ޚަބަރު

މާލޭން ބޭރުގައި ޗުއްޓީގައި ތިބި ގިނަބައެއްގެ އެދުމުގެމަތިން ޢީދު ބޮކިތައް ނެގުން ފަސްކުރަން ނިންމައިފި

އަޟްޙާ ޢީދުގެ މުނާޞަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި ހަރުކުރި ކުލަބޮކިތަކާއި، ގިޑިގެތައް ނެގުން ފަސްކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ އަޟްޙާ ޢީދު ޗުއްޓީގައި މާލެއިން ބޭރުގައި ތިބި ގިނަ ފަރާތްތަކަކުން މި މަންޒަރުތައް ބަލާލުމުގެ ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެންނެވެ.

އެކަމަށް އިޝާރާތްކުރައްވާ މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޢީދު ޗުއްޓީގައި އެކި ސަބަބުތަކާ ހުރެ ރާއްޖެއިން ބޭރަށް ދިޔަ ގިނަ ބަޔަކު ދަނީ އީދު ލައިޓްތައް ބަލާލުމުގެ ފުރުސަތު ލިބޭތޯ ސުވާލު ކުރަމުންކަމަށެވެ. އަދި މާލެސިޓީ ކައުންސިލުން އެންމެ ފުރަތަމަ ނިންމީ މާދަމާ (ޖުލައި 2) އިން ފެށިގެން އެ ބޮކިތަކާއި ގިޑިގެތައް ނެގުމަށް ކަމަށް މޭޔަރ ވިދާޅުވިއެވެ.

އެހެންނަމަވެސް ގިނަ ބަޔަކު މި މަންޒަރުތައް ބެލުމަށް ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެން ކުލަބޮކިތަކާއި ގިޑިގެތައް ނެގުން އަންނަ ހަފްތާގެ ބަންދު ދެ ދުވަސް ކަމުގައިވާ ޖުލައި 7 އަދި ޖުލައި 8 ކަށް ފަސްކުރަން ނިންމާފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލަދެއްވީ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކާ ބޭއްވި ޙަފްލާއެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ބޮކިތައް ދިއްލާލުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ޤައުމަކަށްވާއިރު އަދި މާލެއަކީ ވެރިކަން ކުރާ ރަށަށް ވާއިރު، ޢީދު ފަދަ މުސްލިމުން ފާހަގަކުރާ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަކުރަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ. ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ ”ޢީދު މުބާރަކް“ ގިޑިގެ ތަކާއި ޑިޒައިންތަކަށް ހަދާފައިވާ ގިޑިގެތަކުގައި ބޮކިފަތި ހަރުކޮށްފަ އެވެ.

މާލެސިޓީ ކައުންސިލްގެ މި މަސައްކަތަށް އެތައް ބަޔަކު ދަނީ މަރުޙަބާ ކިޔަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button