
އަރަބިއްޔާ މައްސަލައިގައި އޮޅުން އަރާގޮތަށް ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް ދެއްކެވި ވާހަކަ ސިޓީ ކައުންސިލުން ސާފުކޮށްދީފިއެވެ.
އަރަބިއްޔާ ސްކޫލް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ބާ ޖަމާލުއްދީނުގެ ބިމުގެ މައްސަލައިގައި ޑރ.އިޔާޒު ކުރެއްވި ޓުވީޓެއްގައި ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރމުހައްމަދު މުއިއްޒު އަށާއި ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އިޔާޒު ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އެބިމުގައި ޕާކެއް ހެދުމަށެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ”ބޮންތި“ އަށް ވިދާޅުވީ އިޔާޒު ކުރެއްވި ޓުވީޓަކީ އޮޅުވާލުމާ ނަފްރަތުން ފުރިގެންވާ ޓުވީޓެއް ކަމުގައެވެ. އަދި އަރަބިއްޔާގެ ޕީޓީއޭ އާއި ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާ ކުރަން ބޭނުންވާ ސަބަބު އިޔާޒަށް ސާފުކޮށްދީފައިވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝިއުނާ ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން މާލޭގެ ލޭންޑް ޔޫޒް ޕެލޭން ހެދީ ރައްޔިތުންގެ މަޝްވަރާ އާއި އެކުގައެވެ. އަރަބިއްޔާ އަޅަން ސަރުކާރުން ނިންމި ބާ ޖަމާލުއްދީން ސްކޫލް ސަރަހައްދަކީ އިންތިހާއަށް ޓްރެފިކްގެ ބާރު ބޮޑު ސަރަހައްދަކަށްވެފައި، މާލޭގެ ލޭންޑް ޔޫޒް ޕްލޭން ހެދިއިރު މައްޗަންގޮޅި ރައްޔިތުން ބޭނުންވީ އެބިން ހުސްކޮށް ބޭއްވުމަށް ކަމުގައި ޝިއުނާ ވިދާޅުވިއެވެ.
”މިކަމުގައި އަޅުގަނޑުމެން ފުރަތަމަ މަޝްވަރާ ކުރަން ނިންމީ އަރަބިއްޔާގެ މެނޭޖްމަންޓް އަދި ޕީޓީއޭ އާ. އެއަށްފަހު މައްޗަންގޮޅި ރައްޔިތުންނާ. އަޅުގަނޑުމެން ފޯނު ކުރީ އަރަބިއްޔާގެ ބެލެނިވެރިންނާއި ދަރިވަރުންނަށް އެންމެ ފައިދާ ބޮޑީ ކޮންގޮތެއްތޯ ބެލުމަށް މަޝްވަރާކުރަން. މިއުޅެނީ އެއްވެސް ނިންމުމެއް ނިންމައިގެނެއް ނޫން އަދި. އިޔާޒުއަށްވެސް އިނގޭނެ އެބޭފުޅާ އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއްކަން.“ ޝިއުނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަރަބި ތައުލީމަށް ހާއްސަ ސަމާލު ކަމެއް ދީގެން ސިޓީ ކައުންސިލުން މަސައްކަތް ކުރާ ކަމުގެ އެންމެ ބޮޑު ހެއްކަކީ އިސްލާމީ ރިވެތި އުސޫލު ކަމަށްވާ މަޝްވަރާގެ އުސޫލުން އެ ކައުންސިލުން ކަންކަން ކުރުން ކަމުގައެވެ.