ޚަބަރުސިޔާސީ

ރައީސްގެ އިސްނެންގެވުމުގެ މަތިން އީދު އަލި ޕްރޮޖެކްޓްގެ މަސައްކަތް ސްޓެލްކޯއިން ކުރެވުމަކީ ލިބުނު ފަހުރެއް: ފަހުމީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ސްޓެލްކޯގެ ހީވާގި މުވައްޒަފުންނާއެކު ކުރެވެމުންދާ މަސައްކަތަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދު އަލި މަޝްރޫއަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.

”ހަމަ މިއާއިއެކު މިއީ އީދު ފާހަގަކުރުމުގައި ފަހުގެ ތާރީހުތަކުގައި ގެއްލިގެން ގޮސްފައިވާ، އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުފުރައިގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވޭ މަސައްކަތެއްގެ އިތުރުން އަންނާން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަ ކުރުމަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމެއް.“ ފަހުމީ ވިދާޅުވިއެވެ.

މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް އެކަމުގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑަރޝިޕް ނަގައި، އެ މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް ކަން ފަހުމީ ފާހަގަކުރެއްވިއެވެ.

އީދަށް ދިއްލާލުމުގެ ހަރަކާތް މިރޭ މުޅި ރާއްޖޭގައި ފެއްޓުމަށް ނިންމާފައިވާއިރު، މި ހަރަކާތް ފައްޓަވައި ދެއްވާނީ ރައީސް މުއިއްޒެވެ.

މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ ދެން ކޮންމެ އީދެއްގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުުތަކުގެ ވެރިކަން ކުރާ ކޮންމެ ރަށެއްގައި ފުރަތަމަ ފަހަރަށް އެކަން ކުރައްވާނެކަން ހާމަކުރައްވާފައެވެ.

އީދުގެ ރޫހާއި ފޯރި ދައްކުވައިދޭފަދަ ބޮޮކިތަކުން މަގުތައް ޒީނަތްތެރިކޮށް ބޮޑެތި މަގުތަކުގައި ގިޑިގެތައް  ހަދަމުންދާއިރު، މި އަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button