ފްލެޓު ލިސްޓުކަމަށް ބުނެ ދައުރުކުރަނީ އަސްލު ލިސްޓެއް ނޫން: އޭސީސީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވައިލާފައިވާ ލިސްޓެއްކަމަށް ބުނެ، މީސްމީޑިއާގައި ދައުރުކުރަމުންދަނީ އަސްލު ލިސްޓެއް ނޫންކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ފުލެޓު ލިސްޓުގެ މައްސަލަ ދިރާސާކޮށް ތަހުގީގުކުރުމަށްފަހު، ކޮމިޝަނުން އެކުލަވައިލި ލިސްޓު ހިއްސާކުރީ ރައްޔިތުންގެ މަޖިލީހާއި، ހައުސިން މިނިސްޓްރީއަށް އެކަނި ކަމުގައެވެ. އަދި ކަމުގެ ހަގީގަތް އޮޅުވައިލުމަށް ކުރާ މަސައްކަތަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެކޮމިޝަނުން ސިފަކުރެއެވެ.
ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން އޭރު ފުރަތަމަ އިއުލާންކުރި 4،000 ފުލެޓު ލިބުނު މީހުންގެ ލިސްޓު މުރާޖާކުރުމަށްފަހު އޭސީސީން ނިންމީ60 އިން ސައްތަ މީހުންގެ ޝަރުތު ފުރިހަމަނުވާ ކަމުގައެވެ. އެކަމާ ގުޅިގެން ބައެއް އާންމުން ވަނީ ހައުސިންގ މިނިސްޓްރީ ތެރޭގައި އިހުތިޖާޖު ކޮށްފައެވެ.