ޚަބަރުސިޔާސީ

ރިޝްވަތުގެ ލޯ ލާރި ފޮއްޗެއްވެސް ނުބައްސަވާ ޑރ.މުއިއްޒު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައިފި

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެންޑޯޒު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ރިޝްވަތުގެ ލޯ ލާރި ފޮއްޗެއްވެސް ނުބައްސަވާ މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އިންތިހާބުގައި މުއިއްޒަށް ގާތްގަނޑަކަށް 46 ޕަސެންޓް ލިބިވަޑައިގަންނަވާނެ ކަމަށް މިހާރު ބެލެވެ އެވެ. އެއީ، ގާތްގަނޑަކަށް 101,000 ވޯޓެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ. އެއީ ގާތްގަނޑަށް 85،000 ވޯޓެވެ.

މިފަހަރުގެ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ދަ ޑިމޮކްރެޓްސް އެވެ. އެޕާޓީން 16,000 ވަރަކަށް ހާސް ވޯޓު ނެގިއެވެ.

މި އިންތިހާބުގައި އެންމެ ބޮޑު ސިހުމެއް އާންމުންނަށް ލިބުނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ރަނގަޅު ނަތީޖާއެއް ނުހޯދުނު މައްސަލަ އެވެ. ގާސިމަށް އެންމެ ގިނަވެގެންވެސް ލިބެން އޮތީ މުޅި އިންތިހާބުގެ 2 ޕަސެންޓެވެ.

އެމްއެންޕީން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމަށް އެއް ޕަސެންޓް ވޯޓު ވެސް ހަމައެއް ނުވިއެވެ. އަދި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނުނީ ހަތަރު ވަނައިގައެވެ. އަދި އިންތިހާބުގެ އެންމެ ފުލުގައި އޮތީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލެވެ. އޭނާއަށްވެސް އެއްމެ ޕަސެންޓެއްވެސް ހަމައެއް ނުވިއެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫނަށް ލިބުނީ 1 ޕަސެންޓެވެ.

މިފަހަރަކީ އެމްޑީޕީން ގިނަ އަދަދެއްގެ ރިޝްވަތު ފައިސާ ބެހި ފަހަރަކަށްވާއިރު، ގާސިމް އިބްރާހިމްވެސް ވަނީ މި އިންތިހާބަށް މިލިއަނުން ހަރަދުކޮށްފައެވެ. އެއާ ހިލާފަށް ޕީޕީއެމް ޕީއެންސީން މި އިންތިހާބަށް ކޮންމެ ދާއިރާއަކަށްވެސް ހަރަދުކުރީ ގާތްގަނޑަކަށް 60 ހާސް ރުފިޔާއެވެ. އަދި ދަތުރު ހަރަދާއި، އިވެންޓުތަކަށް ހަރަދު ކުރީ ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކެވެ. އެޕާޓީން ވޯޓު ގަތުމަށްވެސް އެއްވެސް ފަންޑެއް ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އިންތިހާބު ކާމިޔާބުކުރުމަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ބޭނުންވާއިރު މި އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button