ޚަބަރުކުޅިވަރު

އައްޑޫ ސިޓީ ”ސަދަން ސްޕޯޓްސް“ ފިރިހެން ވޮލީބޯޅަ މުބާރާތް ޖޫން 25 ގައި ފަށަނީ

އަޟްޙާ ޢީދުގެ މުނާސަބަތުގައި އައްޑޫސިޓީ ސަދަން ސްޕޯޓްސް ފިރިހެން ވޮލީބޯޅަ މުބާރާތް 25 ޖޫންގައި ފެށުމަށް ނިންމައިފިއެވެ.

މިއީ ދަ ސަދަން ސްޕޯޓްސް ކްލަބުގެ ނަމުގައި ކްލަބެއް އުފައްދާ އައްޑޫގެ 3 ޒުވާނުން ކަމަށްވާ އައިޝަތު ޝީނާ އާއި، ފާތިމަތު ތައުފީޤް އަދި އައިމިނަތު ޝަފީނާޒް ގެ އިސްނެގުމާއިއެކު ނިމިދިޔަ ފިތުރު ޢީދުގައި އައްޑޫ ސިޓީގައި ފެށިގެން ދިޔަ މުބާރާތެކެވެ. އެގޮތުން ނިމިދިޔަ ފިތުރު ޢީދުގައި މުބާރާތް ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

އަންހެން ވޮލީ މުބާރާތުގައި 4 ޓީމުން ވަނީ ބައިވެރި ވެފައެވެ. އެއީ އައްޑޫ ސިޓީ މަރަދޫއިން އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) އާއި، މީދޫ ވޮލީ ޓީމުގެ އިތުރުން މީދޫގެ ދެ ޓީމެއް ކަމަށްވާ ވޯރިއާސް އާއި ޕުޝްޕާ އެވެ.

މި އަހަރުގެ އަޟްޙާ ޢީދުގައި ބާއްވާ ވޮލީ މުބާރާތް ޚާއްސަކޮށްފައި ވަނީ ފިރިހެން ޓީމް ތަކަށެވެ،

25 ޖޫންގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
ސަދަން ސްޕޯޓްސް ފިރިހެން ވޮލީބޯޅަ މުބާރާތުގައި ވާދަ ކުރާ ޓީމް ތަކަކީ:
  • ގަން ޕޮލިސް ކްލަބް
  • މީދޫ ވޮލީ ޓީމް
  • ފޭދޫ ޓީމް
  • ޓީމް ވޯރިއަރސް
  • ގުޑް ބަޑީސް އެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްގެ ކުޅުންތެރިންނާއި، ރާއްޖޭގެ އެކި ހިސާބުތަކުގެ ކުޅުންތެރިން ބައިވެރިވެއެވެ.

އައްޑޫ ސިޓީގައި ނެތިފައިވާ ވޮލީގެ ފޯރިގަދަ ކުޅިވަރުގެ ރޫޙު އާލާކުރުމަށް ޒަމާންތަކަކަށްފަހު އައްޑޫ ސިޓީއަށް ނިސްބަތްވާ 3 ކަނބަލުން އިސްނަގައިގެން ކުރިއަށް ގެންދާތީ ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

މުބާރާތާއި ބެހޭގޮތުން އައްޑޫސިޓީ ސަދަން ސްޕޯޓްސްގެ ފަރާތުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި ނެތިގެން ގޮސްފައިވާ ވޮލީ ބޯޅަ ކުރިއެރުވުން ކަމަށާއި، ފުރުސަތު ގެއްލިފައިވާ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސީ ބްރީޒް ކެފޭއެވެ، އަދި ކޯ ސްޕޮންސަރުންގެ ތެރޭގައި ހެޕީ މާކެޓް، ކޮންޓްރޯލް ޕީ، އެސްޖޭ ކޮންސްޓްރަކްޝަންސް އަދި ސައުތް ޕާމް ރިސޯޓް މޯލްޑިވްސް ހިމެނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ވޮއިސް އެމްވީ އަދި ހުވަދޫ ނިއުސް އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button