ޚަބަރުސިޔާސީ

ޕީޕީއެމަށް ރަނގަޅު ގޮތް ނިންމާނީ ނަޝީދެއް ނޫން: ޝިޔާމް

 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ރަނގަޅު ގޮތް ނިންމަވާނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެޕާޓީ އާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުން ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި މެންބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ އެ ދެ ޕާޓީ އިން ކަމަށެވެ.

”އެއީ އެހެން ޕާޓީއެއްގެ ރައީސަކަށް ނުވަތަ އެހެން ޕާޓީއަކަށް އޮތް ބާރެއް ނޫން.“ ޝިޔާމް ވިދާޅުވިއެވެ.

މެންބަރު ޝިޔާމް ވިދާޅުވިގޮތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމާއި ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް ވަނީ ވެފައެވެ.

ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުމަކީ މިވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕެއްގައި ކުރެއްވި މެސެޖެއްގައެވެ. ނަޝީދު ކުރެއްވި މެސެޖްގައި ވިދާޅުވެފައިވަނީ ޕީޕީއެމަށް ބަދަލުތަކެއް ގެނެވިއްޖެ ނަމަ، އެމްޑީޕީއާއި ޕީޕީއެމްގެ އިއްތިހާދެއް އުފެއްދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޕީޕީއެމްއަށް ނަޝީދު ގެންނަން ބޭނުންވާ ބަދަލު ތަކުގެ ތެރޭގައި އިންޑިއާ އައުޓް ފަލްސަފާއާއި ދުރުވުމާއި ނަފްރަތުގެ ބިލަށް ތާއީދު ކުރުމާއި އަދި މިއުޒިކް ހުއްދަ ކަމަށް ބަލައިގަތުން ހިމެނެއެވެ.

ނަޝީދު ޕީޕީއެމް އާއިއެކު އިއްތިހާދު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިމިވަނީ އެމްޑީޕީ އާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރާނެކަމަށް ޕީޕީއެމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button