
އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޕްރްސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ އަމުރު ނެރެދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވަނީ ނިމި ދިޔަ ޖޫން މަހުގައެވެ. ޕީޖީ ޝަމީމް ގެ ބްލޮގުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގައި، އޭނާގެ ޕާސްޕޯޓު ހިފަހައްޓުމުގެ މަގްސަދެއް އޮތް ކަމަކަށް ނުދެކޭތީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.
https://twitter.com/HuShameem/status/1411608923266699264?s=20
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ. އިސްތިއުނާފު ކުރާނީ އަލީ ވަހީދަކީ ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ވެސް ނުފެނި ފިލައިގެން އުޅޭ މީހެއް ކަމަށް ލިޔެ ކިޔުމުން ފެންނަން އޮތް މީހެއް ކަމަށް ވާތީ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ދެކޭތީ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަލީ ވަހީދަށް ދައުވާ ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ. އަދި އާންމުންގެ ޕްރެޝަރުގެ ސަބަބުން މިދިޔަ އަހަރު އޭނާ ވަނީ މަގާމުން ދުރުކޮށްފައެވެ.
އަލީވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް، އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެދި ހުއްދައަށް އެެދިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް މިދިޔަ ފެބްރުއަރީ މަހު ދޫކުރީ ޕީޖީ އޭނާގެ ޕާސްޕޯޓް ދޫނުކޮށް، ޓްރެވެލް ޑޮކިއުމެންޓްއެއްގެ ދަށުން ފުރަން ހުއްދަ ދިނުމަށް ކޯޓުގައި އެދިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.