ޚަބަރުސިޔާސީ

އިންސާފު ލިބިއްޖެނަމަ ކެންޑިޑޭޓަކީ ރައީސް ޔާމީން، އެ ނޫނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ދައްކަވާނެ: ޒެއިން

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސުޕްރީމް ކޯޓުން އިންސާފު ލިބިއްޖެނަމަ، ޕާޓީން ނިންމާފައިވާ ގޮތަށް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި، އެންމެ ގޯސް ހާލަތެއްގައިވެސް އެޕާޓީން ކެންޑިޑޭޓެއް ނިކުންނަވާނެ ކަން ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހާމަކުރައްވައިފިއެވެ.

އަދަދު ނޫހަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޒެއިން ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައެވެ.

ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމާގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން ޒެއިން ވިދާޅުވީ ސުޕްރީމް ކޯޓުން އިންސާފު ލިބިއްޖެނަމަ ޕީޕީއެމްގެ ޗޮއިސް އަކީ އެޕާޓީން ކުރިންވެސް ނިންމާފައިވާ ޗޮއިސް ކަމުގައިވާ ރައީސް ޔާމީން ކަމުގައެވެ.

”ނޫން ކަމުގައި ވަނީ ނަމަ ޕީޕީއެމުންވެސް ކެންޑިޑޭޓެއް ނިކުންނަވާނެ. ނިކުންނަވައިގެން އެބޭފުޅުންވެސް ވާދަކުރައްވާނީ ފުރަތަމަ ބުރުގަ. ވާދަކުރައްވާއިރު، ވަކިގޮތަކަށް ބުރަވަމެކޭ އަޅުގަނޑު ދަންނަވާކަށް ނެތިން.“ ޒެއިން ވިދާޅުވިއެވެ.

އިދިކޮޅު ޕީއެންސީންވެސް ވަނީ ރައީސް ޔާމީނާ ޕީޕީއެމަށް އިންތިހާބުގައި ވާދަނުކުރެވިދާނެ ހާލަތަކަށް ވިސްނުމަށްފަހު އެޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވާފައެވެ. އެހެން ނަމަވެސް އެއީ ޕްލޭން ސީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button