ޚަބަރު

ސްލިޕްތަކުގަ ސޮއިކޮށް ރައީސް ޔާމިން ކުރީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ނަރީޝް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބަދުލްގައްޔޫމު ކުރެއްވީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށާއި، ސްލިޕްތަކުގައި ސޮއިވެސް ކޮށްފައި ހުންނާނެ ކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ. 

ނަރީޝް މިހެން ވިދާޅުވީ ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ.

ދިފާއުން މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ނަރީޝެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އޭރު ދިރިއުޅުއްވި ދޫވެއްސަށް ގެންގޮސް އެއް މިލިއަނަށް ޑޮލަރަށް ވާ ފަނަރަ މިލިއަން އަށްލައްކަ ވިހިހާސް ދިވެހި ރުފިޔާ ޔޫސުފް ނައީމާއި 2015 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަވާލުކުރެއްވި ކަމުގައެވެ. އަދި އެއްމިލިއަން ޑޮލަރު މާރުކުރުމުން އެއަށްވާ ދިވެހި ރުފިޔާކަން ނަރީޝަށް އެނގުނީ އެ ފައިސާ ދިންކަމުގެ ލިޔުމެއް ފެނުމުން ކަމަށާއި، އެފައިސާ ލިބުނު ކަމުގެ ސްލިޕްގައި ޔޫސުފް ނައީމްވެސް ސޮއިކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. 

”އަދަދު ސީދަލަށް ދަންނަވަން އެނގެނީ ފައިސާ ގެންދިއުމުގެ ކުރިން ދޫވެހީގައި ތިބެގެން ގުނުމުން. ފައިސާ އުފުލީ ކަޅު ދަބެހެއްގަ. ގެންދިޔައީ ރައްޓެއްސެއްގެ ކާރުގަ.“ ނަރީޝް ވިދާޅުވިއެވެ. 

ހެކިބަސް ދެމުން ނަރީޝްގެ ހަނދާނުގައި ހުރި މިންވަރު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ހިއްސާ ކުރައްވާފައެވެ. އެކަމަކު އެއްމިލިއަނަށް ވާ ދިވެހި ފައިސާ ގުނަން ހޭދަވީ ކިހާ ވަގުތެއް ކަމާއި، ރައީސް ޔާމީން ފޯނު ކުރެއްވީ ކޮން ގޮތަކަށް ކަމާއި، ނަރީޝް އޭރު ގެންގުޅުނު ފޯނު ނަންބަރާއި، ދިރިއުޅުނު ގޭގެ ނަމާއި، ފައިސާ އުފުލި ކާރުގެ ބްރޭންޑާއި ނަމްބަރު އޭނާ ހަނދާނެއް ނެތެވެ. އަދި ފައިސާ ބަލާ ދިއުމުން ދޫވެހީގެ ދޮރުހުޅުވީ ކާކުކަން ހަނދާނެއް ނެތްކަން ނަރީޝް ފާހަގަކުރެއްވިއެވެ. 

ނަރީޝް ވިދާޅުވީ ޔޫސުފް ނައީމް ނޫން އެހެން މީހުންނާވެސް ރައީސް ޔާމީން ވިދާޅުވެގެން ފައިސާ ގެންގޮސްދޭ ކަމުގައެވެ. 

މި މައްސަލައިގައި މާދަމާވެސް ތިން ހެކިވެރިޔަކު ހާޒިރުކުރާނެއެވެ. އެއަށްފަހު ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ވަނަ ދުވަހުގައެވެ. އަދި ޝަރީއަތުގެ ތާވަލެއް އަލުން ކަނޑައަޅާނީ އޭގެ ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button