ޚަބަރުސިޔާސީ

ކުރީގެ މަޝްރޫއުތައް ހުއްޓުނު ސަބަބާއި އެކަންކަން މިހާރު ހިނގަމުންދާ ގޮތުގެ ތަފްސީލް ރައީސް ދެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިމުނު އެމްޑީޕީގެ ވެރިކަމުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ނިންމާފައިވާކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށާއ،ި އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ އާންމު ފަރާތަކުން ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ސުވާލު ކުރުމުން އެކަމުގެ ހަގީގަތް އެމަނިކުފާނު ހާމަކުރައްވައިފިއެވެ.

އެގޮތުން ރައީސް ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމުގައެވެ. އަދި އައު ސަރުކާރު ދައުލަތާ ހަވާލުވިއިރުވެސް ގިނަ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެކަން ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށާއި، ރަށްރަށުން އެކަން ހެކިވާނެ އެތައް ބަޔަކުވެސް އެބަ ތިއްބެވި ކަމުގައެވެ.

”އަޅުގަނޑަށް ފެނުނު ރަށްރަށުގައި މިސާލަކަށް ފެނާއި ނަރުދަމާގެ މަޝްރޫއުގެ ހޮޅިތައް މަގުމަތީގަ މަސައްކަތް ކުރާނެ މީހޚޫ ނެތް. މަގު ހަދަން ފަށާފަ މީހެއްގެ ހިލަމެއް ނެތް. މިހެން ހުރި ބަނދަރުތަކުގެ މައްސަލަތައް. ސްކޫލްތަކުގެ އިމާރާތް ފަށާފަ އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާލާފަ، އަހާލީމަ، މީގެ2 އަހަރު ކުރިން ހުއްޓިފަ، ހެލްތު ޕޯސްޓުތައް، ހެލްތު ސެންޓަރުތައް އެގޮތަށް. އޭރު ކަންކުރިގޮތަކީ ޕާޓީގެ ކޮންމެވެސް މީހަކަށް ފައިސާކޮޅެއް ދޭންކަމަށް، ތުހުމަތު އަޅުގަނޑުމެނަށް އަޑު އިވިފަ އޮތީ.“ ރައީސް ވިދާޅުވިއެވެ.

އެމީހަކަށް އެޑްވާންސަށް ފައިސާ ދިނުމަށްފަހު އަނެއްކާވެސް ހަމަ އެ މަޝްރޫއު އެހެން ފަރާތަކަށް ދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ކެމްޕެއިން ތެރޭގައި ލިބުނު މައުލޫމާތު ކަމަށާއި، އެގޮތަށް އެއް މަޝްރޫއެއް ތިން ހަތަރު ފަރާތަކަށްވެސް ދިނުމަށްފަހު އެޑްވާންސަށް ފައިސާ ދޫކޮށްފައިވާ ކަމުގައެވެ.

”މަލްޓިޕާޕަސް ހޯލު އަޅަން ހަވާލުކޮށްފަ ހަމައެކަނި ބަރޯއެއްގަ ދެމީހަކު ވެގެން ކޮންކްރީޓްކޮޅެއް ގަށާލައިގެން އުފުލާތަންވެސް ފެނިފަ އެބަހުރި.“ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ބައެއް މަޝްރޫއުތައް ފެށިފައިވާކަމަށާއި، އެކަންކަން ފެށި ބަޔަކާ ދިމާލަށް އެކަންކަން ހުއްޓުވިކަމުގެ އިލްޒާމް އެޅުވުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފް ވާހަކައެއް ކަމުގައެވެ. އަދިި އެގޮތަށް ކަންކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިޔަސް، ޕީޕީއެމް ޕީއެންސީގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށާއި، މަޝްރޫއުތައް ހުއްޓުވުމަކީ އެ ފިކުރު ދަންނަ ކަމެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button