ޚަބަރުސިޔާސީ

ދޭން ބުނި ފައިސާކޮޅު ނުދިނުމުން މުލީ އެމްޑީޕީ ބޮޑު ދިދަ ބޭލުމަށްފަހު ނެގީ ޕީޕީއެމްގެ ދިދަ

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މ.މުލީގައި އެމްޑީޕީއަށް މަސައްކަތް ކޮށްދިން 6 ވަރަކަށް ޒުވާނުންނަށް ދޭން ބުނި ފައިސާ ނުދިނުމުން އެ ރަށުގައި ނަގާފައި ހުންނަ އެމްޑީޕީގެ ބޮޑު ދިދަ ބޭލުމަށްފަހު ހަމަ އެ ދަނޑިއަށް ޕީޕީއެމްގެ ދިދައެއް ނަގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމާގުޅިގެންނެވެ. އެގޮތުން އެޕާޓީން ބަހަން ދިން ފައިސާ މަސައްކަތް ކުރި ގިނަ މީހުންނަށް ދީފައެއް ނުވެއެވެ. އެކަމުގެ ސަބަބުން އުފެދުނު ހިތް ނުތަނަވަސަކަމުގެ ނަތީޖާ މުލީގައި އެމްޑީޕީއަށް މަސައްކަތް ކޮށްދިން ޒުވާނުން ދެއްކީ އެމްޑީޕީގެ ދިދަ ބާލައިގެންނެވެ.

މުލީ އެމްޑީޕީ ދިދަ ބޭލުމަށްފަހު ޕީޕީއެމްގެ ދިދަ ނެގުމުން މިއަދު ހެނދުނުގެ ވަގުތެއްގައި އެޕާޓީން ވަނީ އަލުން އެމްޑީޕީގެ ދިދަ ނަގާފައެވެ. މުއްޔަކީ އަބަދުވެސް ޕީޕީއެމްގެ މެޖޯރިޓީ ނަގާ ރަށަކަށްވާއިރު، އެރަށަށް ނިސްބަތްވާ ގިނަ ޒުވާނުންގެ ތާއީދު އެޕާޓީއަށް އޮވެއެވެ. އެހެން ނަމަވެސް ގިނަ ޒުވާނުންނަށް ވަޒީފާގެ ބިރުވެރިކަން އޮތުމުގެ ސަބަބުން ފާޅުގައި ކެމްޕެއިނަށް ނުނިކުތަސް، އެ ރަށުން މިފަހަރުވެސް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ބޮޑުތަނުން މެޖޯރިޓީ ނަގައިދީފައިވެއެވެ. އެކަމަކު އޭގެ ތެރެއިން މަދުން ނަމަވެސް ޒުވާނުން ވަނީ ވަޒީފާއިން ކަނޑާލިޔަސް ވަރިހަމަ ކަމަށް ކެމްޕެއިނަށް ނިކުމެފައެވެ.

އިއްޔެގެ ވޯޓުން ރައީސް ސޯލިހު ދިޔައީ ދެވަނަ އަށެވެ. އަދާލަތާއި އެމްޑީއޭ ގެއިތުރުން ވަޒީފާގެ ބިރުވެރިކަން ދައްކައިގެންވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 85,000 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 އިން ސައްތަ އެވެ.

އެއް ލައްކަ އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރެއްވީޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެވެ. އެއީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމުގެ ސަބަބުން ބަދަލު ކެންޑިޑޭޓްގެ ގޮތުގައި އިދިކޮޅުން ރައްޔިތުންނަށް ދެއްކި ކެންޑިޑޭޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button