ޚަބަރުސިޔާސީ

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ މަޝްރޫއުގެ ތެރޭގައި ހިމެނޭ ފްލެޓުތަކާ ގުޅިގެން ރައީސް އިބްރާހިމް އިތުރުފުޅުހައްދަވައިފި

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއްވި ރިޔާސީ ބަޔާނުގައި، ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓުތައް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ފުރަތަމަ އަހަރަކަށް މި އަހަރު ވެގެންދާނެކަމަށް ވިދާޅުވެ، އެމަނިކުފާނު އިތުރުފުޅު ހައްދަވައިފިއެވެ.

ރައީސް އިބްރާހިމް މިހެން ވިދާޅުވެފައިވީނަމަވެސް، ރައީސް ޔާމީނުގެ ދައުރުގައި ރާއްޖޭގެ ދެކުނު ރަށްރަށުގައި ފްލެޓުތަކުގެ މަސައްކަތްފަށައި އެ މަސައްކަތް ނިންމައި، ރައްޔިތުންނަށްވަނީ ފްލެޓު ހަވާލުކޮށްފައެވެ. އެގޮތުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ ހަވާލުކޮށްގެން ހައުސިންގެ ޔުނިޓުތަކެއް އަޅުއްވާފައިވެއެވެ.

މި މަޝްރޫއުގެ ބިންގާ، 2014 ޑިސެންބަރު 9 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް އަޅުއްވާފައިވާއިރު، އެ މަޝްރޫއުވަނީ 2017 ޑިސނެބްބަރު 5 ވަނަ ދުވަހު ނިންމައި ސަރުކާރާ ހަވާލުކޮށްފައެވެ. އެ ފްލެޓަށް ކުރިމަތިލި މީހުންގެ އަދަދު   15،000 އަށްވުރެ ގިނައިރު، އޭގެ ތެރެއިން ހޮވުނު ފަރާތްތައް 2018 ވަނަ އަހަރުގެ ކުރީކޮޅު އެ ފްލެޓުތަކުގައި ދިރިއުޅެން ފަށާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި އެޅި 704 ޔުނިޓޫ، ހިތަދޫގައި އެޅި 264 ހައުސިންގ ޔުނިޓު، ހުޅުމީދޫގައި އެޅި 48 ހައުސިންގ ޔުނިޓު، ފުވައްމުލަކުގައި އެޅި 200 ހައުސިންގެ ޔުނިޓު، ވިލިނގިލީގައި އެޅި 52 ހައުސިންގެ ޔުނިޓު، ގައްދޫގައި އެޅު 50 ހައުސިންގ ޔުނިޓު، ތިނަދޫގައި އެޅި 120 ހައުސިންގ ޔުނިޓު އަދި މަޑަވެލީގައި އެޅި 22 ހައުސިންގ ޔުނިޓެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގި ގިނަ، ބޮޑެތި މަޝްރޫއުތަކަކީވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި، އެތަނުގެ ސޮއިލް ސެޓެލްމަންޓު ޕީރިއަޑް އަދި މަގު ހަދައި ހިޔާ މަޝްރޫއުގެ އެތައް ހާސް ހައުސިންގ ޔުނިޓެއް އަޅުއްވާފައިވެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް ހިޔާ މަޝްރޫއުގެ މަސައްކަތްތައް ދިޔަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ކުރިއަށެވެ. އޭރު އެ މަޝްރޫއު ނިންމުމަށް ކުރަންޖެހޭ ހުރިހާ އުމްރާނީ ވަސީލަތްތައް ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ގާއިމްކޮށްފައެވެ. މި ސަރުކާރުން މާލެ ސަރަހައްދުގައި ހިންގަން ނިންމި އެއްވެސް މަޝްރޫއެއް ނިމިފައިނުވާއިރު، އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން މި ސަރުކާރުން ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްތައްވެސް ނިންމައި ރައްޔިތުންނަށް އެތަނުގައި އުޅެވޭނެކަމުގެ މާބޮޑު ޔަގީންކަމެއް ނެތެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް، އެ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ސާމްޕަލް ފްލެޓެއް ތައްޔާރުކޮށް އެތަނުގެ ފޮޓޯއާ ވީޑިއޯ ދައުރުކުރުވަމުންދާއިރު، އިންތިހާބުގެ ކުރިން އެ ހައުސިންގ ޔުނިޓުތައް ބައެއް ފަރާތްތަކާ ހަވާލުކޮށް އެތަނުގައި މީހުންނަށް ދިރިއުޅެވޭނެކަމުގެ ހުވަފެންތައް މި ސަރުކާރުން އަންނަނީ ދައްކަމުންނެވެ. ނަމަވެސް ރައްޔިތުން ބުނާ ގޮތުގައި މިއީ، އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް އިބްރާހިމް ފަތުރުއްވާ ޕްރޮޕެގެންޑާއެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button