ޚަބަރުސިޔާސީ

އެއާ އެންބިއުލާންސަކީ ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާގެ އާލާތްތައް ހަރުކޮށްފައިވާ ބޯޓެއް: މޯލްޑިވިއަން

އެއާ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރާ މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެއްކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފިއެވެ.

 

މާރިޗު މަހުގެ 1ވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

 

އެމަނިކުފާނު ވިދާޅުވީ އެއާ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ދަތުރުތަކަށް އެ ކުންފުނިން ބޭނުންކުރާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެންބިއުލާންސަކަށް ބަދަލުކޮށްގެންނެވެ.

 

”ބަލިމީހުން އުފުލަން އެއާ އެންބިއުލާންސް 1 މާރިޗުން ފެށިގެން އުދުހެން ފަށާނެ. ހެލިކޮޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް-8ގެ އަޅުގަނޑުމެންގެ މަތިންދާބޯޓެއް އެއާ އެންބިއުލާންސަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފަށާފަ“ ރައީސް ވިދާޅުވިއެވެ.

 

ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެއާ އެންބިއުލާންސްގެ ޚިދުމަތް ފަށާފައިވާއިރު، އެ ޚިދުމަތް ދިނުމަށް ބޭނުން ކުރަނީ ޑޭޝް-8 މަރުކާގެ DHC-8-200 މަތިންދާބޯޓެެވެ.

 

މޯލްޑިވިއަނުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އެ މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއްކަމަށާއި، އެއީ އެއާ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކުރިން އެ އެއާލައިންގެ ދަތުރުތަކަށް ބޭނުންކުރަމުން ދިޔަ ބޯޓެއް ކަމަށެވެ.

 

އެބޯޓު ތައްޔާރުކޮށްފައިވަނީ ޞިއްޙީ ކުއްލި ހާލަތްތަކުގައި ދޭންޖެހޭ ފަރުވާ ދިނުމަށް ބޭނުންވާ ޞިއްޙީ އާލަތްތައް އެ ބޯޓުގައި ހަރުކޮށްގެން ކަމަށް ޤައުމީ އެއާލައިނުން ވަނީ ބުނެފައެވެ.

 

މޯލްޑިވިއަނުން ބުނެފައިވަނީ މަތިންދާބޯޓު ދުއްވުމުގައި އެ ކުންފުނިން އަބަދުވެސް އިސްކަންދެނީ އެ ކުންފުނީގެ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައެވެ.

 

އެއާ އެންބިއުލާންސްގެ ޚިދުމަތް ފަށާފައިވާއިރު ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް އެއާ އެންބިއުލާންސްގެ ޚިދުމަތް ދިނުމަށް ހަރަކާތްތެރި ވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

 

ރާއްޖޭގައި އެއާ އެންބިއުލާންސްގެ ޚިދުމަތް ޤާއިމު ކުރުމަށް، ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ފެއްޓެވުމަށް ކަނޑައެޅުއްވި ސިޔާސަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button