
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި، ޕީޕީއެމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ވިސްނައި، ބެކަޕެއްގެ ގޮތުގައި ޕީއެންސީއިން ދެއްކި ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ރަނިންގމޭޓަކަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
އެގޮތުން މުއިއްޒުގެ ރަނިންގމޭޓަކަށް ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.
މިކަން އިއުލާން ކުރައްވައި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ ”ބެކްއަޕް“ ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީ ގެ ކެނޑިޑޭޓެއް ހޮވުމަށް އެޕާޓީގެ ސެނެޓުގައި ބޭއްވުނު އިންތިހާބުގައި މުއިއްޒު ހޮވުމުން، އެމަނިކުފާނުގެ ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމުގައެވެ. އެގޮތުން ރަނިންގމޭޓްގެ ގޮތުގައި ސެންބެ ހަމަޖައްސަން ނިންމެވީކަން މުއިއްޒު އިއުލާންކުރެއްވިއެވެ.
މާތް ﷲ ގެ އިރާދަފުޅާ ވާގިފުޅުން ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ. ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީ.އެން.ސީ ގެ ކެނޑިޑޭޓެއް ހޮވުމަށް… pic.twitter.com/iujGLn703k
— Dr Mohamed Muizzu (@MMuizzu) August 5, 2023
މުއިއްޒު ފާހަގަކުރެއްވިގޮތުގައި ސެންބެ އަކީ ޒުވާން، ތަޢުލީމީ އަދި ގާބިލް ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ދުއާއަކީ 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން ކަމަށާއި މި ތައްޔާރުކުރެވޭ ”ބެކްއަޕް“ އެޕްލިކޭޝަން ލާންނުޖެހުމެވެ.