ރިޕޯޓް

މާލޭ ރަށްވެހިން ބިންވެރިކުރުމާއި ޤައުމީ އިޖްތިމާޢީ ޢަދާލަތު!

ޤައުމެއްގެ ކުރިއެރުމާއި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަމާއި ދުޅަހެޔޮކަމުގައި އެންމެ އިސް އަސާސަކީ އިޖްތިމާޢީ އަދާލަތެވެ. ޙާކިމާގެ އިސް ވާޖިބަކަށް ވާން ޖެހޭނީވެސް މިއަދާލަތު ޤާއިމުކުރުމެވެ. އަދާލަތާއި އިންސާފުން ހުކޫމިއްޔަތު އެއްކިބާވެއްޖެނަމަ އެ ޤައުމެއްގައި އަށަގަނެ ފެތުރޭނީ ފިތުނަ ފަސާދައިގެ އެންމެހާ ކަންތައްތަކެވެ. މިދެންނެވި އަދާލަތު ޤާއިމުކުރުމުން އެއްކިބާވެއްޖެ ޙާކިމާ ”ޔައުމުއްދީން“ ގައި ޒިންމާދާރު ކުރެވޭނެ ކަމާމެދު އެއްކައުވަންތަ އިލާހަށް އީމާންވެގެން މިތިބަ ދިވެހި އެންމެހާ ފަރުދުން ޝައްކު ކުރަނީ ބާއެވެ.

ފުރަމާލެއަށް ފޫޅުކަނޑައިގެން ތިބެ ބޮޑުވެ ތަޞައްރަފު ފުދިފައިވާ މީހުންގެ މަސައްކަތުން މާލެ ތަރައްޤީކޮށް ކުރިއެރުވި ޒަމާން މާޒީއާ އެކުވެ ދިޔަ ހަނދާނެއް މިހާރުގެ ޖީލުތަކުގެ ފަރުދުންގެ ކިބައިގައި ނުހުންނާނެއެވެ. އަދި އަމުދުން މިހާރު މިފެންނަ ހުޅުމާލެއާއި ގުޅީފަޅާއި ތިލަފުއްޓާއި އަދި ގިރާވަރު ފަޅުގައި ހިއްކަމުންދާ ބިންތަކަކީ ފުރަމާލޭގެ އަހުލުވެރިންނަށް ޚާއްސަވެގެންވާ ބިންތަކެކޭ ބުނެވޭނެ ހެއްޔެވެ؟ މި ބިންތައް ވުޖޫދުވެފައިވަނީ އަދި މިހާރު ވެގެން މިދަނީ ފުރަމާލޭގެ ރައްޔިތުންގެ މާލީ ހޭދަކުރުމާއި މަސައްކަތުން ހެއްޔެވެ؟

ނޫނެކެވެ! މިދެންނެވި ބިންތަކަކީ ކުރިން ދެންނެވި އިޖްތިމާޢީ އަދާލަތުގެ އަސާސަށް ބެލުމުގެ އިތުރުން ޤައުމީ ބައިތުލް މާލުން (އެންމެހާ ރައްޔިތުންގެ ބުރަ މަސައްކަތުންދޭ ޓެކްސް ފައިސާއިންނާއި އެންމަހާ ރައްޔިތުން ދަރަނިވެރިވެގެން ހޯދާ ލޯން ފައިސާ) ހޭދަކޮށްގެން ވުޖޫދުވާ ބިންތަކެކެވެ. މިހާރުގެ އަގުތަކަށް ބަލާއިރު މާލޭ ސަރަޙައްދުގައި ބިން ވިއްކާފައި ހުރީ އަކަފޫޓަކަށް 6,000 ރުފިޔާގެ ރޭޓުންނެވެ. އެހެން ކަމުން އެއީ 2,000 އަކަފޫޓުގެ ބިމަކަށް 12 މިލިއަން ރުފިޔާއެވެ. އެހެން ކަމުން 26 ޖޫންގައި މިހާރުގެ ސަރުކާރުން ފުރަމާލޭގެ ރަށްވެހިންނަށް ހިލޭ ދޭން ނިންމި 10,314 ގޯތީގެ ޖުމްލަ މާރުކޭޓް އަގަކީ 123.7 ބިލިއަން ރުފިޔާއެވެ.

އެހެން ކަމުން ދިވެހި އެންމެހާ ރައްޔިތުންގެ ބައިތުލް މާލުން ހޭދަކޮށްގެން ވުޖޫދަށް ގެންނަ ބިމުން ލިބެން އޮތް 123.7 ބިލިއަން ރުފިޔާ ހަމަ ހިލޭ މާލޭގެ ރަށްވެހިންނަށް ދިނުމަކީ އަދުލުވެރިކަމުގެ ނަމޫނާ މިސާލަކަށް ވާނެބާއެވެ؟

ބިންވެރިކުރުވާ މީހުންގެ ޝަރުތުތަކަށް ބަލާލުމެއް

މިފަހަރު އެކުލަވާލާއިފައިވާ ބިންވެރިކުރުމުގެ ޝަރުތުތަކަށް ބަލާއިރު މާލޭގެ ރަށްވެހި މިހާއަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ވާރުތައިން ވެސް އަދި އެނޫން ގޮތަކުންވެސް ލިބެން ނެތްނަމަ އޭނާގެ ޝަރުތުހަމަވެއެވެ. މިސާލަކަށް – ބައްޕަގެ 2000 އަކަފޫޓުގެ ގޯތީގައި މިއަދު 11 ބުރީގެ ނުހަނު ޗާލު އިމާރާތެއް އެބަ ހުއްޓެވެ. ތިބީ އެންމެ 4 ވާރުތަވެރިންނެވެ. މި ޢިމާރާތުގެ ޖުމްލަ ތަޅުމުގެ (ބިމާ އެއް ހަމަކުރެވޭ) ޖާގައަކީ 22,000 އަކަ ފޫޓެވެ. އެހެން ކަމުން ކޮންމެ ވާރުތަވެރިއަކަށް 5,500 އަކަފޫޓްގެ ފުރިހަމަ ޢުމްރާނީ ބިން ލިބެއެވެ. އެއީ ގާތްގަޑަކަށް ކޮންމެ މީހަކަށް 3 ކޮޓަރީގެ 5 އެޕާރޓްމަންޓެވެ. މިއީ ދިރިއުޅެން ހަމަ މަދު އަދަދެއް ހެއްޔެވެ؟

މިފަހަރުގެ ބިން ލިބޭނެ ކަމަށް ލިސްޓުކުރި މީހުންގެ ތެރޭގައި ކުރިން މިދެންނެވި ފަދަ މީހުން މަދު ހެއްޔެވެ؟ އެފަދަ ފަރާތްތަކަށް އަދި މުއްސަނދި މަހުޖަނުން ކަމަށް މުޅި ޤައުމު ދަންނަ ފަރާތްތަކަށް ދިވެހި އެންމެހާ ރައްޔިތުންނަށް ނަފާ ލިބެން އޮތް ބިންތައް ހިލޭ ދިނުމަކީ ކޮންފަދަ ކަމެއް ހެއްޔެވެ؟ އެއީ އިޖްތިމާޢީ އަދާލަތަށް ހުރި ކޮންފަދަ ނުރައްކަލެއް ހެއްޔެވެ؟

ދެން އޮތީ އެހެން ކަމެކެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ރަށެއްގައި ވިޔަސް އަދި ޤައުމެއްގައި ވިޔަސް ދިގު މުއްދަތަކަށް އެރަށެއްގައި މީހަކު ދިރިއުޅެފިނަމަ, އޭނާއަކީ އެރަށުގެ އަހުލުވެރިއަކަށް ހަދައިދެއެވެ. އަދި އޭނާގެ ފޫޅު ކެނޑީ އެހެން ރަށަކަށް ވިއަސް އޭނާ އަކީ މިހާރު އޭނާ ދިރިއުޅެމުންދާ ރަށުގެ އަހުލުވެރިއެއްކަމުގައި ވެދެއެވެ. އަދި ”ހަތަރުމަތި ފުށް“ އެރަށުގެ މީހުންނެކޭ ޙައްޤުގެ ގޮތުން ތަފާތު ކުރުމެއް ނޯވެއެވެ. އެހެނަސް ދުނިޔޭގެ މި ޑިޖިޓަލް ޒަމާނުގައި އޮތް މި ދިވެހިރާއްޖޭގައި އަމަލު ކުރެވެމުން މިދަނީ ހިންދޫ ބައްރުގެ ބޯދާ ”ކާސްޓް“ ގެ ނިޒާމެވެ.

”ރާއްޖެތެރެ“ އަށް އުފަން މުޙައްމަދު މީގެ 50 އަހަރު ކުރިން މާލެ އަށް ހިޖުރަކޮށް މާލޭގައި ކިޔަވާ ބޮޑުވެ ޢާއިލާއެއް ބިނާކޮށް މާލޭގެ ”ހަތަރުމަތިފުށް“ ފަރާތަކަށް ވޭތުވޭދިޔަ 25 އަހަރު ނުވަތަ 30 އަހަރު ކުލި ދީގެން ދިރިއުޅެފައި ވެއެވެ. އޭނާއަކީ އެހެން ރަށަކަށް އުފަންވީތީވެ އެރަށުގެ ރެޖިސްޓްރީގައި ކުރިން އޮވެފައި މާލޭގެ ދަފްތަރަށް މީގެ 25 އަހަރު ކުރިން ބަދަލުވެފައިވާ މީހެކެވެ. މާލޭގެ ދަފްތަރަށް ބަދަލުވުމުގެ މާނަ އަކީ ކޮބާ ހެއްޔެވެ؟ މިއީ ނުހަނު އޮޅުން ބޮޑު މަފްހޫމަކަށް މިވަނީ ވެފައެވެ.

ދެން ހުރީ މާލޭގެ ހަތަރުމަތިފުށު އަލީ އެވެ. އޭނާއަށް 18 އަހަރު ފުރުނީ އިހަށް ދުވަހެއެވެ. އަދި ކޮލެޖްގައި ކިޔަވަން ފެށިތާ މާގިނަ ދުވަހެއް ނުވެއެވެ. އަނބި ދަރިންނެއް ނެތެވެ. މައިން ބަފައިންގެ 25 އެޕާރޓްމަންޓް ހުރި ބޮޑު އިމާރާތުގައި ނުހަނު ތަނަވަސްކަމުގައި އުފަލާއެކު ދިރިއުޅެމުންދާ މަޢުޞޫމް ”ކުއްޖެކެވެ“.

އިޖްތިމާޢީ އަދާލަތުގެ މަފްހޫމް ގެ ދަށުން މިފަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުން ހިލޭ ބަހާ ގޯއްޗެއް ލިބުން ހައްޤުކަން ބޮޑީ ޢަލީ އަށް ހެއްޔެވެ؟ ނުވަތަ މުޙައްމަދަށް ހެއްޔެވެ؟ ހައުސިން މިނިސްޓްރީން ބުނަނީ އެގޮތަށް ދިމާވީ ގޯތި ބެހުމަށްޓަކާ އެކުލަވާލާފައިވާ ޤަވާޢިދުގެ ދަށުން ޢަމަލު ކުރުމުން ކަމަށެވެ. އެހެން ކަމުން އެކަން ކުރި ކޮމިޓީގެ އެއްވެސް ކުށެއް ނުވަތަ ބޭއިންސާފީ އަމަލެއް ނެތެވެ. އާއެކެވެ. އެކަން ޤަބޫލުކުރަން ޖެހެއެވެ. އެކަމަކު ބަލާލަން ޖެހެނީ ގޯތި ދިނުމަށް އެކުލަވާލި ޤަވާއިދާއި އުސޫލު ބިނާ މިވީ އިޖްތިމާޢި އަދާލަތުގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ފިތުނަ ފަސާދައިގެ މައްޗަށް ހެއްޔެވެ؟

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button