
ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް މާލެ ސިޓީ ކައުންސިލުގެ ކުރީގެ މީޑިއާ އެކްޒެކްޓިވް މަރިޔަމް ޝިއުނާ (ނަންނަ) މިއަދު އައްޔަންކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނުކަންވެސް ކުރެއްވި ޝިއުނާ އަކީ ސޯޝަލް މީޑިއާގައި ރާއްޖޭގެ އެންމެ ނުފޫޒުގަދަ އެއް ނޫސްވެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއް ބޭފުޅެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިވެހި ޗެނަލް އާއި ސަންގު ޓީވީގެ އިތުރުން ”ބޮންތި“ ނޫހުގެ އެޑިޓަރު ކަންވެސް ކުރައްވާފައެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ޖުމްލަކޮށް ރާއްޖޭގެ އާންމު ރައްޔިތުންގެ މެދުގައި ޝިއުނާ ފާހަގަވެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ އިސް ސަފުގައި ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި ހިތްވަރުގަދަ ކަނބަލެއްގެ ގޮތުގައެވެ.
ޝިއުނާގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު މަލްޝާ ޝަރީފްވެސް މިއަދު ވަނީ އައްޔަންކޮށްފައެވެ. މަލްޝާވެސް ވަނީ ”ބޮންތި“ ނޫހުގެ ސީނިއަރ ޖާނަލަސިޓްކަންވެސް ކުރައްވާފައެވެ.