ޚަބަރު

ދައުލަތުގެ ކުންފުނިތަކުން ކުރާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި އޭސީސީއިން ޕީސީބީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދައުލަތުގެ ކުންފުނިތަކާއި، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ކުރާ ކޮރަޕްޝަންގެ އަމަލުތައް ވިޔަނުދިމަށް މަސައްކަތްކުރުމުގެ ގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީބީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

 އިއްޔެ އޭސީސީގައި ބޭއްވި ރަސްމިއްޔާތުގައި، އޭސީސީގެ ފަރާތުން އެ ފަހުމުނާމާގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ސޮއިކޮށްފައިވާއިރު ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެބޯޑުގެ ރައީސް އަލްފާޟިލް އާސިމް މުޙައްމަދެވެ. މިރަސްމިއްޔާތުގައި އޭސީސީ އަދި ޕީސީބީގެ މެންބަރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އޭސީސީގެ މެންބަރު ޠާހާ މުޙައްމަދު ވާހަކަފުޅު ދެއްކަވަމުން ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކާ ގުޅިގެން ފާއިތުވި 5 އަހަރު 883 މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަމަށާއި ތަހްގީގްކުރުމަށްފަހު 158 އެންގުމެއް އިސްލާހުކުރުމަށް ކުންފުނިތަކަށް ލަފާ ދީފައިވާކަމަށެވެ.

މި ފަހުމުނާމާގެ ސަބަބުން އޭސީސީއާއި ޕީސީބީއަށް އެއްފަރާތުން އަނެއްފަރާތަށް، ގާނޫނުއަސާސީއިންނާއި ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި އެކުގައި މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކާ ގުޅޭ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މުއައްސަސާތަކާ ދެކޮޅަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރާއިރު ބޭނުންވާނެ ލިޔުންތަކާއި މައުލޫމާތުތައް މި ފަހުމުނާމާގެ ދަށުން ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ހަމަ އެއާއެކު އޭސީސީގެ ލަފާތައް ތަންފީޒުކޮށް އެކަމާގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރާނެކަމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މި ފަހުމުނާމާގެ ސަބަބުން އޭސީސީއިން ތަހުގީގުކުރާ މައްސަލަތަކުގައި އެއްބާރުލުން ދެވޭނެ ފަސޭހަ ގޮތްތަކެއްވެސް ހަމަޖެހިގެން ދާނެކަމަށާއި ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތްކުރުމަށް ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވާނެކަމަށާއި، މަސައްކަތުގެ ދާއިރާއިން ލިބޭ ތަޖުރިބާތަކަކީ ދެ މުއައްސަސާގެ ކުރިއެރުމުގައި މުހިންމު ރޯލެއް އަދާކުރާނެކަމެއް ކަމަށް އޭސީސީގެ މެންބަރު ތާޙާ މުޙައްމަދުގެ ވާހަކުފުޅުގައި ފާހަގަކޮށްފައިވެއެވެ.

ޕިސީބީގެ ފަރާތުން، އެ ބޯޑުގެ ރައީސް އާސިމް މުޙައްމަދުވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ މުހިންމުކަމެއްކަމަށާއި، އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަސް ފަށަންޖެހޭކަމުގައި އާސިމް މުޙައްމަދު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button