
ޕްރިވެންޓިވް ހެލްތު ކެއާއަށް ހާއްސަ އިސްކަމެއް ދެއްވައި، ނެޝަނަލް ހެލްތު ލެބޯޓްރީއެއް ގާއިމުކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ.ކަމަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ހެލްތް ސެކްޓަރ ބަޖެޓުގައި ޕްރިވެންޓިވް ހެލްތް ކެއަރ އަށް ބޮޑު އިސްކަމެއް ދެއްްވާނެ ކަމަށެވެ.
މި ސަރުކާރުގެ ސިއްހީ ޕޮލިސީ އޮތީ އެއްކޮށް ފެއިލްވެފައި ކަމަށާއި ރަށްރަށުގެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ ރަށްރަށުގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް ހުރި ނަމަވެސް އެކަށީގެންވާ ވަސީލަތްތައް އެތަންތަނުގައި ނެތުމެވެ.
ކޮންމެ ރަށެއްގެ ހެލްތް ސެންޓަރެއްގައި އެރަށަކާއި އެކަށީގެންވާ ފެންވަރުގެ ލެބޯޓްރީތައް އެމަނިކުފާނުގެ ވެރިކަމެއްގައި ގާއިމުކޮށްދެއްވާނެ ކަމަށާއި ޕްރިވެންޓިވް ހެލްތް ކެއަރ ގެ ދަށުން މާލޭގައި ހުރި ދަމަނަވެށި އިތުރަށް ވަރުގަދަކޮށް ކޮންމެ އަތޮޅެއްގައި ދަމަނަވެށީގެ ހިދުމަތް ގާއިމްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.