ޚަބަރުސިޔާސީ

ރައީސް މުއިއްޒު ހިއްކަވަން ފެއްޓެވި ފުށިދިއްގަރު ފަޅަކީ، ރައްޔިތުންނަށް ތަސައްލީއެއް ގެނުވި ކަމަކަށް ވެއްޖެ، ހަޖަމް ކޮށްލާ: ނަރީޝް

މާލެ ސަރަހައްދުގެ ރައްޔިތުން ބިންވެރިކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހިއްކަވަން ފެއްޓެވި ފުށިދިއްގަރު ފަޅުގެ ބޮޑު ބިޔަ މަޝްރޫއަކީ، މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ތަސައްލީއެއް ގެނުވި ކަމަކަށް އެ މަޝްރޫއު ވެއްޖެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ ފުށިދިއްގަރު ފަޅު ސަރުކާރުން ވިއްކާލި ކަމަށް ބުނެ ސަރުކާރާ ވާދަވެރި އެމްޑީޕީއާއި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

”ޒަމާންތަކަކަށް މާލޭ ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ނިމުމެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެއުއްމީދުގައި ހަގީގީ ކުލަ ޖައްސަވައި ދެއްވުމުގެ އަމަލީ މަސައްކަތް ފުށިދިއްގަރު ފަޅު ހިއްކުމުން ފައްޓަވައި ދެއްވީ މި ރާއްޖޭގައި ހިއްކާ އެންމެ ބިޔަ ބޮޑު ފަޅު ހިއްކުމުގެ ޕްރެޖެކްޓުގެ ގޮތުގައި އަދު ރައީސުލްޖުމްހޫރިއްޔާ. ހަޖަމް ނުވިޔަސް މާލޭ ރައްޔިތުންނާއި މި ސަރަހައްދުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ތަސައްލީ ލިބުނު ކަމަކަށް މިކަން ވެއްޖެ.“ ނަރީޝް ވިދާޅުވިއެވެ.

ރަސް މާލެ ސިޓީ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކަން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހަވާލުކޮށްފައިވަނީ ޖުމްލަ 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށް އެ މަޝްރޫއު ހިންގާ އާބަންކޯއިން ވަނީ ބުނެފައެވެ.

ފުށިދިއްގަރު ފަޅުން ހިއްކަނީ ޖުމްލަ 1،153 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތް ވަނީ މިދިޔަ ހޯމަ ދުވަހު ފަށާފައެވެ.

ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ފެށި ނަމަވެސް އެ ކޮންޓްރެކްޓްގެ އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ބުރާސްފަތި ދުވަހު އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އެ މަޝްރޫއުގެ ތަފްސީލުތައް ވިދާޅުވެ ދެއްވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މަސައްކަތަށް އަގު އަދާކުރުމުގެ ގޮތުން ސީއެމްސީއަށް ދެނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއަށް މިހާރު ހިއްކަން ފަށާފައިވާ ބިމުން 60 ހެކްޓަރެވެ. އަދި އެ އަދަދަށް ބިން ދެނީ ރަސް މާލެ ތަރައްގީކުރަން ހިނގާނޭ ކަމަށް ބެލެވޭ 50 އަހަރުގެ މުއްދަތަަށް ކަމަށާއި، އެ ކުންފުންޏަށް ދޭ ބިންތައް އެ ކުންފުނިން ބޭނުން އަގެއްގައި ބޭނުން ބަޔަކަށް ވިއްކޭނެކަމަށާއި، ނަމަވެސް ވިއްކޭނީ އާބަންކޯގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމުގައެވެ.

 

One Comment

  1. ވަށަފަރު ކައިރިންމާލޭމީހުން ގޯތިބޭނުމެއްނޫން މާލޭކައިރިން ދިންގޯތިތަށް ހޮޅިމުއީޒު ބަދަލު ކުރާނެތީ ތަސށްލީއަކީ ހޮޅިމުއީޒުއަކި ފާޑެއްގެމީހެއް ކުރެވިފައިވާ ތަޖުރިބާއަށްބަލާއިރު

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button