ރިޕޯޓްސިޔާސީ

ފުލުހުންގެ ފްލެޓު ނިންމޭނެ ތާރީހެއް ނޭންގޭ، އިބިލީހުގެ ކައިވެނި ބާ؟

ފުލުހުންނާ ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓު އިމާރާތްކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙަންމަދު ނަޝީދުގެ ދައުރުގައެވެ. އެގޮތުން 2008 ވަނަ އަހަރު އެމަނިކުފާނު ވަނީ ފުލުހުންނާއި، ފުލުހުންގެ އާއިލާތަކަށް ބިން ދޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭގެފަހުން 2011 ވަނަ އަހަރު ވަނީ 300 ފްލެޓު އިއުލާންކޮށްފައެވެ. މި ފްލެޓުތަކަށް 1000 އަށްވުރެ ގިނަ ފުލުހުން ކުރިމަތިލިއެވެ. އޭގެ ތެރެއިން 300 ފުލުހުން ގުރުއަތުން ހޮވުމަށްފަހު އިތުރު 50 ފުލުހަކު ވަނީ ވެއިޓިންގް ލިސްޓަށް ހޮވާފައެވެ. އެހެން ނެމެވެސް ރައީސް ނަޝީދު ވެވަޑައިގެން ވައުދުގައި, އެމަނިކުފާނުގެ ދައުރު ނިމިގެން ދިޔައިރު ހަވާސާވެސް އަޅައެއްނުލެވުނެވެ.

2013 އަށް ޖެހިލާނަމެވެ. ފުލުހުންގެ ފްލެޓުތަކުގެ ވާހަކައަކީ އަދިވެސް ”ހުސް ވާހަކަ“ އެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރުގެ ނޮވެންބަރު މަހު ވަނީ ފުލުހުންގެ ތެރެއިން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއެކޮށްފައެވެ. އަދި ހަމަ އެހެންމެ ޕޮލްކޯގެ ފަރާތުން މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލީސް އަބްދުލް މަންނާން ޔޫސުފް ފްލެޓު ލިބުނު ފުލުހުންނާ ބައްދަލުކޮށް 02 އަހަރުތެރޭ އެގްރީމެންޓުގައިވާ ފަދައިން ފައިސާ ދައްކާ ހަލާސްކުރުމަށް އެންގިއެވެ. އިމާރާތުގެ ފައުންޑޭޝަންވެސް ނޭޅި ވަނިކޮށް ފައިސާ ދެއްކުމަށް ފުލުހުންނަށް މަޖުބުރު ކުރުވިއެވެ.

ފުލުހުންގެ ފްލެޓުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑި ކިޔާ ކުންފުންޏަކާއެވެ. ނޫމަޑިއަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި އެކި މަސައްކަތްތަކާއި ”ހަވާލުވެފައިވާ“ ކުންފުންޏެކެވެ. ފުލުހުންގެ ފްލެޓުތައް މަސައްކްތް ނުފެށި އުޅެނިކޮށް ގެއްލިދާނެކަމުގެ މަލަމަތި ފެންނާން ފެށީ މިހިސާބުންނެވެ.

ނޫމަޑިއަކީ ދިވެހިރާއްޖޭގައި ކޮންސްޓްރަކްޝަން ވިޔަފާރީގެ އިތުރުން ރިސޯޓު ވިޔަވާފާރިއާއި އެނޫންވެސް މަސައްކްތްތައް ކުރަމުން އައި ކުންފުންޏެކެވެ. އޭރު މި ކުންފުނީގެ އެންމެ އިސް ހިއްސާދާރަކީ ކްރިސްޓޮފާ ޕީޓާ ނިކޮލާސް ނަމަކަށް ކިޔާ ސްވިޒަލެންޑުގެ މީހެކެވެ. އަދި ފާހަގަކުރެވިފައިވާ ގޮތުގައި މި ކުންފުންޏާ ހަވާލުކޮށްފައިވާ ގިނަ މަސައްކަތްތަށް ހަވާލުކޮށްފައިވަނީ ބިޑު ކުރުމަކާ ނުލައެވެ. އަދި މިކުންފުނިން ހަވާލުވާ މަސައްކްތްތައް ގިނަ ފަހަރަށް ކުރަނީ އައިލްނޑް އެކްސްޕަރޓް ކިޔާ ކުންފުންޏަކަށް ސަބްކޮންޓްރެކްޓަށް ދޫކޮށްގެނެވެ. މި ކުންފުންޏަކީ ނޫމަޑީގެ ހިއްސާ އޮންނަ ކުންފުންނެކެވެ.

ފުލުހުންގެ ފްލެޓު ނޫމަޑިއާ ހަވާލުކުރެވުނީ އޭރުގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ނުފޫޒުންކަމަށް ވަނީ އަޑުފެތުރިފައެވެ. އެހެން ނަމަވެސް ފުލުހުންގެ ފްލެޓު އެޅުމުގެ އަމަލީ މަސައްކްތް މިހާ ހިސާބުން ފެށިގެން ދިޔައެވެ. 

ނޫމަޑިއާއެކު އެއްބަސްވުން ހެދުނުދާ 02 އަހަރާއި، 08 މަސް ދުވަސް ވެގެންދިޔައިރުވެސް ފުލުހުންނަށް ވައުދުވެވުނު ފަދައިން 02 އަހަރު ތެރޭގައި ފްލެޓަށް ވަދެވޭވަރެއް ނުވިއެވެ. ފުލުހުން ފައިސާ ދައްކާ ހަލާސްކުރި ފްލެޓުތަކުގައި ނިންމާލެވިފައިހުރީ ހަމައެކަނި ސްޓްރަކްޗަރގެ މަސައްކަތެވެ. މިކަމުގެ ޝަކުވާ ބޮޑުވާންފެށުމުން ޑީސީޕީ މަންނާން ވަނީ އެއްބަސްވުމުގެ މައްދަތު ހަމަނުވާ ކަމަށްބުނެ މައްސަލަ އޮއްބާލާފައެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން ވަނީ ނޫމަޑިއާއެކު އެއްބަސްވުން އައުކޮށް، މުއްދަތު އިތުރުކޮށްފައެވެ. އެހެން ނަމަވެސް މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދިޔުމުން އެއްބަސްވުން ބާތިލްކުރިއެވެ.

މިހާހިސާބުން ފްލެޓުތަކުގެ މަސައްކްތް ނިންމުމަށް ހަވާލުކުރެވުނީ އައިލެންޑް އެކްސްޕަރޓް ކުންފުންޏާއެވެ. އާދޭހެވެ. ނޫމަޑީގެ ހިއްސާ އޮންނަ، ނޫމަޑީގެ ”ދަރި“ ކުންފުންނާއެވެ. ކުރިންވެސް ނޫމަޑިން މި މަސައްކްތް ސަބް ކޮންޓްރެކްޓަށް ދޫކޮށްފައިވާ ފަރާތާއެވެ. މިކަން މިގޮތަށް ކުރީވެސް ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ނުފޫޒުންނެވެ.

03 އަހަރު ފާއިދުވެގެންދިޔައިރު، އައިލެންޑް އެކްސްޕަރޓް ކުންފުންޏާއެކު 05 ފަހަރެއްގެ މަތިން އެއްބަސްވުން އައު ކުރުމަށްފަހުވެސް މަސައްކަތް ނިންމާލެވޭގޮތް ނުވިތާނގައި މާބޮޑޫ ކުރިއެރުމެއްވެސް ވަނީ ނުލިބިފައެވެ. އަދި އެކުންފުންޏަށް އެތައް ފަހަރެއްގެ މަތިން ފައިސާ ދީފާއިވާއިރު އެޑްވާންސްކޮށް ނުކުރާ މަސައްކަތްތަކަށްވެސް 03 ފަހަރެއްގެ މަތިން ވަނީ ފައިސާ ދީފައެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރި ތިން ފުލުހެއް ވަނީ މަގާމުގެ ގިންތިން ދަށްކޮށްފައެވެ.

ފަސް އަހަރު ވެގެންދިޔަ އިރު ދެކުންފުންނަށްވެސް މަސައްކަތް ނުނިންމުނު އިރު، އިތުރު ކުންފުންޏަކާ ހަވާލުނުކުރީ ކީއްވެބާއެވެ؟ މި މަސައްކަތަކީ އިތުރު ކުންފުންޏަކަށް ނުކުރެވޭވަރު މަސައްކަތެއް ބާއެވެ؟ ފުލުހުންގެ ފްލެޓުގެ މަސައްކްތުގެ އެއްބަސްވުން ޖުމްލަ 07 ފަހަރެއްގެ މަތިން ނޫމަޑިއާއި އައިލެންޑް އެކްސްޕާތާއެކު ހެދުނު އިރު އެއްބަސްވުން ހަދާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންނެވެ. ކުންފުނީގެ ހަރަދުގައި އެއްބަސްވެފައިވާ ގޮތަށް މަސައްކްތް ނިންމުމުން ފައިސާ ދައްކާގޮތަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ ދެކުންފުންޏަށްވަނީ މަސައްކަތަށް އެތެރެކުރާ ސާމާނުގެ ޑިއުޓީ މާއާފުކޮށްދީފައެވެ. މާނައަކީ 05 އަހަރުވަންދެން ނޫމަޑިއާއި އައިލެންޑް އެކްސްޕާޓުން އެތެރެކުރި މުދާ އެތެރެކޮށްފައިވަނީ އެއްވެސް ޑިއުޓީއެއް ނުދައްކައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން ވަނީ އެދެކުންފުނިން މަސައްކަތަށް ބޭޏުންވާވަރަށްވުރެ އިތުރަށް ސާމާނު އެތެރެކޮށް ޑިއުޑީ އިން ރެކި، އެކުންފުނީގެ އެހެން މަސައްކަތްތަކަށް ތަކެތި ގެންނަމުންދާކަމުގެ ތުހުމަތު އަމާޒުވެފައެވެ. އެހެން ނަމަވެސް މި ތުހުމަތުތައްވެސް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވަނީ އޮއްބާލާފައެވެ.

ދުވަސްތަކަށްފަހު އަނެއްކާވެސް ފުލުހުންގެ ފްލެޓުގެ ވާހަކަ އަޑު އިވެންފެށީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙަންމަދު ސާލިހުގެ ރިޔާސީ ކެންޕެއިނުގައެވެ. އެމަނިކުފާނު އޭރު ވަނީ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ފްލެޓުތައް ނިންމަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ދައުރުވެސް ނިމިގެން ދަނީއެވެ. އަދިވެސް ފުލުހުން ތިބީ 06 އަހަރު ކުރިން ދެއްކި ފައިސާވެސް ގެއްލި، ބޯހިޔާވަހިކަމުން މަހުރޫމުވެފައެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީމަހު ފުލުހުންގެ ފްލެޓުގެ މަސައްކްތް ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާޅުކޮށްފައެވެ. އަދި ހައުސިންގް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހުރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެ މަސައްކްތް ނިމޭނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖްލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން މިހާރު ގެންދަނީ ބަލަމުންނެވެ. އެހެން ނަމަވެސް އެސްއޯއީ ކޮމިޓީގެ ބައްދަލުވުންތަކުންވެސް ފުލުހުންނަށް ލިބުނީ އިތުރު ހިއްދަތިކަމެކެވެ.

އެގޮތުން ރައްޔިތުންގެ މަޖްލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި  ފުލުހުންގެ ފްލެޓުތައް ސެޕްޓެންބަރު 20 ގެ ނިޔަލަށް ނިމޭނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެހެން ނަމަވެސް ހަމަ އެ ބައްދަލަވުމުގައި ޕްލޭނިންގް މިނިސްޓަރ އަކްރަމް ވިދާޅުވީ ފްލެޓު ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަށްވުރެ 2 މަސްދުވަސް ލަސްވާނެކަމަށެވެ. އަދި ފްލެޓުތަކުގެ މަސައްކަތް މަޑުޖެހިފައިވަނީ ފްލެޓު ތަކުގެ ނެޓްވޯކިންގް އަދި ކެމެރާ ސިސްޓަމްގެ މަސައްކްތް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުން އެމަސައްކަތް ކުރުމުގައި ލަސްތަކެއް ވަމުންދާތީކަމާށާއި، އެކަމުގެ ސަބަބުން މިހާރު ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާ އަމީން ކޮންސްޓްރަކްޝަންއަށް މަސައްކްތް ކުރިއަށް ގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތް މިހާރު ”ބޮޑު މަސްހުނި ގަނޑަކަށް“ ވެފައިވާކަމަށާއި، މަސައްކަތަށް ބޭނުންވާ ސާމާނު ހަމައަށް ނެތްކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ނިމޭނެ ސީދާ ތާރީޙެއް ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފްލެޓު ތަކުގެ ނެޓްވޯކިންގް އަދި ކެމެރާ ސިސްޓަމްގެ މަސައްކްތް ކުރުމަށް ހަވާލުކޮށްފައިވާ ފަރާތާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިލްންޑް އެކްސްޕާޓުން ސަބް ކޮންޓްރެކްޓުގެ ދަށުންނެވެ. މިއީ ނޫމަޑީގެ ދެވަނަ ”ދަރި“ ކުންފުނި ނޫންބާވައެވެ؟

ފުލުހުންގެ ފްލެޓުތަކުގެ ވާހަކަ ދެކެވެންފެށިތާ 13 އަހަރު ވެގެންދިޔައިރު، ފެންނާންހުރީ ހުސް އިމާރާތްތަކެކެވެ. ގުރުއަތުން ހޮވުނު ފުލުހުންގެ 11 އަހަރުގެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެއް އަދިވެސް ނޭންގެއެވެ. ދެ ރައީސުންގެ ވައުދެ ވެފައިވަނި ”ހޮޅި“ ވައުދަކަށެވެ. އެހެން ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ފައިދާވީ ދެފަރާތެއް ވެއެވެ. ނޫމަޑިއާއި އައިލެންޑް އެކްސްޕާރޓަށެވެ. އަދި އެކުންފުންޏަށް ވާގިވެރިވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމާއި، އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށެވެ. ކޯލިޝަން ސަރުކާރުގެ ފަޅުވެރިންނަށެވެ. ފުލުހުންގެ ފްލެޓުތަކަށް ހަގީގަތުގައިވެސް ވަފައިވަނީ އިބިލީހުގެ ކައިވެންޏަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button