެކަން ކުރަންވާނީ ފައިނޭންޝަލް ކޮންޓްރޯލާގެ ހުއްދަ ލިބިގެންނެވެ.
ޝާހީންގެ އިތުރުން ނާޝިދުގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅުމުން ބޯޑުން ނިންމީ އިދާރީ ފިޔަވަޅު އެޅުމަށެވެ. އެނގިފައިވާގޮތުގައި ސީޕީ އަހުމަދު މުހައްމަދު ފުޅުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު އާސިފް ވަނީ އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭސީޕީ އާސިފް ވަނީ ޝާހީން އާއި ނާޝީދު މަގާމުން ވަކި ކުރެވޭ ވަރުގެ ތަހުގީގެއް ހިންގައިދިނުމަށް ތަހުގީގު ޓީމަށް ދަންނަވާފައެވެ. ޑިސިޕްލިނަރީ ބޯޑުގެ އަޣުލަބިއްޔަތު ހޯދާނެކަމަށް އޭނާ ވިދާޅުވިކަމަށް ވެއެވެ. އަދި ތަހުގީގު ނިންމައި އެ މައްސަލަ ބޯޑަށް ހުށައެހެޅުމުން ސީޕީ އަހުމަދު ބޯޑަށް ގުޅައި، އޭސީޕީ އާސިފްގެ ހުށަހެޅުމަށް ތާއީދު ކުރުމަށް އެދުނުކަމަށް ވެއެވެ. އެ ހުށަހެޅުމަކީ ޝާހީންގެ މަގާމު ދަށްކުރުމަށްފަހު ނާޝިދު މަގާމުން ވަކި ކުރުން ކަމަށް އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ވަނީ ކަށަވަރު ވެފައެވެ. އެކަމަކު ބޯޑުން ނިންމީ އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތް ކަމަށެވެ.
ކަރެކްޝަނަލް ސަރވިސަސްގެ ބަޖެޓް ސެކްޝަނާއި އޭސީޕީ އާސިފް ހަވާލުވިފަހުން ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗަރގެ މަސައްކަތް ޕްރިސްކޯއާއި ކުރިން ހަވާލު ކުރި ހުއްދަތައް ބާތިލްކޮށް، ރިހެބިލިޓޭޝަން ކްލާސް ރޫމްތައް ހެދުމުގެ މަސައްކަތް ވަނީ އެހެން ބަޔަކާއި ހަވާލު ކޮށްފައެވެ. އަދި ޝާހީނާއި ނާޝިދުގެ މައްސަލައިގައި ސީޕީ އަހުމަދު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ގުޅުއްވައިގެން ޑިސިޕްލިނަރީ ބޯޑު ބަދަލު ކުރުމަށްފަހު އެ މައްސަލަ ރިވިއު ކުރަން ނިންމާފައިވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. މިކަމާއިގުޅިގެން ހޯމް މިނިސްޓްރީން ބުނީ ކަރެކްޝަނަލް ސަރވިސް އަށް ގުޅުމަށެވެ. ކަރެކްޝަނުން ބުނީ ހޯމް މިނިސްޓްރީގެ މެންޑޭޓުގައި އޮންނަ ކަމަކަށް ކޮމެންޓު ނުކުރެވޭނެ ކަމަށެވެ. އެކަމަކު ޝާހީނާއި ނާޝިދުގެ މައްސަލަ ރިވިއު ކުރުމާއި ގުޅޭގޮތުން ކަރެކްޝަނުން ބުނީ ހިނގަމުންދާ މައްސަލައެއް ވީމަ ކޮމެންޓެއް ދެވެން ނެތް ކަމަށެވެ. ހިނގަމުންދާ މައްސަލައެއް ކަމަށް ކަރެކްޝަނުން ބުނިއުއިރު ބޯޑުން އޮތީ އެ މައްސަލަ ނިންމާފައެވެ. ކަރެކްޝަނަލް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ ހޯމް މިނިސްޓަރގެ އަތްޕުޅުގައެވެ.
ކަރެކްޝަނަލް ސަރވިސްގެ މުވައްޒިފުން ތުހުމަތު ކުރާގޮތުގައި އެ އިދާރާގެ މަސައްކަތްތަކަށް ހޯމް މިނިސްޓްރީގެ ނުފޫޒު ވަނީ ވަރަށް ބޮޑަށް ވަދެފައެވެ. އަދި އެކަމުގައި ކަރެކްޝަންސްގެ ސީޕީ އަހުމަދުގެ އިތުރުން އޭސީޕީ އާސިފް ހިމެނިވަޑައިގަންނަވާކަމަށް އެމީހުން ތުހުމަތު ކުރެއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރުގެ އަތެއް ވާކަމަށްވެސް އެމީހުން ތުހުމަތު ކުރެއެވެ. ޝާހީން އާއި ނާޝީދުގެ މައްސަލައިގައި ކަރެކްޝަންގެ ބޯޑު ބަދަލު ކޮށްގެން އެ މައްސަލަ ރިވިއު ކޮށްފި ނަމަ އުސޫލާ އެއްގޮތަށް ހުއްދަ ދީފައިވާ މަސައްކަތްތައް ގަވައިދާ ހިލާފަށް ބާތިލްކޮށް ނާޖާއިޒް މަންފާ ހޯދުމުގައި މިނިސްޓަރ އިމްރާންގެ ބައިވެރިވުން އޮތް ކަމަށް ބުނުމުގެ ޖާގަ އޮންނާނެއެވެ. ސަބަބަކީ ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ބުނެ އައްސޭރި ޖަލުގެ އިސް ވެރިޔާގެ އިތުރުން މާލީ ޒިންމާދާރުވެރިޔާ ނާޝިދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާއިރު ހުއްދަ ނުނަގައި ނުވަތަ އުސޫލުން ބޭރުން ކަމެއް ކޮށްފައި އޮތްތަން ފެންނާން ނެތުމެވެ.
މި މައްސަލަ ހިނގާދިޔަ ގޮތަށް ބަލާއިރު، ފެންނަނީ ކޮރަޕްޝަންގެ ހާއްޔަކަށް ކަރެކްޝަނަލް ސަރވިސް ހެދުމަށްޓަކައި ބަޔަކު ފްރޭމްކުރުމުގެ ސަފްހާއެއް ހުޅުވިގެން ދިޔަ މަންޒަރެވެ. ނާޖާއިޒް މަންފާ ހޯދުމަށް ޖާގަ ހޯދަމުންދާ ދިއުމެވެ. މަސައްކަތްތެރިން ބާކީވެ، ވަކި ބަޔަކަށް ނާޖާއިޒް މަންފާ ހޯދައިދީ، އެއިން ބައެއް އަމިއްލަ ޖީބަށް އެޅުމަށް ކުރަމުން ގެންދާ ބުރަ މަސައްކަތެވެ.